ތިން އަހަރުވުމުގެ ކުރިން އޯޓިޒަމްގެ އަލާމާތްތައް ފެނުމާ ސްކްރީން ވަގުތާ ގުޅުން އެބަހުރި: ދިރާސާ
އުމުރުން ތިން އަހަރުވުމުގެ ކުރިން އޯޓިޒަމްގެ އަލާމާތްތައް ފެނުމާ ސްކްރީން ވަގުތާ ގުޅުން އެބަހުރި ކަމަށް އިންޑިއާގެ ދިއްލީގައި ހުންނަ 'އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް' (އެއިމްސް)ގެ ދިރާސާއަކުން ދައްކައިފިއެވެ. އެއިމްސްގެ މި ދިރާސާއިން ދައްކާ ގޮތުގައި، ތުއްތުއިރު ގިނަ ވަގުތު ސްކްރީނަށް ހުށަހެޅުމަކީ ތިން އަހަރުވާއިރު އޯޓިޒަމްއާ ގުޅުންހުރި އަލާމާތްތައް ފެނުމަށް މަގުފަހިވާ ކަމެކެވެ. ޑޮކްޓަރުން ވިދާޅުވާގޮތުގައި، މި ހޯދުމުން އެނގެނީ ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ 1,000 ދުވަހުގެ ތެރޭގައި ސްކްރީން ބޭނުންކުރުން މަދުކޮށް، އިންސާނީ މުއާމަލާތްތައް އިތުރުކުރަން ޖެހޭ ކަމެވެ. އެއިމްސްގެ ޕީޑިއަޓްރިކް ނިއުރޮލޮޖީ ޓީމުން ހެދި މި ދިރާސާއިން ހާމަވިގޮތުގައި، އެއް އަހަރު ފުރުމުގެ ކުރިން ގިނަ ވަގުތު ސްކްރީން ބަލާ ކުދިންގެ ކިބައިން، ތިން އަހަރުވާއިރު އޯޓިޒަމްގެ އަލާމާތްތައް ފެނުމުގެ ފުރުސަތު ބޮޑެވެ. ސިކުނޑީގެ ކުރިމަގުގެ ތަރައްގީއަށްޓަކައި، 18 މަސް ނުފުރޭ ކުދިން އެއްވެސް ވަރަކަށް ސްކްރީނަށް ހުށަނޭޅުމަށް މި ދިރާސާއިން އިރުޝާދުދެއެވެ. ކުއްޖާގެ ހަޔާތުގެ ކުރީކޮޅު، އޯޓިޒަމްގެ އަލާމާތްތައް ދެނެގަނެވިއްޖެނަމަ، އެކަމަށް ދެވޭ ފަރުވާ އާއި އެހީތެރިކަމުގެ ނަތީޖާ މާ ބޮޑަށް ވެސް ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/އިންޑިއާޓުޑޭ ދިރާސާވެރިން ފާހަގަ ކުރައްވާފައިވާ ގޮތުގައި، ކުއްޖެއްގެ ހަޔާތުގެ ފުރަތަމަ 1,000 ދުވަހަކީ ޑިޖިޓަލް ވަސީލަތްތަކަށްވުރެ ބޮޑަށް އިންސާނީ ގާތްކަމާއި މުއާމަލާތް ބޭނުންވާ ދުވަސްވަރެކެވެ. އެއިމްސްގައި އޯޓިޒަމް ހުރި 2,000 އަށްވުރެ ގިނަ ކުދިން ބެލިބެލުމުން އެނގުނީ، އޭގެ ތެރެއިން 80 ޕަސެންޓް ކުދިންނަށް ފިޓުޖެހުމާއި، ނިދުމުގެ މައްސަލަތަކާއި، ސަމާލުކަން ދިނުމަށް ދަތިވުން ފަދަ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަމެވެ. މާބަނޑު ދުވަސްވަރުން ފެށިގެން ދަރިފުޅަށް ދެ އަހަރު ފުރެންދެން ހިމެނޭ ފުރަތަމަ 1,000 ދުވަހަކީ ސިކުނޑީގެ 80 ޕަސެންޓް ހެދިބޮޑުވާ ދުވަސްވަރު ކަމަށްވާތީ، މިއީ ވަރަށް ނާޒުކު ދުވަސްވަރެކެވެ. މި މުއްދަތަކީ ސިކުނޑީގެ "ކޮންޓްރޯލް ސެންޓަރު" ނުވަތަ ޕްރީފްރަންޓަލް ކޯޓެކްސް ތަރައްގީވެ، ގޮތް ނިންމުމާއި ސަމާލުކަން ދިނުން ފަދަ މުހިންމު ސިފަތައް އަށަގަންނަ ދުވަސްވަރެވެ. މި ދުވަސްވަރު ސިކުނޑީގެ ނާރުތަކުގެ ގުޅުންތައް ވަރުގަދަ ވަނީ ބެލެނިވެރިންނާއި ކުއްޖާއާ ދެމެދު ހިނގާ މުއާމަލާތްތަކުގެ ތެރެއިންނެވެ. ދަރިފުޅަށް ސްކްރީން ވަގުތު ވަކި އިރަކަށް ލިމިޓުކޮށްފައި ބެހެއްޓުމަށްފަހު އެކަން އެގޮތުގައި ދަމަހައްޓަން މަސައްކަތް ކުރުމަކީ ކުދިން ސްކްރީނާ ދުރުކޮށްލަދިނުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއާޓުޑޭ ނަމަވެސް، މި މުއްދަތުގައި އިންތިހާއަށް ސްކްރީން ބޭނުން ކުރުމަކީ މި މުހިންމު ގުޅުންތަކަށް ހުރަސްއެޅި، ކުއްޖާގެ ވިސްނުމަށް ލަސްތަކެއް އައުމަށް ނުވަތަ އޯޓިޒަމްގެ އަލާމާތްތައް ފެނުމަށް މެދުވެރިވާ ކަމެއް ކަމަށް ތަޖުރިބާކާރުން އިންޒާރުދެއްވައެވެ. ސްކްރީން ބޭނުންކުރާ ވަގުތު އިތުރުވުމަކީ ބޮޑެތި މީހުންގެ ކިބައިގައި ހުންނަ 'އޭޑީއެޗްޑީ'ގެ އަލާމާތްތައް އިތުރަށް ގޯސްވާ ކަމެކެވެ. ކުރު ވީޑިއޯތައް ބެލުމުގެ ސަބަބުން ސިކުނޑީގެ ސަމާލުކަން ދިނުމުގެ ބާރު ދެރަވެ، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ދަތިވެއެވެ. މީގެ އިތުރުން، ގިނަވަގުތު ފޯނު ބޭނުންކުރުމުގެ ސަބަބުން ނަފްސާނީ ގޮތުން ވަރުބަލިވުމާއި، ހިތުގެ ތެޅުން އަވަސްވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވާކަމަށް ކަމުގެ މާހިރުން ވަނީ ފާހަގަކުރައްވާފައެވެ. އެއިމްސްގެ ޗައިލްޑް ނިއުރޮލޮޖީ ޑިވިޜަންގެ އިސްވެރިޔާ ޑރ. ޝެފާލީ ގުލާޓީ ވިދާޅުވި ގޮތުގައި، އޯޓިޒަމަކީ އިޖުތިމާއީ ގުޅުންތަކާއި މުއާމަލާތް ކުރުމަށް އަސަރުކުރާ ހާލަތެކެވެ. ތުއްތު ކުދިންގެ ސަމާލުކަން އެހެން ކަމަކަށް އެނބުރުމުގެ ބޭނުމުގައި އެންމެ ފަސޭހައިން ކޮށްލެވޭނެ ކަމަކީ ސްކްރީން ދެއްކުން ކަމަށް ހީވިޔަސް މިއީ އޭގެ ސަބަބުން އެ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެއް ކަމަށް މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއާޓުޑޭ މީގެ އަލާމާތްތަކުގެ ތެރޭގައި އެއްކަމެއް ތަކުރާރުކޮށް ކުރުމާއި (މިސާލަކަށް އަތް ތަޅުވުން ނުވަތަ ފައިގެ އިނގިލިތަކުގެ ކުރީގައި ހިނގުން) އަދި ވަކި ކުޅޭ އެއްޗެއްގެ ބަޔަކަށް މާބޮޑަށް ސަމާލުކަން ދިނުން ހިމެނެއެވެ. ޑރ. ޝެފާލީ އިތުރަށް ވިދާޅުވީ، ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމަށާއި، އެހެންކަމުން ފެންނަ އަލާމާތްތަކުގެ ނިސްބަތް ވެސް ތަފާތުވާނެ ކަމަށެވެ. ކުއްޖާގެ ހަޔާތުގެ ކުރީކޮޅު، ހާއްސަކޮށް ފުރަތަމަ 1,000 ދުވަހު، އޯޓިޒަމްގެ އަލާމާތްތައް ދެނެގަނެވިއްޖެނަމަ، އެކަމަށް ދެވޭ ފަރުވާ އާއި އެހީތެރިކަމުގެ ނަތީޖާ މާ ބޮޑަށް ވެސް ރަނގަޅުވާނެއެވެ. ތިން އަހަރު ފަހުން ސިކުނޑީގެ އޮނިގަނޑު ވަކި ގޮތަކަށް ބައްޓަންވެ ނިމޭތީ، އޭގެ ފަހުން ބަދަލުތައް ގެނައުމަކީ އުނދަގޫ ކަމެއް ކަމަށް ޑރ. ޝެފާލީ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ކުއްޖާގެ ލޮލަށް ބަލާލުމަށް އުނދަގޫވުން، ނަމުން ގޮވާލުމުން އިޖާބަ ނުދިނުން ނުވަތަ ވާހަކަދެއްކުން ލަސްވުން ފަދަ ކަންކަމަށް ސަމާލުވުމަށް ބެލެނިވެރިންނަށް ޑރ. ޝެފާލީ ވަނީ އިރުޝާދު ދެއްވާފައެވެ. އޯޓިޒަމް ކުރިމަތި ވަނީ ހަމައެކަނި ސްކްރީން ބަލައިގެންނެއް ނޫން ކަމަށާއި، މީގައި ވިރާސީ (ޖެނެޓިކް) ކަންތައްތަކާއި ތިމާވެށީގެ އަސަރުތައް ވެސް ހިމެނޭ ކަމަށް ޑރ. ޝެފާލީ ވިދާޅުވެފައިވެއެވެ. ނަމަވެސް، ވެކްސިން ޖެހުމާ އޯޓިޒަމާ އެއްވެސް ގުޅުމެއް ނެތްކަން ދުނިޔޭގެ ދިރާސާތަކުން ކަށަވަރުވެފައިވާ ކަމަށް ޑރ. ޝެފާލީ ވަނީ ވިދާޅުވެފައެވެ. ގިނަ މައިންބަފައިން ބިޒީ ދިރިއުޅުމެއްގައި އުޅޭއިރު ކުދިން އެހެން ކަމަކާ މަޝްއޫލުކުރުވުމުގެ ބޭނުމުގައި ސްކްރީން ދެއްކުމަކީ ފަސޭހަ ވަސީލަތެއް ކަމަށް ހީކުރި ނަމަވެސް، މި ދިރާސާއިން އެނގެނީ ކުއްޖާގެ ކުރިމަގަށްޓަކައި ސްކްރީނަށް ވުރެ ބޮޑަށް އިންސާނީ ގުޅުމާއި ލޯބި ތުއްތު ކުދިންނަށް ބޭނުންވުމުގެ މުހިއްމު ކަމެވެ. އެހެންކަމުން މިއީ މައިންބަފައިން ވަރަށް ފުންކޮށް ވިސްނުމަށްފަހު ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ