ދަތުރުތަކަށް ބްރިޖް ހުޅުވާލަނީ މާދަމާ ހަވީރު ހަތަރެއްގައި

ސިނަމާލެ ބްރިޖް މަތީގައި އާންމު ދަތުރުފަތުރު ކުރުމަށް މާދަމާ ހުޅުވާލާނީ ހަވީރު 4:00 ގައި ކަމަށް، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިކަން ހާމަ ކުރައްވާފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ބްރިޖް މަތީގައި އާންމު ދަތުރުފަތުރު ކުރަން މާދަމާ ހުޅުވާލާއިރު، މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ރޭ ބްރިޖް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
މާދަމާ އާންމުކޮށް ބްރިޖް ހުޅުވާލި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބާއްވާ ދުވަސް، މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ބްރިޖުން ކުރާ އެއްވެސް ދަތުރަކުން ފީ ނުނެގުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ. ބްރިޖް ހުރަސްކޮށް ކުރާ ދަތުރުފަތުރުތަކުން ނަގާ ފީ ސަރުކާރުން އަދި އިއުލާނެއް ނުކުރެއެވެ.
އާންމު ދަތުރުފަތުރަށް މާދަމާ ބްރިޖް ހުޅުވާލާއިރު، ބްރިޖްގައި ބަހުގެ ހިދުމަތް ދިނުމަށް ހަވާލު ކޮށްފައިވާ އެމްޕީއެލްއިން ވެސް ބަސް ދަތުރުތައް މާދަމާ ފަށާނެއެވެ. އެހެން ނަމަވެސް ބަހުގެ ހިދުމަތް ރަސްމީކޮށް ފަށާނީ ދެތިން ދުވަސް ފަހުން ކަމަށާއި، އަދި ރަސްމީކޮށް ދަތުރުތައް ފެށެންދެން ބަހުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑު ހުރަސްކޮށް ދެވޭނެ ބްރިޖެއް އެޅުމާ ގުޅިގެން މިދިޔަ ހަތް ދުވަސް ހާއްސަ ކުރީ އެކަން ފާހަގަ ކުރުމަށެވެ. އެ ގޮތުން، ބްރިޖް މަތީގައި ކައިވެނި ހަފުލާތަކާއި، ހިނގާލުމެއްގެ އިތުރުން ބައިސްކަލް ދުއްވުން ފަދަ ހަރަކާތްތައް ވަނީ ބާއްވާފައެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަން ވެސް ވަނީ ބްރިޖް މަތީގައި ބާއްވާފައެވެ.
މާލެއާއި ހުޅުލެ ގުޅުވާލާ ބްރިޖްގެ މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ހަރަދު ކޮށްފައެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެކެވެ. 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ހަރަދުކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ