ޖޭޕީގެ ލީޑަރުކަމުގެ މަގާމަށް ގާސިމް ކުރިމަތިލައްވައިފި

ރާއްޖޭގެ ތިންވަނައަށް އެންމެ މެންބަރުންގިނަ ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް އޮނަރަބަލް ގާސިމް އިބްރާހިމް ކުރިމަތިލައްވައިފިއެވެ.
އެ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްއިން ހޮވާ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް އެމަނިކުފާނު ކުރިމަތިލައްވާފައިވާކަން ޖޭޕީންވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ވީނިއުސްއަށް މިކަމާއިބެހޭ އިތުރު ތަފްސީލު ދެއްވަމުން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސާލިހް ވިދާޅުވީ މި މަހުގެ 24 އަދި 25 ވަނަ ދުވަހު އޮންނަ ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާއަށް، މިހާރު ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންގެ މަޤާމުގެ މުއްދަތު ހަމަވާއިރު ޕާޓީގެ އައު ޑެޕިއުޓީ ލީޑަރުގެ މަޤާމަށް މިހާތަނަށް 15 ބޭފުޅުން ކުރިމަތިލައްވާފައިވާކަމަށެވެ. އަދި މިއީ ޕާޓީގެ އެންމެ ވާދަވެރި އިންތިހާބީ މަގާމުކަމަށްވެސް އަލީ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމަށް މިހާތަނަށް ކުރިމަތިލައްވާފައިވާ ބޭފުޅުގެ ތެރޭގައި ޕާޓީގެ ސްލޮޓެއްގައި ސަރުކާރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުގެ މަގާމުގައި ހުންނެވި އައިޝަތު ނަހުލާއާއި، ޕާޓީގެ ނައިބު ރައީސް އަޙުމަދު ސަޢުދާއި، ޕާޓީގެ ސްލޮޓެއްގައި، މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީގެ އިތުރުން ޕާޓީގެ ލީޑަރުގެ އެގްޒެކެޓިވް ސެކްރެޓަރީ އިޤުބާލާއި ކުރީގެ އެޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވި އަމީން އިބްރާހިމްވެސް ހިމެނިވަޑައިގަންނަވައެވެ.
ވާދަވެރިކޮށް ޖޭޕީގެ މަގާމުތަކަށް މެންބަރުން ކުރިމަތިލިޔަސް ޕާޓީގެ ތެރޭގައި އެއްވެސް ކޯޅުމެއް ހަމަނުޖެހުމެއްނެތްކަން ފާހަގަކުރައްވާ އަލީ ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ޕާޓީގެ ބޭފުޅަކު ކަނޑައެޅުމަށް ބޭއްވި އިންތިހާބުން މިސާލު ދައްކަވާފައެވެ. އަލީ ވިދާޅުވީ ޕާޓިގެ އެތެރޭގައި އިންތިހާބީ ވާދަވެރި ރޫހު ވަރަށް ގަދަޔަށް އެބަހުރިކަމަށާއި އެހެންނަމަވެސް އެ ވާދަވެރިކަމުގެ ސަބަބުން ޕާޓީ ބައިބައިވެގެން ރޫޅިގެން ނުދާނެކަމަށެވެ.
އެޕާޓީ ރޫޅިގެން ބައިބައިވެގެން ނުދަނީ އޮނަރަބަލް ގާސިމް އިބްރާހިމް ފަދަ ހަރުދަނާ ލީޑަރެއް ޕާޓީގެ އިސްމުގުލުގައި ހުންނެވީމަކަމަށާއި އެމަނިކުފާނަކީ ތަފާތު ހިޔާލާއި ފިކުރުގެ މީހުން ގޮވައިގެން އުޅެން ދަންނަ އެ ތަޖުރިބާވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން އަލީ ފާހަގަކުރެއްވިއެވެ.
ލީޑަރޝިޕްގެ މަޤާމުތައް ބެހިގެންދާއިރު ޕާޓީގެ ލީޑަރަކާއި ނައިބު ލީޑަރުންގެ ފަސް ބޭފުޅުންނާއި ޒުވާނުންގެ ކޮމިޓީއަށް ފަސް މެންބަރަކާއި އަންހެނުން ގޮފީގެ ފަސް މެންބަރެއް އަދި އިތުރު 25 ކައުންސިލް މެންބަރަކު އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޤާމުތަކަށްވެސް މެންބަރުން އަންނަނީ ކުރިމަތިލަމުންނެވެ.
ޖުމްހޫރީ ޕާޓީގެ އެންމެ އިސް ގުނަވަންކަމަށްވާ ޕާޓީގެ ޤައުމީ ކޮންފަރެންސްއަށް ވަގުތު ކުޑަތަންވަމުން އަންނައިރު، މި ކޮންފަރެންސްއަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ޖުމްހޫރީ ޕާޓީގެ ކުރިމަގު ކަނޑައަޅައިދޭނެ މަގުޗާޓެއްކަމަށް އެޕާޓީގެ އިސް ބޭފުޅުން އަންނަނީ ބުނަމުންނެވެ. އަދި މި ކޮންގްރެސްގައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބާމެދު ޕާޓީގެ ނިންމުންވެސް ސާފުވާނެކަމަށް ބެލެވޭއިރު ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އަދި މިހާތަނަށް ޖުމްހޫރީ ޕާޓީ އޮތީ ހިމޭނުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމި ރައީސް ސޯލިހާއި ޕާޓީ ޓިކެޓް ހަވާލުކޮށް އިންތިހާބު ކާމިޔާބުކުރުމަށް ކޯލިޝަނަކަށް ޢަމާޒު ހިފާފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ރާއްޖޭގައި އިންތިޚާބުތަކުގައި ކޯލިޝަން ހެދުމަށް އެންމެ ގިނަ ހުށައެޅުން އަންނަ ލީޑަރަށް މިހާރުވެސް ވަނީ ވެފައެވެ. މިސަބަބާއިހުރެ ރާއްޖޭގެ ސިޔާސީ ކުރިމަގު ކަނޑައެޅުމުގެ ބާރު އެމަނިކުފާނަށް މިހާރުވެސް ވަނީ ލިބިލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ