އިލްމުވެރިންގެ ފަރާތުން މި ސަރުކާރަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ: ފައިސަލް

ދީނީ އިލްމުވެރިންގެ ފަރާތުން މި ސަރުކާރަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަމަށް ރާއްޖޭގެ ރައީސްުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ފައިސަލް މިގޮތަށް ވިދާޅުވެފައިވަނީ 1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި އިލްމުވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެކިއެކި ދާއިރާތަކަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވާ އިތުރަށް ފައިސަލް ވިދާޅުވީ މީހުން ބިނާކުރުމުގެ ދީނީ ޕްރޮގްރާމްތަކަށް ރާއްޖޭގެ ދީނީ އިލްމުވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
އަދި އެކަމަށް ފައިސަލް ވަނީ އިލްމުވެރެިންގެ ކިބައިން ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުންވެސް މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީވެސް ވަނީ އިލްމުވެރިންގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި އެކަމުގައި ސްކޫލުތަކުގެ ދަރިވަރުންވެސް ޝާމިލުކުރެވުނުކަމަށްޓަކައި އުފާފުޅުކުރައްވާކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ.
މިއާ ހިލާފަށް ސަރުކާރުގެ ބައެއް ކަންކަމުގައި އިލްމުވެރިން ދެކޮޅު ހަދާ މައްސަލަަތައްވެސް ވަނީ މީގެ ކުރިން ފެންމަތިވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ބައެއް އިލްމުވެރިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ޝައިޚް ފަޒްލޫން ބިން މުހައްމަދާއި ޝައިޚް އާދަމް ނިޝާން، އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހިމެނޭހެން 18 މީހެއްގެ މައްޗަށް އެ މައްސަލައިގައި ދައުވާވެސް އުފުލާފައި ވެއެވެ.
1444ވަނަ އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށް، އެ މައްސަރަށް ތައްޔާރުވުމުގެ ގޮތުން ވޯކްޝޮޕްތައް ބޭއްވިފައިވާއިރު ރަމަޟާންމަހު މާލެއާއި އަތޮޅުތަކުގައި، އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން އިހްޔާ ފޯރަމްތަކުގެ ޖުމްލަ 20 ފޯރަމް ބާއްވާފައިވެއެވެ. އަދި 32 މިސްކިތެއްގައި އަސުރު ނަމާދަށްފަހު ދަރުސް ދެއްވާފައިވާއިރު 244 ދަރުސް އިލްމުވެރިން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ