ދެއްކި ފައިސާ ހޯދަން ދައުވާ ކުރާނަން: ޑރ ޝަހީދު

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާކަމަށް ބުނެ އެ ފައިސާ އަނބުރާ ދެއްކުމަށް އަންގާފައިވާ ފަރާތްތަކުގެ ތެރެއިން ހަމަ އެކަނި ފައިސާ ދެއްކި ކުރީގެ ފޮރިން މިނިސްޓަރު ޑރ އަހުމަދު ޝަހީދު ދެއްކެވި ފައިސާ ހޯދަން ދައުވާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އޭނާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވަނީ 46،556ރ. އެވެ.
މިހާރު އދ ގެ ވަޒީފާއެއްގައި  އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ ޝަހީދު ރާއްޖެ އެމްވީއަށް ވިދާޅުވެފައިވަނީ އެ ފައިސާއަކީ އޭނާ ދައްކަން ޖެހޭ އެއްޗެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ފައިސާ ދެއްކީ ސަރުކާރުން ދިން މުއްދަތު ކުޑަކަމުން އެއީ ރަސްމީ ހައިސިއްޔަތުންކޮށްފައިވާ ހަރަދެއްކަން ސާބިތުކޮށްދިނުމަށް ވަގުތު ނުލިބުމުން ކަމަށެވެ.
ޑރ ޝަހީދު ވިދާޅުވީ އެ ދަތުރުގެ ތަފްސީލް ހުރީ ސަރުކާރުގައި ކަމުން ތަފްސީލް ލިބުން ދަތިވާނެ ކަމަށާއި ތަފްސީލްތަށް ލިބިއްޖެ ނަމަ ދައުވާ ކުރުން އެއީ އޮތް ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ އެއީ ޑރ ޝަހީދު ދައްކަންޖެހޭ ފައިސާކަން ބަޔާންކޮށްދީ އެއްވެސް ލިއުމެއް ސަރުކާރުން ނުފޮނުވާ ކަމަށެވެ.
އޭނާ ދައްކަވަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ 46،556ރ. އަކީ ފޯން ބިލަށް ދައްކާފައިވާ ފައިސާ އާއި ޖެނީވާއަށް ކުރެއްވި ދަތުރެއްގެ ފައިސާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. އެ ފޯން ބިލަކީ އަދި ކުރެއްވި ދަތުރަކީ ވެސް ފޮރިންގ މިނިސްޓަރު ކުރެއްވި ކަމަކަށް ފޮރިން މިނިސްޓްރީން ކޮށްފައިވާ ހަރަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތަށް ފައިސާ  ދައްކަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ނަން ހާމަކޮށްފައިވާ ފަރާތްތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ވެރިކަމުގައި ފޮރިންގ މިނިސްޓަރުކަން ކުރެއްވި ޑރ އަހުމަދު ޝަހީދާއި އަހުމަދު ނަސީމު، މާލޭ ސިޓީ ކައުންސިލްގެ ރައީސް މުހައްމަދު ޝިހާބު، އެމްޑީޕީ ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އަހުމަދު އަދި އޭރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ފައިސާ ދެއްކުމަށް ދީފައިވާ ހަތް ދުވަސް އިއްޔެއަށް ހަމަވި އިރު ފައިސާ ދެއްކީ ހަމައެކަނި ޑރ ޝަހީދު ކަމަށެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ.
ދައުލަތުގެ މާލިއްޔާއިން ނަގާފައިވާ ކަމަށް ބުނާ ފައިސާ ދައްކަން އެމްޑީޕީ ސަރުކާރުގެ ހަ ވެރިއަކާއި ރައީސް ނަޝީދަށް އެންގުމުން އެމްޑީޕީން ބުނީ އެޕާޓީގެ ވެރިކަމުގައ ދައުލަތުގެ ފައސާ ބޭނުންކުރީ މާލިއްޔަރު ގާނޫނާއި އެއްގޮތަށް ކަމަށެވެ،
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ