ބީއެމްއެލް އިސްލާމިކުން ކިޔެވުމަށް ފައިސާ ދޫކުރަނީ

ބީއެމްއެލް އިސްލާމިކްއިން އެޑިއުކޭޝަން ފައިނޭންސިން ނުވަތަ ކިޔެވުމަށް ފައިސާ ނެގޭނެ ފެސިލިޓީއެއް ތައާރަފްކޮށްފި އެވެ. ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން އިޖާރާގެ ދަށުން އެކުލަވާލެވިފައިވާ މި ފެސިލިޓީއިން ސެޓްފިކެޓް ލެވަލް ކޯސްތަކުން ފެށިގެން ޑޮކްޓަރޭޓްއާ ހަމަޔަށް ދުނިޔޭގެ ކޮންމެ ތަނަކުންވެސް މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ފެސިލިޓީ މެދުވެރިކޮށް ތައުލީމަށް ހިނގާ ހަރަދުގެ އިތުރުން ޓިއުޝަން ފީ އަދި ދިިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ހަރަދުތައް ހިމަނައިގެން ޖުމްލަ ހަރަދުގެ 75 ޕަސެންޓާ ހަމައަށް ފައިނޭންސް ކޮށްދޭނެ އެވެ. ޖުމުލަ ހަރަދުގެ 25 ޕަސެންޓު ހަރަދު ކުރަން ޖެހޭނީ ފައިނޭންސިންއަށް އެދި ހުށަހަޅާ ފަރާތުން އަމިއްލައަށެވެ. އަދި ފައިނޭންސްކޮށްދޭ އަދަދުގެ 150 ޕަސެންޓަށްވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަން ޖެހޭނެ އެވެ. ފައިސާ އަނބުރާ ދައްކާ ހަލާސްކުރުމަށް އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 10 އަހަރެވެ. އަދި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 11 ޕަސެންޓުގެ ރޭޓުގަ އެވެ. އެޑިއުކޭޝަން ފައިނޭންސިންއަށް ހުށަހަޅަން ޖެހޭނީ ހ. ޒޮނޭރިއާގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް ހުށަހެޅޭނެ އެވެ. މި ފެސިލިޓީއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ