މި ހަފްތާގެ ތެރޭގައި ޕާޓީތަކަށް ފައިސާ ދޫކުރާނަން: އިލެކްޝަންސް

ދައުލަތުގެ ފައިސާ އިން މިއަހަރު ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ މިހަފްތާގެ ތެރޭގައި ސިޔަސީ ޕާޓީތަކަށް ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ސެކެޓެރީ ޖެނެރަލް އާސިމް އަބުދުއްސައްތާރު މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މިހާތަނަށް ފައިސާ ދޫނުކޮށް ވަނީ މިއީ އަހަރު ފެށޭ ދުވަސްވަރު ކަމަށް ވުމުން އެކި އިދާރާތަކުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައި ހުންނަ ވައުޗާތައް ގިނަކަމުން ތާށިކަމެއް އަރައިގެން އުޅޭތީ ކަމަށެވެ. އަދި އެންމެ ލަސްވެގެން މިހަފްތާގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ ހުރިހާ ފައިސާއެއް ހުންނަނީ ފިނޭންސް މިނިސްޓްރީގައި ކަމުގައިވާ އިރު، އަޅުގަނޑުމެން ޕޯސްޓްކުރަނީ ޕަބްލިކް އެކައުންޓް ސިސްޓަމެއްގެ ދަށުން. ދެން އެސިސްޓަމުން އެޕްރޫއުވެގެން ނާންނަނީ އަހަރު ފެށޭ އިރު ތަންކޮޅެއް ވައުޗާތައް ގިނަކަމުން، ކޮންމެހެން ފައިސާތައް ހިފަހައްޓާކަށް ނޫން. ދެން އަޅުގަނޑުމެން މިބަލަނީ މިފަހްތާ ނިމޭ އިރު ލަސްވެގެން ފައިސާ ޕާޓީތަކަށް ލިބޭނެ ކަމަށް." އާސިމް ވިދާޅުވި އެވެ.
މިހާތަނަށް ސިޔާސީ ޕާޓީތަކަށް މި އަހަރު ދޫކުރަން ޖެހޭ ފައިސާ ދޫކޮށްފައިނުވާ މައްސަލާގައި ފިނޭންސް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވެފައި ވަނީ ހަތް ސިޔާސީ ޕާޓީއެއްގެ ފައިސާ ހިފަހައްޓާފައިވާ ކަމަށާއި އެއީ އިލެކްޝަނުން ގަބޫލުކުރާ މިންވަރަށް އޮޑިޓް ރިޕޯޓް ހުށައަޅާފައިނުމާއި އެ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގާފައި ނުވާތީ ކަމަށެވެ.
"ހަތް ސިޔާސީ ޕާޓީއެއް އަޅުގަނޑުމެން ކަނޑައަޅާ މިންވަރަށް އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވޭ. އަދި އެ ޕާޓީތަކުން ހަރަކާތްތައް ނުހިންގާ އިރު ޕާޓީތަކުގެ އޮފީސް ވެސް ހުޅުވިފައި ނުހުންނާތީ، އަޅުގަނޑުމެން ހަތް ސިޔާސީ ޕާޓީއެއްގެ ފައިސާ މިވަނީ ފައިސާ ހިފަހައްޓާފައި." އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރު އެންމެ ގިނައިން ފައިސާ ލިބޭ ޕާޓީއަކީ މެންބަރުންގެ އަދަދު އެންމެ ގިނަ ޕާޓީ ކަމަށްވާ އެމްޑީޕީ އެވެ. އެމްޑީޕީ އަށް 3.6 މިލިއަން ރުފިޔާ ލިބެ އެވެ. ދެވަނަ އަށް މެންބަރުން ގިނަ ޕީޕީއެމް އަށް 1.98 މިލިއަން ރުފިޔާ ލިބޭ އިރު ޑީއާރްޕީ އަށް ލިބެނީ 1.9 މިލިއަން ރުފިޔާ އެވެ. އަދި ޖުމްހޫރީ ޕާޓީ އަށް 1.2 މިލިއަން ރުފިޔާ ލިބޭ އިރު އަދާލަތުޕާޓީ އަށް ލިބެނީ 794000ރ. އެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އަށް 608000ރ ލިބޭ އިރު އެމްޑީއޭ އަށް ލިބެނީ 624000ރ. އެވެ. އަދި ދިވެހި ގައުމީ ޕާޓީ އަށް 529000ރ. ލިބޭ އިރު އެމްއެންސީ އަށް ލިބެނީ 478000ރ. އެވެ.
ރާއްޖޭގައި މިހާތަނަށް 16 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްފައިވާ އިރު އޭގެތެރެއިން ހަރަކާތްތައް ހިންގަނީ ވެސް އަދި ތިންހާސް މެމްބަރުން ހަމަވަނީ ވެސް އެންމެ އަށް ސިޔާސީ ޕާޓީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ