ނިލަންދޫ ދާއިރާ ފިޔަވައި 84 ދާއިރާގެ ނަތީޖާ އިއުލާނުކޮށްފި

ފ. އަތޮޅު ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާތަކެއްގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކޮށް ނިންމައިފި އެވެ.
ނިލަންދޫ ދާއިރާ ފިޔަވައި މިހާތަނަށް އިއުލާން ނުކުރެވި ހުރި ދާއިރާތަކުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައި ވަނީ މިރޭ އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ހަފްލާއެއްގަ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިޝަލް އާއިޝަތު ޝިފާނާ އަހްމަދު މިރޭ ވިދާޅުވީ ނިލަންދޫ ދާއިރާގެ ވަގުތީ ނަތީޖާ އިއުލާންކުރުން ފަސްކޮށްފައި ވަނީ ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ބެލުންތައް ބެލުމަށް ކަމަށެވެ.
ހުށަހެޅިފައި ވަނީ ކޮންކަހަލަ ޝަކުވާއެއްތޯ ދެންނެވުމުން ޝިފާނާ ވިދާޅުވީ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ބެހޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާ ދައްކާ ގޮތުން ނިލަންދޫ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުލް މުހްސިން ހަމީދު ނާކާމިޔާބުވެފައި ވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އޭނާ އަށް 644 ވޯޓު ލިބިވަޑައިގަތް އިރު އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުﷲ ޚަލީލަށް ލިބިވަޑައިގަތީ 645 ވޯޓެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިޚާބުގެ މެޖޯރިޓީ ސަރުކާރު ހިންގާ ކޯލިޝަނުން ވަނީ ނަގައިފަ އެވެ.
ވެރިކަންކުރާ ޕީޕީއެމަށް 33 ގޮނޑިލިބިފައިވާ އިރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ލިބިފައި ވަނީ 15 ގޮނޑި އެވެ. ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް ލިބިފައި ވަނީ ފަސް ގޮނޑި އެވެ.
އިދިކޮޅު އެމްޑީޕީ އަށް ލިބިފައި ވަނީ 26 ގޮނޑި އެވެ. އަދާލަތު ޕާޓީ އަށް އެންމެ ގޮނޑިއެއް ލިބިފައިވާ އިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ފަސް ބޭފުޅަކު ވަނީ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ