ވައިކަރަދޫ ކަނު އަނދިރީގައި ހަތަރު ދުވަސް، ރައްޔިތުން ތަކުލީފެއްގައި

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެއް އިންޖީނު ހަލާކުވެ އެ ރަށުން ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި އޮންނަތާ ހަތަރު ދުވަސް ވެއްޖެއެވެ.
ވައިކަރަދޫ ފެނަކައިން އެ ރަށަށް ކަރަންޓް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން އަންނަ ދެ އިންޖީނުގެ ތެރެއިން މައްސަލަ ޖެހިފައިވަނީ ބޮޑު އިންޖީނަށެވެ.
މީގެ ދެ ދުވަސް ކުރިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވައިކަރަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެ ރަށަށް ބޭނުންވާ  250ކވ  ގެ  އައު  ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެތިން ދުވަހެއްތެރޭ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.
ވައިކަރަދޫއިން މި ނޫހާއި ވާހަކަ ދެއްކި މީހަކުބުނީ އެ ރަށު އިންޖީނުގޭގައި ބޭނުން ކުރަމުން އައި ދެ އިންޖީނުގެ ތެރެއިން ބޮޑު އިންޖީނު ހަލާކުވެ އެ ރަށުގެ ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި އޮންނަތާ މިހާރު ހަތަރު ދުވަސް ފާއިތުވީ ކަމަށާއި، މިހާރު ކަރަންޓް ދެމުން އަންނަނީ ސަލާމަތުން އިން ކުޑަ އިންޖީނު ބޭނުން ކޮށްގެން ކަމަށާއި، އެ އިންޖީނުން މުޅިރަށަށް ބޭނުންވާވަރަށް ކަރަންޓް އުފައްދައިނުދޭތީ ރަށް ހަބަޔަކަށް ބަހާލައިގެން ކޮންމެ ބަޔަކަށް އެއް ގަޑިއިރަށް ކަރަންޓް ދެމުން އަންނަ ކަމަށެވެ. 
އޭނާ އިތުރަށް ބުނީ ފެނަކައިން ދެތިން ދުވަހެއްތެރޭ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ބުނި ނަމަވެސް މައްސަލަ ހައްލުވެފައި ނުވާތީ ރައްޔިތުން މަގުތަކަށް ނުކުމެ މިހާރު މުޒާހަރާ ކުރަމުން އަންނަތާ ވެސް ދެރޭ ވެއްޖެކަމަށެވެ.
އޭނާ އިތުރަށް ބުނީ ކަރަންޓް ނެތުމުން ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ވެސް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި، ހަމަނިދި ނިދާނުލެވޭތާ ވެސް ހަތަރު ދުވަސްވީ ކަމަށެވެ. ރޯދަމަހެއްގައި މިތަކުލީފަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދޭކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ