2013 ގައި ފެށި ގައުމީ އޮޑީގެ ދަތުރު ނިންމާލާނީ 2018 ކާމިޔާބުކޮށްފައި: ޕީޕީއެމް

2013 ގައި ފެށި ގައުމީ އޮޑީގެ ދަތުރު ނިންމާލާނީ 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ފަހު މިހާރު ހުންނެވި ކައްޕިއާ ދެވަނަ ދަތުރެއް ހަވާލުކޮށްފައި ކަމަށް ޕީޕީއެމުން ބުނެފިއެވެ.ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ 2013 ގައި ގައުމީ އޮޑީގައި ފެށި ދަތުރު އަމާންކަމާއެކު ނިންމާލުމަށްފަހު ރިޔާސީ އިންތިޚާބުގެ ފަހުން މިހާރު ހުންނެވި ކައްޕިއާއެކު ދެވަނަ ދަތުރެއް ފަށާނެ ކަމަށެވެ. ގައުމުގެ އޮޑި ފަރަށް އަރާކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ މިހާރު ގައުމީ އޮޑީގައި ހުންނެވި ކައްޕިއަކީ ގަދަ ކަނޑުގައި ވެސް ފަރަށް އަރުވާނުލާ ދުއްވާލެވޭ ވަރުގެ ކުޅަދާނަ ކައްޕިއެއް ކަމަށެވެ. އަދި ގަދަ ކަނޑުގައި ނުދުއްވިގެން އޮޑި ފައްތާލުމަށް ފަހު އޮޑި ދޫކޮށް ފިއްލެވީ ނަޝީދު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.އަަބްދުއްރަހީމް ވިދާޅުވީ ޖުޑިޝަރީތެރެއިން ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުވީ ދައުލަތުގެ ބަންޑާރަ ނާއިބާއި، ސަލާމަތީ ބާރުތައް ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާ އެކު ތިބުމުން ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގެ ރުހުން ނުހޯދުނު ހަމައެކަނި ވެރިޔަކީ ކުރީގެ ރައީސް ނަޝީދު ކަމަށާއި، ނަޝީދަކީ ސިފައިންނާ ފުލުހުން ބަދުނާމްކޮށް، އެފަރާތްތަކުގެ ބޮލުގައި ބޮޑެތި އިލްޒާމުތައް އަޅުވައިގެން އުޅުނު ބޭފުޅެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ މީގެ ދެދުވަސްކުރިން ސިފައިންގެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅެއްކަމަށްވާ ޒަކަރިއްޔާ މަންސޫރު ހައްޔަރުކުރި ކަމަށް ވިދާޅުވެ ޓުވީޓު ކުރައްވާފައިވާކަމަށެވެ. އަދި މިފަދަ ބޮޑެތި ބުހުތާނު ދޮގުތައް ނަޝީދު ހައްދަވަނީ ސިފައިންނާ ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދަން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ