މެމްބަރު އާޒިމްއާއި، ނާޝިޒް ގެ ގޮނޑި ހުސްނުވެ ދިގުދެމިގެންދާނެ - މަޖްލިސް

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު ޢަލީ ޢާޒިމާއި އަލިފުށި ދާއިރާގެ ޑީއާރުޕީ މެންބަރު މުޙައްމަދު ނާޝިޒުގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމަށް ނިންމެވި ނިންމެވުމަކީ ޞައްޙަ ނިންމެވުމެއް ނޫންކަމަށާއި، އެދެމެންބަރުންގެ ގޮނޑި ހުސްނުވެ ދެމިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ނިންމަވައިފިއެވެ.
 
މި ކޮމެޓީގެ ނިންމުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރޭގެ ވަގުތެއްގައި ނެރުނު ނޫސްބަޔާން ބުނާގޮތުގައި، އެ ދެ މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި، އެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ބޭއްވިތާ  އަހަރެއްވާން ކައިރިވެފައިވަނިކޮށް، އެ ދެބޭފުޅުންގެ ޣައިރު ހާޟިރުގައި އެ މައްސަލައިގައި އިއްޔެ ޙުކުމްކުރެވުނީ، އަންނަ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގައި ވަޒީރެއްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކުރެވިފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްފައިވެއެވެ. އަދި މި ކަމަކީ ވަރަށް ބޮޑަށް ސިޔާސީ ވިސްނުމެއްގައި ކޮށްފައިވާ ކަމެއްކަމަށް ތުހުމަތު ކޮށްފައިވެއެވެ.
 
މީގެއިތުރުން، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެއް ފަނޑިޔާރަކަށް، މައްސަލަ ދިރާސާކުރެއްވުމަށް އެކަށީގެންވާ ވަގުތު އަރުވާފައި ނުވާކަމަށާއި، އެ މައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ އެ ފަނޑިޔާރުގެ ރަޢުޔު ނެތިކަމުން، އެއީ، ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ އިޖުރާއާތުގެ ބޭރުން ކުރައްވާފައިވާ ޙުކުމެއްކަމަށް ފެންނަކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމްއާއި އަލިފުށީ ދާއިރާގެ ޑީއާރުޕީ މެމްބަރު މުހައްމަދު ނާޝިޒްގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އިއްޔެއެވެ. މި މައްސަލަ މި ގޮތަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
 
 
ނާޝިޒާއި އާޒިމްގެ ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމް ކޮށްފައިވަނީ އެ ދެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނުތަކަކަށް ސަތޭކަ ސަތާރަ މިލިއަން ރުފިޔާ ދެއްކުމަށް 7 ފެބުރުއަރީ 2010 ގައި ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު އެ ފައިސާ އެއްވެސް ވަރަކަށް ދައްކާފައިނުވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ