ޕްރައިމަރީއިން ބަލިވާ މީހުންނަށް ވާދަކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ޕާޓީތަކުގެ ޕްރައިމަރީއިން ބަލިވާ ފަރާތްތަކަށްވެސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސްޕްރީމް ކޯޓުން މި ހުކުމް ކޮށްފައި މިވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުނުކުރެވޭނެ ކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި އޮންނަ މާއްދާ ބާތިލް ކުރުމަށް ފަހުއެވެ.
ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ އެވެ.
މީގެ އިތުރުން  ސުޕްރީމް ކޯޓުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފުރުސަތު އިތުރު ކުރުމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕްރައިމަރީގައި، ނާކާމިޔާބުވި މަޝްހޫރު ވިޔަފާރިވެރިޔާ  އަބްދުﷲ ޖާބިރެވެ. ޖާބިރާއި ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސެއިންގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ގުލްހަޒާރުގޭ، އަހުމަދު މުހައްމަދެވެ.އެ މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ބުނީ، ޕްރައިމަރީއެއްގައި ވާދަކޮށް ބަލިވާ މީހުންނަށް އެއްވެސް ހައިސިއްޔަތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އިންތިހާބުތަކުގައި ވާދަ ކުރުމުގެ އަސާސީ ހައްގުން މަހުރޫމްވާ ކަމެއް ކަމަށާއި އެހެންކަމުން އެކަމަކީ ގާނޫނު އަސާސީގެ ސިފައެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ