ހަންނާންގެ ކެމްޕޭން ޖަގަހަތައް ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ހުޅުވައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްގެ ކެމްޕޭން ޖަގަހަތައް އެ ދާއިރާގެ ރަށްތަކުގައި ހުޅުވައިފި އެވެ.
ކޮމަންޑޫ ދާއިރާގެ ހިމެނެނީ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫ އެވެ. ހަންނާނަކީ ކޮމަންޑޫ އަށް ނިސްބަތްވާ ބޭފުޅެކެވެ.
އެމްއެންޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ހަންނާން ވެސް މިދިޔަ ހަފްތާ އިން ފެށިގެން އުޅުއްވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ކެމްޕޭން މަސައްކަތުގަ އެވެ.
ހަންނާންގެ ފުރަތަމަ ކެމްޕޭން ޖަހަގަ ކޮމަންޑޫ ދާއިރާގައި މިމަހުގެ ހަތްވަނަ ދުވަހު ހުޅުވީ މަރޮށީގަ އެވެ. އެރޭ ދެވެނަ ޖަގަހަ ހުޅުވީ ފޯކައިދޫގަ އެވެ. އަދި މިރޭ ވަނީ ކޮމަންޑޫ ޖަގަހަ ރަސްމީކޮށް ހުޅުވާފަ އެވެ.
ހަންނާންގެ ކެމްޕޭން ޖަގަހައެއް މާލެ ސަރަހައްދުގައި ހުޅުވުމަށްޓަކައި ހުޅުމާލޭގައި ޖަގަހައެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އެމްއެންޕީގެ ކެމްޕޭން ޓީމުން ދަނީ ކުރަމުންނެވެ.
އެމްއެންޕީން ބުނީ ޖަގަހަތައް ހުޅުވުމާ އެކު ހަންނާންގެ ކެމްޕޭން މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރެވި މަސައްކަތުގެ ދުވެލި އިތުރަށް ހަލުވި ވާނެ ކަމަށެވެ.
ހަންނާނަކީ ތައުލީމު ދާއިރާގައި ވަރަށް ގިނަ އަހަރުތަކަކު މަސައްކަތް ކުރެއްވުމަށްފަހު މިހާރު އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ.
ތައުލީމީ ދާއިރާގައި ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވާފަ އެވެ. މީގެއިތުރުން ހދ. ހަނިމާދޫ ސުކޫލާއި، ރ. އިނގުރައިދޫ ސޫކޫލާއި، ނ. މާފަރު ސުކޫލާއި، ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްއެންޕީގެ ފަރާތުން ހަންނާންގެ އިތުރުން އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ރަށްތަކާއި މާލޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ