ޝަރުޠުހަމަވާ ސިޔާސީ 6 ޕާޓީގެ ތެރެއިން 4 ޕާޓީއަކަށް ފައިސާ ދޫކުރަން ފޮނުވައިފި

ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުޠު ހަމަވާ 6 ސިޔާސީ ޕާޓީގެ ތެރެއިން 4 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން މާލީ ވުޒާރާއަށް ފޮނުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސެކެރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ ފައިސާ ދޫކުރުމަށް ޝަރުތު ހަމަވާ 6 ސިޔާސީ ޕާޓީގެ ތެރެއިން ފައިސާ ދޫކުރުމަށް މާލީ ވުޒާރާއަށް ފޮނުވާފައިވާ 4 ސިޔާސީ ޕާޓީއަކީ، ޕީޕީއެމްއާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ ކަމަށެވެ.
ޕީއެންސީއަށް ފައިސާ ދޫކުރުމަށް ނުފޮނުވީ، އެ ޕާޓީގެ އެކައުންޓު ނަންބަރު އަދި ހަމަނުޖެހޭތީ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް ފައިސާ ދޫކުރަން ނުފޮނުވީ އެޕާޓީގެ އަހަރީ ރިޕޯޓު ފަހުން ލިބިފައިވާތީ، އެ ރިޕޯޓުގައި ބަލަންޖެހޭ ކަންކަން އަދި ބަލާ ނުނިމޭތީކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ އަހަރީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ލިބުނީ މިދިޔަ ހަފްތާގައިކަން ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ. ނަމަވެސް އަންނަ ހަފްތާގެ ތެރޭގައި އެމްޑީޕީއަށް ފައިސާ ދޫކުރަން ފޮނުވޭވަރު ވާނެކަމަށް ލަފާކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ނިންމާފައިވާ 6 ސިޔާސީ ޕާޓީއަކީ ދައުލަތުގެ ބަޖެޓަށް މިއަހަރަށް ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެމްބަރުން ހަމަވާ ޕާޓީތަކެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. ސިޔާސީ ޕާޓީތަކަށް ދޫކުރާނީ އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ 0.01 އިންސައްތައަށްވާ ފައިސާކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ.
އިލެކްޝަނުން ވިދާޅުވީ، މި ހިނގަމުންދާ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުންހަމަވަނީ އެމް.ޑީ.ޕީ، ޕީޕީއެމް، ޖޭޕީ، ޕީ.އެންސީ، އެމް.ޑީ.އޭ އަދި ޢަދާލަތު ޕާޓީގައި ކަމަށެވެ.
މިގޮތުން މިއަހަރުގެ ބަޖެޓުން ސިޔާސީ 6 ޕާޓީއަށް 44.09 މިލިއަން ރުފިޔާ ދޫކުރުމަށް އިލެކްޝަނަސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
• މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 15.1 މިލިއަން ރުފިޔާ
• ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 10.4 މިލިއަން ރުފިޔާ
• ޖުމްހޫރީ ޕާޓީ(ޖޭޕީ): 5.3 މިލިއަން ރުފިޔާ
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2.4 މިލިއަން ރުފިޔާ
• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ): 8.0 މިލިއަން ރުފިޔާ
• އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ޕާޓީތަކަށް ފައީސާ ކަނޑައަޅާފައިވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުންކަމަށެވެ. އެއީ ޖުމުލަ 152،266 މެންބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ