އިރާނުގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލާނުދޭން ޓްރަމްޕް އިޒްރޭލަށް އަންގައިފި

ގަލްފު ސަރަހައްދުގެ ގޭސް އުފައްދާ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާތީ، އިރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާތަކަށް އިތުރު ހަމަލާތަކެއް ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލަށް ރޭ ގޮވާލައްވައިފި އެވެ.
އިރާނުގެ ސައުތު ފާސް ގޭސް މައިދާނަށް އިޒްރޭލުން ހަމަލާދިނުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ހަވާލާދީ ޓްރަމްޕް ރޭ ވިދާޅުވީ، "އެފަދަ ކަމެއް ނުކުރުމަށް އަޅުގަނޑު އޭނާ ގާތު ބުނިން، އަދި އޭނާ އެކަމެއް ނުކުރާނެ،" ކަމަށެވެ. މީގެ އިތުރުން ނަތަންޔާހޫ ވަނީ އެ ހަމަލާއަކީ އިޒްރޭލުން އަމިއްލައަށް ދިން ހަމަލާއެއްކަން ކަށަވަރުކޮށްދީ، ކުރިއަށް އޮތް ތަނުގައި އެފަދަ ހަމަލާތަކުން ދުރުހެލިވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން، ދުނިޔޭގައި އުފައްދާ ގުދުރަތީ ގޭހުގެ (އެލްއެންޖީ)ގެ ފަސްބައިކުޅަ އެއްބައި އުފައްދާ ގަތަރުގެ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަށް އިރާނުން ހަމަލާދިނުމާ އެކު މަސްރަހު ވަނީ އިތުރަށް ގޯސްވެފަ އެވެ. މި ހަމަލާގައި ލިބުނު ގެއްލުންތައް މަރާމާތުކުރުމަށް އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ރެޑް ސީ އެކްސްޕޯޓް ޕޯޓަށް ވެސް ވަނީ ހަމަލާތަކެއް އަމާޒުވެފަ އެވެ.
އިރާނުގެ އަސްކަރީ ތަރުޖަމާނު އިބްރާހިމް ޒުލްފަގާރީ ވިދާޅުވި ގޮތުގައި، މި ހަނގުރާމަ މިހާރު ވަނީ އާ މަރުހަލާއަކަށް ގޮސްފަ އެވެ. އަދި އަލުން ހަމަލާތަކެއް ދީފި ނަމަ، އިދިކޮޅު ފަރާތްތަކުގެ ހަކަތައިގެ ވަސީލަތްތައް މުޅިން ސުންނާފަތިކޮށްލަންދެން ހަމަލާތައް ކުރިއަށްގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދީފަ އެވެ.
މި މަސްރަހު ނުތަނަވަސްވުމާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ބޮޑު ތެލުގެ ޝޮކެއް އަތުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. ހަކަތައިގެ އަގުތައް އުފުލެމުންދާއިރު، ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ޖަޕާނާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަން ހާމަކޮށްފަ އެވެ.
އެމެރިކާއިން އެ ސަރަހައްދަށް އިތުރު ސިފައިން ފޮނުވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޓްރަމްޕް ރޭ ވިދާޅުވީ އެއްވެސް ތަނަކަށް ސިފައިން ނުފޮނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ