ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟް، ޣައިރުޤާނޫނީ ހައްޔަރެއްގައި ބަންދުކޮށްގެން ޤާނޫނާއި ޚިލާފަށް ގެންގުޅެމުންދަނީ، ރައީސް ޔާމީންގެ ސިޔާސީ މަގުޞަދެއް ހާސިލް ކުރުމަށްޓަކައި ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އެކަން ކުށްވެރި ކޮށްފިއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޖޭޕީގެ ޑެޕިއުޓީ ލީޑަރާއި، ވާދަވެރި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންނަށް ހަޤީގީ ތެދުމައުލޫމާތު ގެނެސްދޭ ނޫސްވެރިންނާއި އަދި އެނޫންވެސް ފަރާތްތައް ތަފާތު ތުހުމަތުތަކުގައި ހައްޔަރުކޮށް، އެ ފަރާތްތަކުގެ ވިސްނުމާއި ފިކުރު ގަދަބާރުން ރައީސް ޔާމީނަށް ތާއީދުކުރުވުމަށް މަޖުބޫރުކުރުމުގެ ގޮތުންކަން ފާހަގަކުރެވޭ ކަމަށެވެ. މިއީ ޖުމްހޫރީ ޕާޓީން އިންތިހާއަށް ކުށްވެރިކުރާ ކަންތައްތައް ކަމަށްވެސް ބުނެފައި ވެއެވެ.
ރާއްޖޭގެ ރައްޔިތުންގެ ނުރުހުމުގައި ރާއްޖޭގެ ވެރިކަމުގައި ގަދަބާރުން ހުންނެވުމަށް ރައީސް ޔާމީނަށް ވާގިވެރިވާ މަދު ފަރާތްތަކެއްގެ ސަބަބުން ދިވެހި މުޅި މުޖުތަމައު ފަސާދަވެ، ރައްޔިތުންގެ އެތަކެއް ބަޔަކަށް އަނބުރާ ރުޖޫއަ ނުކުރެވޭނެ ބޮޑެތި ގެއްލުންތަކާއި، ނިކަމެތިކަމާއި، އަނިޔާތައް އަދި އިންސާނިއްޔަތާއި ޚިލާފު އެތަކެއް އަމަލުތަކެއް ޖަލުތަކުގައި ހިންގަމުންދާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި، ރައްޔިތުންގެ މަޖިލީހާއި، މިނިވަން މުއައްސަސާތައް ރައީސް ޔާމީންގެ މުށުތެރައަށް ލައިގެން ދިވެހި ދައުލަތުގެ ސިފަގެއްލި މުޅި ނިޒާމު ގަޑުބަޑުކޮށް ރައްޔިތުން ނިކަމެތި ހާލުގައި ޖައްސަމުންދާކަމަށް ޖޭޕީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
"މިހުރިހާ ކަމެއް ކުރަމުންދަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ބޭރުން ކަމަށްވި ނަމަވެސް، އެފަދަ ނޭއްގާނީ އަމަލުތައް ކުރުމުގެ ފުރުސަތު ލިބިގެންދަނީ ގައުމުގެ އަމަން އަމާންކަމާއި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަން އަދި ރައްޔިތުންގެ އަސާސީ ހައްގުތަކާއި، މިނިވަންކަން އަދި ދައުލަތުގެ މުދަލާއި ފައިސާ ހިމާޔަތްކޮށްދީ ކަށަވަރުކޮށްދޭން ތިބި ސަލާމަތީ ޚިދުމަތްތަކުގައި އިސްކޮންތިއްބެވި މަދުބައެއްގެ ސަބަބުން އެ ދެ ޚިދުމަތުގައި ހިމެނޭ ފަރާތްތައްލައްވާ ޣައިރުގާނޫނީ އަމުރުތައް ތަންފީޒުކޮށް، ރައީސް ޔާމީންގެ އަނިޔާވެރި އަމުރުތަކަށް ތަބާވެ، އެއަމަލުތަކުގެ ޝިކާރައަކަށް ކުށެއްނެތް އެތަކެއްހާސް ދިވެހި ރައްޔިތުންނެއްހަދައި އެ ރައްޔިތުންނަށް، ސަލާމަތީ ޚިދުމަތްތަކުގައިތިބި މަދުބަޔަކު ކާކުކަން ނޭނގޭ ގޮތަށް ޔުނީފޯމް އަޅައި މޫނުނިވާކޮށްގެންތިބެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާތައް ކުރަމުންދާކަމަށް ގިނަބަޔަކު ބުނަމުންދާއިރު އެފަދަ ފަރާތްތަކުން ރައްޔިތުންނަށް އެފަދަ އަނިޔާތައް ތަކުރާރުނުވުމަށް ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރުމަށް މިޕާޓީން ގޮވާލަމެވެ" ޖޭޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ސަލާމަތީ ޚިދުމަތްތައް ޤާއިމު ކޮށްދީފައިވަނީ، ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނެ މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށާއި، އަދި ޤާނޫނުއަސާސީ އާއި ދީމިޤްރާތީ މުއައްސަސާތައް ހިމާޔަތްކޮށް، ޤާނޫނު ދަމަހައްޓައި ދިނުމަށް ކަމަށް ވީހިނދު، ދިވެހިރާއްޖޭގެ މިއަދުގެ ހާލަތަށް ރިޢާޔަތް ކުރާއިރު ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގައި ވެރިކަންކުރާ ފަރާތުން އަނެއް ދެބާރުގެ މަސައްކަތްތައް މިނިވަންކަމާ މުސްތަގިއްލު ކަމާއެކު ކުރުމަށް ހުރަސްއަޅަމުންދާ ދިއުން ނައްތާލައި، އެ މުއައްސަސާތައް މިނިވަންކުރަން ޖެހޭކަމަށް ޖުމްހޫރީ ޕާޓީން ބުނެފައި ވެއެވެ.
ދިވެހިރައްޔިތުންގެ ތެރެއިން މެޖޯރިޓީ ރައްޔިތުން މިއަދު ތަހައްމަލުކުރަމުން މިދަނީ މިނިވަންކަމެއްނެތި، އަސާސީ ހައްގުތައް ނިގުޅައިގެންފައިވާ އަނިޔާވެރި ނިކަމެތި ހާލަތެއް ކަމަށްވެފައި، އަދި އިންސާނިއްޔަތާއި ޚިލާފު އެތަކެއް އަމަލުތަކެއް ކުށެއްނެތް އެތަކެއް ރައްޔިތުންނަކަށް ލިބެމުންދާއިރު، ހައްގުން ކަމަކާނުލާ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި، ޤައުމުގެ އެތަކެއް ޚިދުމަތްތެރިންނާއި، ގައުމުގެ ވެރިކަން ކުރައްވާފައިވާ ފަރާތްތަކާއި، ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހާއި، ސިޓީ ކައުންސިލް ތަކާއި އަތޮޅު އަދި ރަށު ކައުންސިލް ތަކަށް އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންނާއި، މިނިވަން ނޫސްވެރިކަމުގެ މަސައްކަތް ކުރައްވާ ނޫސްވެރިންނާއި، ގައުމުގައި އަނިޔާވެރިކަމުގައި ދިރިއުޅެވެން ނެތިގެން އަމިއްލަޔަށް އަރުވާލެވިގެން ތިއްބެވި ފަރާތްތަކާއި، އަދި މިނޫންވެސް އެތަކެއް އާންމު ރައްޔިތުން ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދޭ ހައްގުގެ ބޭނުންކުރުމުން، ރައީސް ޔާމީންގެ ނަފުރަތާއި ރުޅިވެރިކަން އެމީހުންގެ މައްޗަށް އޮތްމިންވަރުން އަދުލުވެރިކަމެއް އިންސާފުގެ ޒައްރެއްގެ މިންވަރުވެސް ނެތްހާލަތެއްގައި އަނިޔާވެރިކަން އިސްކޮށް އެ އެންމެން ޖަލުގެ ކުޑަގޮޅީގައި ބަންދުކޮށް އެ އާއިލާތައް ބިކަހާލުގައި ޖައްސަމުންދާއިރު، ސަލާމަތީ ޚިދުމަތްތަކުން އެކަންކަން ބަލަން ނުތިއްބަވާ އެ ރައްޔިތުން ސަލާމަތްކޮށްދީ މި ގައުމު އަނިޔާވެރި ވެރިއެއްގެ ކިބައިން މިންޖުކޮށްދެއްވުމަކީ އެންމެހާ ދިވެހި ސިފައިންނާއި ފުލުހުންގެ ދީނީ އަދި ޤާނޫނީ ވާޖިބެއްކަމުގައި ދެކިގެން އެހާލަތުގައިވާ އެންމެހާ ދިވެހި ރައްޔިތުން މިނިވަން ކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލާ އިލްތިމާޞްކުރާ ކަމަށްވެސް ބުނެފައި ވެއެވެ.
"ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ޤާނޫނީ އިމުގެތެރެއިން ނިންމުމަށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން ހިތްވަރާ އަޒުމާއެކު ޤާނޫނުއަސާސީ އާއި ޤާނޫނުގެ އިމުގެތެރެއިން ކުރަމުންގެންދާ މިންނަތް މަސައްކަތްތައް ހުއްޓުމެއްނެތި ރާއްޖޭގެ ލޮބުވެތި ރައްޔިތުން ކުރިއަށް ގެންދަނީ، ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ރާއްޖޭގައި ޤާއިމުކުރެއްވުމަށް ކަމަށްވާތީވެ، އެއްވެސް ފަރާތަކުން އެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް މި ޕާޓީން ދައުލަތުގެ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ" ނޫސްބަޔާން ނިންމާލަމުން ޖުމްހޫރީ ޕާޓީން ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަދުވަހުވަނީ، އަބްދުﷲ ރިޔާޟްގެ މައްޗަށް ހިންގާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
މިކަމާ ގުޅިގެން އަބްދުﷲ ރިޔާޟްގެ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރިޔާޒު އާދީއްތަދުވަހު ކޯޓަށް ހާޒިރުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ރިޔާޒުއާގުޅޭ ދައުވާއެއްގެ ޝަރީއަތަށް ކަމަށާއި އެމައްސަލައަށް ވަކީލަކު ހަމަޖައްސަން 5 ދުވަސް ދީފައި އޮތް ކަމަށެވެ. އެހެންނަމަވެސް އާދީއްތަދުވަހު އަލުން އެމައްސަލައިގެ ޝަރީއަތަށް ރިޔާޟް ހާޒިރުކުރިއިރު ވަކީލަކު ހަމަޖައްސަން ދީފައިވާ 5 ދުވަހުގެ މުއްދަތު ހަމަވެފައި ނުވާ ކަމަށާއި އަދި ވަކީލަކު ހަމަޖައްސަން ފުރުސަތު ދެއްވުމަށްފަހު އަޑުއެހުން ނިންމާލީ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެކަމަކު އެ އަޑުއެހުން ނިންމާލައި، އެންމެން ދިޔަފަހުން ދައުވާ ކޮށްފައިވާ މައްސަލާގައި އިތުރު އަޑުއެހުމެއް ބޭއްވުމަށްފަހު ގާނޫނީ ވަކީލެއްގެ ފުރުސަތު ނުދީ ދައުވާ ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން ރިޔާޟް ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ޖަހާފައިވާ ކަމަށްވެސް ރިޔާޟުގެ ގާނޫނީ ވަކީލުންގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. ކޯޓުން އެގޮތަށް ނިންމީ ދައުލަތުން އެދިގެން ކަމަށްވެސް މިބަޔާނުގައި ވަނީ ބުނެފައެވެ.
އަބްދުﷲ ރިޔާޟް ހައްޔަރުކޮށްގެން އުޅެނީ ރައީސް ޔާމީންގެ ސިޔާސީ މަގްސަދެއް ހާސިލް ކުރަން: ޖުމްހޫރީ ޕާޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ