ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންސްގައި ހަތް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން ބުނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި އައްޑޫގައި ފަސް ފޮށި އަދި މާލޭގައި ދެ ފޮށި ބަހައްޓާނެ ކަމަށެވެ.
އައްޑޫގެ ވޯޓު ފޮށިތައް ހިތަދޫ ސްކޫލުގައި އަދި މާލޭގެ ފޮށިތައް ބަހައްޓަން ނިންމާފައިވަނީ ދަރުމަވަންތަ ސްކޫލުގަ އެވެ.
އީސީން ވަނީ ބައި-އިލެކްޝަނަށް މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް އަންނަ ބުދަ ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ.
ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން އޮބްޒާވަރުންނަށް އަދި މޮނީޓަރުންނަށް ވާން ފޯމު ހުށަހަޅާނީ ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށެވެ.
ސިޔާސީ ޕާޓީތަކުން އޮބްޒާވަރުންނަށް ފޯމު ހުށަހަޅާނީ ސިމެދަ ނަމަކަށް ކިޔާ ޕޯޓަލްއިންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ.
އެކަންކަމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކިކަން ސާބިތުވާތީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކޮށްފަ އެވެ.
އެހެންވެ، ބައި-އިލެކްޝަނަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލައްވާފައިވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަދި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ބަހައްޓާނީ ހަތް ވޯޓުފޮށި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ