ހޮނިހިރު ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ނާކާމިޔާބީއާ ކުރިމަތިވި، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަލްއުސްތާޛް ހުސެން ރިޒާ އާދަމް، ބަލި ގަބޫލުކުރައްވައި ޑިމޮކްރެސީގެ ރިވެތި ނަމޫނާ ދައްކައިފިއެވެ.
މިފަހުން، ރާއްޖޭގައި ބޭއްވި ގިނަ އިންތިޚާބުތަކުން ފެނިގެންދިޔަ މަންޒަރަކީ ނާކާމީޔާބީއާ ކުރިމަތިލާ ކެންޑިޑޭޓުން ބަލި ގަބޫލުކުރުމުގެ ބަދަލުގައި ވޯޓުގެ ނަތީޖާއާމެދު ސުވާލު އުފައްދާ މަންޒަރެވެ. ނަމަވެސް ހޮނިހިރު ދުވަހު އޮތް އިންތިޚާބުގެ ވަގުތީ ނަތީޖާތައް ފާޅުވުމާއެކު، އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒްއަށް މަރުހަބާ ދަންނަވައި ރިޒާވަނީ ނަމޫނާ ދައްކަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ޝާޒް ކާމިޔާބުކުރެއްވީ ދެ ބޭފުޅަކާ ވާދަކުރައްވައެވެ. އެގޮތުން، އޭނާ ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި އަލްއުސްތާޛް ހުސެން ރިޒާ އާދަމްގެ އިތުރުން އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ގުރައިދޫ ސުކޫލުގެ ކުރީގެ ލީޑިން ޓީޗަރު، އަލީ އަރީފްއާއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، މާލެ ފޮށިންނާއި މާފުށްއްޓާއި ގުޅީގައި، ބަހައްޓާފައިވާ ފޮށިތަކުން އެމްޑީޕީގެ ކެނޑިޑޭޓް ޝާޒް އުޅެނީ ބޮޑު ތަފާތަކުން ކުރީގައެވެ. މީގެއިތުރުން، ގުރައިދޫގައި ބަހައްޓާފައިވާ ދެފޮށީގެ ތެރެއިން އެއްފޮށިވެސް ޝާޒް ވަނީ ކާމިޔާބު ކުރައްވާފައެވެ.
ފޮށިތަކުގެ ވަކިވަކި ނަތީޖާތަކަށް ބަލާއިރު، ގުރައިދޫ ކައުންސިލްގެ އިދާރާގައި ބަހައްޓާފައި ހުރި ވޯޓު ފޮށިން، ޝާޒްއަށް 179 ވޯޓު ލިބިފައިވާއިރު، ރިޒާއަށް 219 ވޯޓު އަދި އަރީފްއަށް 21 ވޯޓު ލިބިފައިވެއެވެ.
ގުރައިދޫ ޔޫތު ސެންޓަރުގައި ހުރި ވޯޓު ފޮށިން، ޝާޒްއަށް 240 ވޯޓު ލިބިފައިވާއިރު، ރިޒާއަށް 210 ވޯޓު އަދި އަރީފްއަށް 26 ވޯޓު ލިބިފައިވެއެވެ.
މާލޭ ފޮށީގެ ނަތީޖާއަށް ބަލާއިރު، ޝާޒްއަށް 162 ވޯޓު ލިބިފައިވާއިރު، ރިޒާއަށް 152 ވޯޓު އަދި އަރީފްއަށް 20 ވޯޓު ލިބިފައިވެއެވެ. މީގެ އިތުރުން މާގުށި ސްކޫލްގައި ހުރި ވޯޓު ފޮށިން ޝާޒްއަށް 196 ވޯޓު ލިބިފައިވާއިރު، ރިޒާއަށް 179 ވޯޓު އަދި އަރީފްއަށް 24 ވޯޓު ލިބިފައިވެއެވެ.
އެރަށުގައި ހުރި ވޯޓި ފޮށި ނަމްބަރު އެކެއްގެ ނަތީޖާއަށް ބަލާއިރު ޝާޒްއަށް 308 ވޯޓު ލިބިފައިވާއިރު، ރިޒާއަށް 226 ވޯޓު އަދި އަރީފްއަށް 27 ވޯޓު ލިބިފައިވެއެވެ.
މިއީ ރަމަޟާންމަހެއްގައި މިފަދަ އިންތިހާބެއް ބޭއްވި ފުރަތަމަ ފަހަރެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އިލެކްޝަން ކޮމިޝަނުގެ ހިސާބުތަކުން ދައްކަނީ 3423 މީހުންނެވެ. މި އިންތިހާބުގައި ޖުމްލަ 6 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެގޮތުން، ގުޅީ ސްކޫލް، ގުރައިދޫ ކައުންސިލް އިދާރާ، ގުރައިދޫ ޔޫތު ސެންޓަރުގައި ވޯޓު ފޮޮއްޓެއް ބަހައްޓާފައިވެއެވެ. އަދި މާފުށީ ސްކޫލުގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
މާލޭގައި ވޯޓުލުން ކުރިޔަށްދިޔައީ ޢިއްޒުއްދީން ސްކޫލްގައެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.
އެންމެފަހުން މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.
އެފަހަރު ބާއްވާފައިވަނީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެވެ. އެއީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެފުރަތަމަ އިންތިޚާބުވި، މެމްބަރު ހުސެއިން ވަހީދު، 2021 ވަނަ އަހަރުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: ބަލި ގަބޫލުކޮށް، ރިޒާ ދެއްކީ ރިވެތި ނަމޫނާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ