މި އަހަރުގެ އޭޕްރިލް މަހު އެކްސިޑެންޓުތައް 12 އިންސައްތަ އިތުރު
މިދިޔަ އަހަރުގެ އޭޕްރިލް މަހަށްވުރެ މި އަހަރުގެ އޭޕްރިލް މަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ އެކްސިޑެންޓުތައް 12 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމުނު އޭޕްރިލް މަހު އެ އިދާރާއަށް 874 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އެންމެ ގިނައީ އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 240 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ. އެއީ މިދިޔަ އަހަރުގެ އޭޕްރިލް މަހު ހުށަހެށި 213 މައްސަލައާ އަޅައިބަލާއިރު 12.7 އިންސައްތަ އިތުރު އަދަދެކެވެ. އެހެންނަމަވެސް އެއީ، މި އަހަރުގެ މާޗް މަހު ހުށަހަޅައިފައިވާ އެކްސިޑެންޓްގެ ރިޕޯޓާ އަޅައިބަލާއިރު، މަދު އަދަދެކެވެ. އެގޮތުން އެ މަހު 270 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ނިމުނު އޭޕްރިލް މަހު އެ ޚިދުމަތަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި، ވައްކަމުގެ 240 މައްސަލައަކާއި މަސްތުވާތަކެތީގެ 169 މައްސަލައެއް ހިމެނެއެވެ. އަދި ގެއްލިފައިވާ ތަކެތީގެ 75 މައްސަލައެއްގެ އިތުރުން ހަމަލާދިނުމުގެ 37 މައްސަލައަކާއި ތަޅާފޮޅުމުގެ 37 މައްސަލައެއް ހުށަހަޅައިފައިވެއެވެ. ޓްރެެފިކް ޕޮލިހެއް: އެކްސިޑެންޓުތައް އެންމެ ގިނަ ސަރަހައްދުތަކުގެ ތެރޭގައި ސިނަމާލެ ބުރިޖާއި ހައިވޭ ހިމެނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ މީގެ އިތުރުން ވެސް ޖިންސީ ކުށްތަކުގެ 24 މައްސަލައަކާއި ގެވެށި އަނިޔާގެ 22 މައްސަލައަކާއި ޚިޔާނާތްތެރިވުމުގެ 16 މައްސަލައެއްގެ އިތުރުން ފޭރުމުގެ 16 މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ. އަދި ސައްހަ ނޫން ލިޔެކިޔުމާއި ތަކެތި އުފެއްދުމުގެ ދެ މައްސަލައެއްވެސް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. ނިމުނު އަހަރު ޓްރެފިކް އެކްސިޑެންޓުގެ ޖުމްލަ 3،076 މައްސަލައެއް ފުލުހަށް ހުށަހެޅިއިރު، މި އަހަރުގެ މިހާތަނަށް 1،064 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. މާލެ ސަރަހައްދުގައި އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާ ތަންތަނުގެ ތެރޭގައި ސިނަމާލެ ބުރިޖާއި ހައިވޭ ހިމެނެއެވެ. އަދި ދެކުނުން އަައްޑޫ ސިޓީއާއި ފުވައްމުލަކުގައި ވެސް ނުރައްކާތެރި, ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިނގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ