އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލް އަދިވެސް ހިންގަމުން އަންނަނީ ލަންކާގެ އޭޝިއަން އެެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ކުންފުނިންކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައި ވަނީ އައްޑޫ ފްލައިން ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އަންނަ 47 ދަރިވަރަކު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން އެ ދަރިވަރުން ތަމްސީލްކުރާ ޕްރިމިއާ ޗެމްބާސްއަށް ސިވިލް އޭވިއޭޝަނުން ފޮނުވާފައިވާ ސިޓީއަކުންނެވެ. މި ސިޓީއަކީ މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސިޓީއެކެވެ.
ސިވިލް އޭވިއޭޝަނުން ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ އެވިޑް ކޮލެޖާއި އޭއޭއޭ އާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެވިޑް ކޮލެޖަށް އޮތީ އެ ސްކޫލް މެނޭޖްކުރުމުގެ ރޯލެއް ކަމަށާއި ނަމަވެސް ފަހުން އެވިޑުން ދައްކާފައިވާ ވާހަކަތަކުގައި ބޮޑެތި އޮޅުންތަކެއް ހުރުމުންް މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވިޑް ކޮލެޖާއި އޭއޭއޭ އާއި އަލުން ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި ސިވިލް އޭވިއޭޝަނުން އޭއޭއޭ އަށް ދޫކޮށްފައިވާ ސޭފްޓީ އެޕްރޫވަލް އެހެން ބަޔަކަށް ބަދަލު ނުކުރެވޭނެ ކަން ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވާނެ ކަމަށާއި، މިކަން މިހެން އޮތުމުގެ ސަބަބުން ފްލައިން އާ ގުޅުންހުރި ހުރިހާ ކަމެއްވެސް ހިންގަން ޖެހެނީ އޭއޭގެ ދަށުން ކަމަށް އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.
އެވިޑް ކޮލެޖުން ވަނީ ފްލައިން ސްކޫލް ގަނެ އެތަން ހިންގުމާ ހަވާލުވެފައިވާކަން މިދިޔަ ޖޫން މަހުގެ ތެރޭގައި ރަސްމީކޮށް ހާމަކޮށްފައެވެ. އެހެން ނަަމަވެސް އޭއޭއޭ އިން ފަހުން ސިވިލްް ކޯޓަށް ހުށަހަޅާފައިވާ ލިއުންތަކުންް އެނގެނީ އޭއޭއޭ އާއި ސިވިލް އޭވިއޭޝަނާ ދެމެދު ހެދިފައި ވަނީ ލީސް އެގްރީމެންޓެއް ކަމެވެ. އެހެން ނަމަވެސް ދާދި ފަހުން އާންމު މީހަކަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ބުނެފައި ވަނީ ފްލައިން ސްކޫލް ހިންގުމުގެ ހުއްދަވެސް އެވިޑަށް ދީފައި ނުވާނެ ކަމަށެވެ.
ފްލައިން ސްކޫލް އަދިވެސް ހިންގަނީ އޭއޭއޭ ކުންފުނިންކަން ހާމަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ