ފަސޭހަކަމާއި އެކު ބާންލީ ބަލިކޮށް މެންޗެސްޓަރ ސިޓީ އެފްއޭ ކަޕް ސެމީއަށް!

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ އަމިއްލަ ދަނޑުގައި ބާންލީ ފަސޭހަކަމާއި އެކު 6-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް މެންޗެސްޓަރ ސިޓީއިން ހޯދައިފިއެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 32 ވަނަ މިނެޓުގައި އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނޯވޭ ފޯވާޑް ހާލަންޑް އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. 
އިގިރޭސި ޗެންޕިއަންޝިޕްގެ ތާވަލުގެ އެއްވަނައިގައި އޮތް ބާންކީ ކޮޅަށް ހާލަންޑް ހެޓްރިކް ހެދީ ދެވަަނަ ހާފްގެ 59 ވަނަ މިނެޓުގައެވެ. މިއީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ލަނޑެވެ. ޗެންޕިއަންސް ލީގުގައި އާރުބީ ލެޕަޒިގް ކޮޅަށް 5 ލަނޑުޖެހި އިރު އެމެޗުގައި އޭނާ ކުޅުނީ 63 މިނެޓެވެ. އަދި މި މެޗުގައި ވެސް 63 ވަނަ މިނެޓުގައި ސިޓީގެ ކޯޗު ގާޑިޔޯލާ ވަނީ ހާލަންޑް ބަދަލުކޮށްފައެވެ.
ފަހު ހާފުގައި ސިޓީއިން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު އޭގެ ތެރެއިން ދެލަނޑު ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްވަރޭޒް އެވެ. އަދި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ކޯލް ޕާމަރ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި މިވަގުތު އޮތް މެންޗެސްޓަރ ސިޓީ އެފްއޭ ކަޕްގެ ސެމީފައިނަލުން ޖާގަ ހޯދި އިރު، އެޓީމު ވަނީ މިދިޔަ ހަފްތާގައި ޗެންޕިއަންސް ލީގުގެ ކުއާޓާއަށް ފައިނަލުން ވެސް ޖާގައެއް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ