ރައްޔިތުން މާލެ އައުމަށް ނަޝީދު ގޮވާލައިފި

ހުރިހާ ރައްޔިތުން މާލެ އައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.
"ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިޔުއެއްގައި އެމަނިކުފާނު ވިދާޅުވީ  މިހާރު ރާއްޖޭގައި ކަންކަން ކުރަމުން މިދާ ގައިރުގާނޫނީ ކަންކަން ހުއްޓުވުމަށް  ރާއްޖޭގެ ރަށްތަކުން މީހުން މާލެ އަރަން ޖެހޭނެ ކަމުގައެވެ.
"ރާއްޖޭގައި މިހާރު ހިނގަމުން މިދާ ޣައިރު ގާނޫނީ ކަންކަން ހުއްޓުވުމަށް ރާއްޖޭގެ ރަށްރަށުން މީހުން މާލެ އަރަން ޖެހޭ" ނަޝީދު ވިދާޅުވިއެވެ.
އަދި ސްޕްރީމް ކޯޓުގެ ހުކުމް ތަންފީޒް ކުރުން ނޫން އެހެން ގޮތެއް ރައީސް ޔާމީނަށް ވެސް އަދި ބަންޑާރަ ނައިބާއި އަދި ކޮމިޝަނަރ އޮފް ޕޮލިސް އާއި ޖެނެރަލް ޝިޔާމަށް ވެސް ނެތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ސްޕްރީމް ކޯޓުގެ ހުކުމް ތަންފީޒް ކުރުން ނޫންގޮތެއް މިވަގުތު ރައީސް ޔާމީނަށް ވެސް އަދި ޖެނެރަލް ޝިޔާމަށް ވެސް  އަދި ބަންޑާރަ ނައިބާއި ކޮމިޝަނަރ އޮފް ޕޮލިސް ނަވާޒަކަށް ވެސް ނެތް. މިއީ އަޅުގަނޑުމެން ވެސް އުޅެބޮޑުވި ގައުމު. މިގައުމުގައި އެބޭފުޅުން ބޭނުންހާ ގޮތް ގޮތަށް ކަންކަމެއް ނުކުރެވޭނެ. އަޅުގަނޑަށް ޔަގީން ފުލުންނާއި ސިފައިންގެ ތެރޭގައި ޔާމީނާއި އެއްކޮޅަށް އަރާނެ 50 އޮފިސަރުން ވެސް ނުތިބޭނެކަން. އެހެންވީމާ އަޅުގަނޑު ގޮވާލަން ނަވާޒްވެސް އަދި  ޝިޔާމްވެސް ޔުނިފޯމް ބާލާފައި ރީތި ގޮތުގައި ޖަލަށް ވަޑައިގަތުމަށް" ރއީސް ނަޝީދު ވިދާޅުވިއެވެ.
އަދި ރައީސް ޔާމީނާއި ޖެނެރަލް ޝިޔާމް އާއި ބަންޑާރަނައިބު އެތިއްބެވީ ބަޣާވާތެއް ކޮށްގެން ކަމަށާއި މި ބަޣާވާތް މިއަދުން މިއަދަށް ހުއްޓުވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުރިހާ އެންމެން މަގުމަށްޗަށް ނުކުތުމަށާއި ކުރިއަށް މިއޮތް ދެތިން ދުވަސްތެރޭގައި މިކަން ނިމިގެންދާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ނަވާޒް އާއި ޖެނެރަލް ޝިޔާމް ހައްޔަރު ކުރާނެ ކަމަށާއި މިއަދު ހުކުމް ތަންފީޒުނުކޮށް ރައީސް ޔަމީން ދާނެ އިތުރު ތަނެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުން މާލެ އައުމަށް މިއަދު ރައީސް ނަޝީދު ގޮވާލެއްވިއިރު އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތުން ވެސް ވަނީ ރައްޔިތުން މާލެ އައުމަށް ގޮވާލާ ޤަރާރެއް ފާސްކޮށްފައެވެ. ނަމަވެސް އެކަމަށް އަދި ރައްޔިތުންގެ އެއްވެސް ތަރުހީބެއް ލިބިފައިވާތަނެއް ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ