މާލެ އާއި ރަސް މާލޭގެ ދަތުރުފަތުރު ގުޅާލައްވާނީ ކަނޑު އަޑީގެ ޓަނަލަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ހައިރާން ވަނީ ކީއްވެގެން ހެއްޔެވެ.
މާލެ ސިޓީގެ އާ މޭޔަރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް އެހެން ވިދާޅުވީ، އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ކަނޑުއަޑީގެ މަގުތަކުން ދުނިޔޭގެ އެތައް ސިޓީއެއް ގުޅާލައިފައި ވާކަން ދެނެވަޑައިގެން ހުންނަވައިގެން ކަމާ މެދު ޝައްކު ކުރަނީ ކީއްވެ ހެއްޔެވެ.
ރައީސް ވާހަކަފުޅުގައި "މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމު ކުރެވޭ އަންޑަވޯޓާ ޓަނަލް" ކަމަށް ވިދާޅުވުމުން ވެސް ބައެއް މީހުން ޖޯކު ޖަހައެވެ. އެއީ އެ ބާވަތުގެ އަންޑަވޯޓާ 200 ޓަނަލެއް ދުނިޔޭގެ އެތަން މިތާނގައި ހަދާފައި ވާތީ އާއި ބޭނުން ކުރަމުން ދާތީއެވެ.
ނަމަވެސް ރާއްޖޭގައި ހަދާ އަންޑާވޯޓާ ޓަނަލަކީ ދުނިޔޭގައި މިހާތަނަށް ހަދާފައި ހުރި ޓަނަލްތަކަށް ވުރެ ފުރިހަމަ އަދި ތަފާތު ތަސައްވުރަކަށް ވަންޏާ އެ ވާނީ ދުނިޔޭގައި ހަދާ އެފަދަ ފުރަތަމަ ޓަނަލަށްކަން ގަބޫލު ކުރަން ޖެހެއެވެ.
19 ވަނަ ގަރުނުގައި އަންޑަވޯޓާ ޓަނަލްތައް ދުނިޔޭގައި ހަދަން ފަށާފައި ވާ އިރު މިހާތަނަށް އެތަން މިތާނގައި 200 ޓަނަލް ހަދާ އޮޕަރޭޓް ކުރަމުން އެބަގެންދެއެވެ. ރާއްޖެ އާ އެންމެ ކައިރިން އިންޑިއާގައި ހަދާ ފުރަތަމަ އަންޑަވޯޓާ ޓަނަލް ނިމި މިހާރު ވަނީ ޓެސްޓް ދަތުރުތައް ފަށާފައެވެ. ކަލްކަތާގައި އޮންނަ އެ ޓަނަލްއަކީ 2.5 ކިލޯމީޓަރު ދިގު ވަށަމިނުގައި 5.5 މީޓަރު ހުންނަ ޓަނަލެކެވެ.
ޓެކްނޮލީގެ ރޮނގުގައި ކުރި ހޯދާފައި ވާ ޖަޕާނުގެ ސެއިކާންގައި އޮންނަ ޓަނަލަކީ ދުނިޔޭގައި އޮތް އެންމެ ދިގު ޓަނަލެވެ. އެއީ 33 މޭލު ދިގު ޓަނަލެކެވެ. ޖަޕާނުގެ ޓޯކިއޯގައި ވެސް މިފަދަ ޓަނަލެއް އަދި އިނގިރޭސިވިލާތާއި ފްރާންސް ގުޅުވާލަން ވެސް މިފަދަ ޓަނަލެއް އޮވެއެވެ. ނޯވޭގައި 7.7 ކިލޯމީޓަރުގެ ޓަނަލެއް އޮވެއެވެ. އޮސްޓްރޭލިއާގެ ސިޑްނީ އާއި ސްވިޓްޒަލޭންޑްގެ ގޮތާޑް ބޭސް ޓަނަލް ފަދަ ކިތަންމެ ޓަނަލެއް އެބަހުއްޓެވެ.
60،000 މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް، މާލެ އާ 10 ކިލޯމީޓަރު ދުރުގައި އޮންނަ ފުށިދިއްގަރު ހިއްކައި އެތަން އާބާދު ކުރާ ވާހަކަ ފެށި ހިސާބުންވެސް ބައެއް މީހުންގެ ޝަކުވާއަކަށް ވީ އެއީ ދަތުރު ކުރެވޭނެ ފަސޭހަ ގޮތެއް ނެތް ތަނެއް ކަމަށާއި ގަދަ ކަނޑު ހުރަސްކޮށް އެތަނަށް ދާނެ މީހަކު ނުވާނެ ކަމަށެވެ. އަދި އެތަން ހިއްކުމަކީ "މޮޔަ ކަމެއް ކަމަށާއި އެއީ ލާރިތަކެއް އިޝްރާގު ކުރުން" ކަމަށް ވެސް ބުނެ ހެދިއެވެ. ނަމަވެސް މާލެ އާއި ރަސް މާލެ ގުޅާލުމަށް ކަނޑުއަޑިން ޓަނަލެއް ހަދާ، ރެއިލްގެ ހިދުމަތް ތައާރަފު ކުރައްވާނެ ކަން ރައީސް އިއުލާން ކުރެއްވުމާއެކު، އެވާހަކަ އެހެން ދައްކާ މީހުން މިހާރު ކިޔާ ލަވައަކީ އެއީ "ކުރިއަށް އޮތް މަޖިލީސް ވޯޓަށް ރައްޔިތުން ގުނބޯ ހައްދަނީ ކަމަށާއި އެ ކަނޑުއޮޅީގައި ޓަނަލް ހަދާ ރޭލު ދުއްވާ ވާހަކަ ދައްކާނީ މިޔައިން" ކަމަށެވެ.
މިއަދު ޓެކްނޮލޮޖީ ކުރިއަރާފައި ވާ މިންވަރާއި ދުނިޔޭގެ އެތަން މިތާނގައި އަންޑަވޯޓާ ޓަނަލްތައް ހަދާ ސްޕީޑް ބާރު ރޭލްތައް ދުއްވާ އިރު އެއީ ރާއްޖޭގައި ވެސް ނުކުރެވޭ ކަމެއް ނޫނެވެ. ކަން ކުރުމަށް ބޭނުންވަނީ ކަން ކުރާން އުޅުމާއި އެ ވިސްނުމާއި ކަން ކުރާނެ ފައިސާއެވެ.
އެ ރޭ [މޭޔަރު ހުވާ ކުރެއްވި ރޭ] ރައީސް ވިދާޅުވެފައި ވަނީ، އެ ޗެނަލްގައި ޓަނަލް ހެދުމަށް މިހާރު ދިރާސާ ފައްޓަވާފައި ވާ ކަމަށާއި އެ މަސައްކަތަކީ، ފަތުުވެރިކަމަށް ވެސް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއަކަށް ވާނެ ކަމަށެވެ. ރޭލުން ދަތުރު ކުރާ އިރު ކަނޑު އަޑީގެ ރީތި މަންޒަރުތަކާއި މަސްމަހާ މެއްސާއި މުރަކަ ފަރުތައް އަދި ވެލާ ކަހަނބާއި މިޔަރު އައިންތައް ހަމަ ލޮލަށް ފެންނާނެހެން ޓްރާންސްޕޭރަންޓް [ބޭރު ފެންނަ ބިއްލޫރި" އިން ޓަނަލް ފަރުވާ ކޮށްފައި ހުންނަ އިރު ކޮންފަދަ ހިތްގައިމު ވާނެހެއްޔެވެ. އޭގެ އިތުރުން ޓަނަލާއެކު ހުންނަ އަންޑަވޯޓާ ރެސްޓޯރަންޓް ތަކާއި އެކިއެކި ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހުރުމުން ފުރިހަމަކަން ބޮޑުވާނެކަން ގައިމެވެ.
ދުނިޔޭގެ އެހެން ހުރިހާ ޓަނަލަކާ ތަފާތު ކޮށް، ރޭލު އައިސް ސްޓޭޝަންތަކަށް މަޑުކޮށްލަންދެން އާއިލާ އާއި ރައްޓެހިންނާއެކު ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ދެކިލަން ތިބެވެނެ އިންތިޒާމު ކޮށްލުމަކީ މުޅިން ތަފާތަކަށް ވާނެއެވެ.
ތުރުކީގެ އިސްތަންބޫލުގައި ހެދި 13.5 ކިލޯމީޓަރުގެ ޓަނަލް ޕްރޮޖެޓަށް 4.5 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވިއެވެ. ދުރުމިނަށް ބަލާ އިރު އެއީ މާލެ އާއި ރަސް މާލެ އާ ދެމެދުގެ ދުރުމިނާ އެންމެ ގާތް ކުރާ އަދަދެވެ. އެއީ 'ސަންކަން ޓަނަލް މެތަޑް' [އެއްގަމުގައި ބައިތައް ހަދައިގެން ގެންގޮސް ފައްތައިގެން ގުޅުވާ ގޮތަށް" ކުރިއަށް ގެންދިޔަ ކަނޑުއަޑީގެ ޓަނަލް އެކެވެ. 106 މީޓަރު ފުނުގައި ގާއިމު ކުރި އެ ޓަނަލް މަޝްރޫއަށް 4.5 ބިލިއަން ޑޮލަރު ހަރަދުވި އިރު މާލެ އާއި ރަސް މާލެ ގުޅާލަން ހަދާ ޓަނަލަށް ވެސް އެހާކަންހާވަރު ހަދަރުވާނެ ކަމަށް ބެލެވިދާނެއެވެ. ނަމަވެސް ހަރަދަކީ ޓަނަލް ގާއިމުކުރާ ސަރަހައްދުގައި ހުންނަ ލުއިފަސޭހަ ކަމަކާ ގުޅިފައި އޮންނާނެ ކަމެކެވެ.
މާލެ އާއި ރަސް މާލެ އާ ދެމެދު އޮންނަ ކަނޑަކީ ކިހާ އޮޔެއް ހިފާތަނެއް ކަމެއް އަދި ކަނޑުއަޑީގައި އަޑިގުޑަންތައް ހުރީ ކޮން ޒާތަކަށް ކަމެއް އިނގޭނީވެސް މިހާރު ކުރިއަށް ދާ ދިރާސާތަކުގެ ނަތީޖާތައް އާންމުވީމައެވެ. އެއީ ހިމުންކޮށް ސަރާސަރަށް ބިން ގަނޑު އޮތް ކަނޑެއް ނަމަ، ހަރަދު ކުޑަވެދާނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ތުރުކީއަށް ވެސް ވަޑައިގެންފައި ވާ އިރު، ކަނޑުއަޑީގެ ޓަނަލްއާ ބެހޭ މައުލޫމާތު ނުހޯއްދަވާ އޮތް ކަމެއްވެސް ނޭނގޭތާއެވެ. އަދި އޭގެ ފަހުން ފައިސާވެރި އަބޫދާބީއަށް ވެސް ވަޑައިގެންފައި ވާ އިރު ފައިސާގެ ކަންކަން ހަމަޖެއްސުމަށް ވާހަކަ ނުދައްކަވާ ކަމެއްވެސް ނޭނގެއެވެ.
ބޮޑެތި ކަންތައްތަކަކީ ބޮޑެތި ސިކުނޑިތަކަށް ނޫނީ ވިސްނޭ ވަރަށް ވުރެ ދުރު ކަންކަމަށް ވާއިރު ޓަނަލާ ގުޅުވައި އެކިއެކި ޒާތްޒާތުގެ ފޮޓޯތައް ހާމަ ކޮށް ހަޖޫ ޖަހާން މިއީ އެންމެ އެކަށޭނަ ވަގުތެއް ނޫނެވެ. އެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ އާއެކު ސަރުކާރުން މަޝްރޫއު އިއުލާން ކުރަންދެން މަޑުން ތިބެމާހެއްޔެވެ.
ކަނޑު އަޑިން މާލެ އާއި ރަސް މާލެ ގުޅާލުން، ނުވާ ވަރު ކަމެއް ނޫން، ހާސްވަނީ ކީއްވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ