ޕީޕީއެމް ޕީޖީ ގުރޫޕުގެ ބައެއް ނިންމުންތަކާ މެދު މައުމޫނު ސުވާލު އުފައްދަވައިފި

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ބައެއް ނިންމުންތަކާ މެދު އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ސުވާލު އުފައްދަވައިފި އެވެ. ޕީޕީއެމް ޕީޖީ ގުރޫޕުގެ ނިންމުންތަކާމެދު މައުމޫން ސުވާލު އުފެއްދެވީ އެ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ފޮނުއްވެވި ސިޓީފުޅަކަށް ދެއްވި ޖަވާބުގަ އެވެ. ނިހާނަށް އިއްޔެ ފޮނުވި ސިޓީއެއްގައި މައުމޫން ވިދާޅުވީ ޕީޕީއެމް ޕީޖީ ގުރޫޕުން އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބައެއް ނިންމުންއް ނިންމާފައިވާ ކަމަށް އިޝާރާތްކޮށްފައިވެ އެވެ. ނަމަވެސް އެ ނިންމުންތަކަކީ ކޮބައިކަން މައުމޫންގެ ސިޓީގައި ބަޔާން ކުރައްވާފައެއް ނުވެ އެވެ. "ވީމާ ޕާލަމެންޓްރީ ގްރޫޕަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހާ މަސައްކަތްތައް ރާވައި ހިންގުމަށް އޮންނަ ގުނަވަނެކެވެ. އެހެންކަމުން، މި މާއްދާގެ ބޭރުން ކަންކަން ނިންމެވުމުގެ ހައިސިއްޔަތެއް ޕީޖީ ގްރޫޕަށް ޕާޓީގެ އަސާސީ ގަވާއިދުގައި ލިބިދީފައި ނުވާ ވާހަކަ ދަންނަވަމެވެ." މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ. ރައީސް މައުމޫނު ވިދާޅުވީ ޕާޓީގެ ޕީޖީ ގުރޫޕަކީ ހަމައެކަނި ރައްޔިތުން މަޖިލީހާ ގުޅޭ މަސައްކަތްތައް ރާވައި ހިންގުމަށް އޮންނަ ގުނަވަނެއް ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގެ 38ވަނަ މާއްދާ ބޭރުން ކަންކަން ނިންމުމުގެ ހައިސިއްޔަތެއް ޕީޖީ ގުރޫޕަށް އަސާސީ ގަވާއިދުން ލިބިދީފައި ނުވާ ކަމަށެވެ. ރައީސް މައުމޫން (މ) ނިހާނުއާ (ވ) ސަލާމް ކުރައްވަނީ: ސަން ފައިލް ފޮޓޯ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 38ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޕާޓީގެ ޕީޖީ ގުރޫޕަކީ ޕާޓީގައި ހިމެނޭ ރައްޔިތުން މަޖިލީހުގެ މެމްބަރުން، އެ މަޖިލީހާ ގުޅޭ މަސައްކަތްތައް ރާވައި ވިލަރެސް ކުރުމަށް އެކުލަވާލައިފައިވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިބި ޕާޓީގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތުން އެ ކުލަވާލެވޭ ގުރޫޕެކެވެ. ނިހާނަށް ރައީސް މައުމޫނު ފޮނުއްވާފައިވާ ސިޓީފުޅުގައި އެޕާޓީގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރައްވާކަން ވަނީ ފާހަގަކުރައްވާފަ އެވެ. އެ ސިޓީފުޅުގައި ޕީޖީ ގުރޫޕުން ވޭތުވެދިޔަ ތަނުގައި ބާއްވާފައިވާ ބައްދަލުވުންތަކުގެ ޔައުމިއްޔާއާ އެ ބައްދަލުވުންތައް ބޭއްވި ތާރީހާއި ބޭއްވި ތަނާއި އެ ބައްދަލުވުންތަކަށް ވަޑައިގެން މެމްބަރުންގެ ހާޒިރީގެ އިތުރުން ޕީޖީ ގުރޫޕުގެ ބައްދަލުވުންތަކަށް ހުށަހަޅާ ނިންމި ކަންކަން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ރައީސް މައުމޫނަށް ފޮނުއްވެވުމަށް ވަނީ އަންގަވާފަ އެވެ. މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އަންގަވާ އެންގުންތަކަށް އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކިޔަމަންނުވާ ކަމަށެވެ. ޕީޖީ ގުރޫޕުގެ ލީޑަރު ނިހާނަށް ރައީސް މައުމޫން އެފަދަ ސިޓީފުޅެއް ފޮނުއްވާފައިވާއިރު ރައީސް މައުމޫންގެ މައްސަލައެއް ޕީޕީއެމަށް ނިސްބަތްވާ ތިން މަޖިލިސް މެމްބަރަކު ވަނީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ