ރައީސް މައުމޫން ވީތަނެއް ވީހާލެއް ނޭނގޭ: ވަކީލު

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭގެ ވަގުތެއްގައި ކުއްލިގޮތަކަށް ކަނުއަނދިރީގައި މާފުށީ ޖަލަށް ގެންގޮސް ބަހައްޓާފައިވަނީ ކޮންތާކު ކަމެއް އަދި އެމަނިކުފާނުގެ ހާލަތެއް ވެސް ނޭނގޭ ކަމަށް މައުމޫންގެ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް ވިދާޅުވީ އުމުރުން ދުވަސްވީ ބޭފުޅަކު ރޭގަނޑުގެ ކަނުއަނދިރީގައި، ކުއްލި ގޮތަކަށް އެހެން ޖަލަކަށް ބަދަލުކުރީ ކޮން ސަބަކާހެދިކަން އެނގިވަޑައިނުގަންނަވާ ކަމަށާ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ކަނު އަނދިރީގައި ނުގެންގޮސް ދުވާލު ގަޑީގައިވެސް ގެންދެވިދާނެކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ އުމުރުން ދުވަސްވީ ބޭފުޅަކު، އެއްވެސް އާދަޔާޚިލާފު ކަމެއް ދިމާނުވާއިރު، އެހާ ދިގުދަތުރެއް ލޯންޗެއްގައި އެގަޑީގައި ކުރައްވަން ޖެހިވަޑައިގަތުމަކީވެސް ކަންބޮޑުވުމެއް ކަމަށާ، އެކަން އެގޮތަށް ކުރަން ޖެހުނު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަަމަށެވެ.
ދޫނިދޫ ޖަލުގައި ރައީސް މައުމޫނު ބަހައްޓާފައި ހުންނެވީ އެއުމުރުގެ ބޭފުޅަކު ބަހައްޓަން އެކަށީގެންވާ ތަނެއްގައި ނޫންކަަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ މިހާރު މާފުށީ ޖަލުގައި ހުންނެވި ތަނާއި އެމަނިކުފާނުގެ މިއަދު ހާލަތަކީ ކޮބައިކަންވެސް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރޭގައި މާފުށީޖަލަށް ވަޑައިގެންނެވުމަށްފަހު އާއިލައަށް ގުޅުއްވާ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވި ކަމުގައި ޝަމީމް ވިދާޅުވިއެވެ.
ރައީސް މައުމޫން ދޫނިދޫގައި ހުންނެވި ތަނާ ގުޅޭގޮތުން ވަކީލުން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިވަގުތު ޖަލުގައި ތިއްބެވި ރައީސް މައުމޫނާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު ބަހައްޓާފައިވާ ތަންތަނުގެ ހާލަތު ރަނގަޅު ކަމަށެވެ. މިކަމާ ގުޅޭގޮތުން ރައީސް މައުމޫންގެ ވަކީލް ހުސެން ޝަމީމް ވިދާޅުވީ އެޗްއާރްސީއެމަށް ލައްކަތަންތަން ނުފެންނަ ކަމަށާ އެމުވައްސަސާގެ މެމްބަރުން ތިއްބަވަނީ ބިރުން ކަަމަށެވެ. ރައީސް މައުމޫނަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން ޝަމީމް ވިދާޅުވީ އެހުރިހާ ތުހުމަތަކަށް ރައީސް މައުމޫން އިންކާރު ކުރައްވާ ކަމަށެވެ. އަދި ސަރުކާރު ވައްޓާލަން ރައީސް މައުމޫނު ނޫޅުއްވާ ކަމުގައި ރައީސް މައުމޫނު ވިދާޅުވި ކަމުގައި ވެސް ޝަމީމް ވިދާޅުވި އެވެ.
ރައީސް މައުމޫން ރޭ މާފުށީޖަލަށް ބަދަލުކުރުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ އެމަނިކުފާނު ހުންނެވީ ވަރަށް ގަދަޔަށް ހުންއައިސްފައިވާ ކަމަށެވެ. އެހާލަތުގައި ހުންނަވަނިކޮށް ރޭގަނޑު ދަންވަރު އެމަނިކުފާނު ބަދަލުކުރެވުނު މާފުށީޖަލަކީ ބޭސްފަރުވާގެ އެކަށީގެންވާ ވަސީލަތްތަކެއް ނެތް ތަނެއްކަން ރިޔާޒު ފާހަގަކުރެއްވި އެވެ.
މިއީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާކުރުމަށް ގަސްދުގައި ކުރި ކަމަކަށް ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް މައުމޫނަކީ ކުށްވެރިއެއް ނޫން ކަމަށާއި އެމަނިކުފާނު ދޫކޮށްލަންޖެހޭ ކަމަށެވެ. ރިޔާޒު ވަނީ ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުން ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ވެސް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ