ގާސިމް މަރާލުމުގެ ކުށް އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ

މީގެ ތިން އަހަރު ކުރިން ވަޅި އަކުން ހަމަލާދީ ހުޅުމާލޭގައި މަރާލި ޓެކްސީ
ޑްރައިވަރ ގާސިމް ހަސަންގެ ގާތިލް, ޅ. ހިންނަވަރު, ބޮޑުހިޔާގެ, އަދުހަމް މުހައްމަދުގެ މައްޗަށް އެ ކުށް
ސާބިތުވެއްޖެ ކަމަށް ކްރިމިނަލް ކޯޓްއިން ކަނޑައަޅާފިއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު 04
ގައި އދ. މާމިގިލިއަށް ނިސްބަތްވާ ޓެކްސީ ޑްރައިވަރ ގާސިމް ހަސަންއަށް ވަޅިއަކުން ހަމަލާދީ މަރާލައިފާވަނީ ގާސިމްގެ ކާރުގެ
ފަހަތު ސީޓްގައި އިން އަދުހަމް ފޭރުމަށް ކުރި މަަސައްކަތް ނާކާމިޔާބުވުމާއި
ގުޅިގެންނެވެ.  އަދުހަމް މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އެއަހަރުގެ 15 ޑިސެމްބަރުގައެވެ.
މި މައްސަލައާއި ގުޅިގެން މިއަދު ބޭއްވުނު އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވެފައިވަނީ ގާސިމް މަރާލި ސަރަހައްދުން ފެނުނު ވަޅިން އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމާއިމެދު
އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށެވެ.
Advertisement
އަދި ވަޅީގެ ހަމަލާއާއިމެދު އެކި ފަހަރު
އެކި ގޮތަށް ވާހަކަދެއްކި ނަމަވެސް ކޮންމެ ފަހަރަކުވެސް ވަޅި ހެރި ކަމަށް އަދުހަމް އެއްބަސްވެފައިވާކަމަށެވެ.
އަދުހަމް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އިއުތިރާފްވެ އެއަށްފަހު އޮތް ބައްދަލުވުމެއްގައި އޭނާ އެކަން ކުރީ މަސްތުގެ ހާލަތުގައިކަމަށާއި ގަސްތުގައި ނޫން ކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން ގާޒީ ނަދީމް ވިދާޅުވެފައިވަނީ ކުށުގެ ވެށިން ފިލުމަށް އަދުހަމް ކުރި
މަސައްކަތުންވެސް މިއީ ގަސްތުގައި ކޮށްފައިވާ ކަމެއްކަން ހާމަވާކަމަށާއި މީހުން
ދިރިނޫޅޭ ހިސާބެއްގައި ހިނގި އެ ހާދިސާއަށް ފަހު ގާސިމަށް އެހީތެރިވުމަށް އަދުހަމް
މަސައްކަތް ކުރި ނަމަ، އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތް ކަމަށް ބެލެވުނީސް
ކަމަށެވެ.
އަދި މަސްތުގެ ހާލަތުގައި އަދުހަމް އެވަގުތު
ހުރިއިރު އޭނާ ހުރީ ކުރި ޢަމަލުގެ ނަތީޖާ ނުވިސްނޭ ހާލަތުގައި ނޫންކަމަށްވެސް ޤާޒީ ވިދާޅުވިއެވެ.
މިއާއިއެކު ގާޒީ ވަނީ ގާސިމްގެ މަރާއި ގުޅިގެން ހެދި މެޑިކޯ ލީގަލް
ރިޕޯޓާއިމެދު އަދުހަމް ސުވާލު އުފައްދާފައިނުވާކަން ފާހަގަކުރައްވާފައިވެއެވެ.
އަދި ދިރިހުރުމުގެ ހައްގު ކޮންމެ މީހަކަށް ލިބިފައިވާކަން
ފާހަގަ ކުރައްވާ ގާޒީ ވިދާޅުވެފައިވަނީ މި ހައްގު މީހެއްގެ ކިބައިން އަތުލެވޭނީ
ކޯޓަކުން ކުރާ ހުކުމަކުން ކަމަށާއި ގާސިމްގެ ލޭ ހުއްދަ ކުރަންޖެހޭ ސަބަބެއް ނެތް
ކަމަށެވެ. އެހެންކަމުން ގާސިމް މަރާލައިފާވަނީ ހައްގަކާއި ނުލާ ކަމަށެވެ.
"ގާސިމް ހަސަން މަރާލުމުގެ ގަސްދު
އަދުހަމް މުހައްމަދުގެ ކިބައިގައި އޮތްކަން ސާބިތުވާ ކަމަށް ކަނޑައަޅަން."
ގާޒީ ނަދީމް ވިދާޅުވިއެވެ.
އަދުހަމްގެ މައްޗަށް ކުށް މިހާރު ސާބިތުވެފައިވީ
ނަމަވެސް ކުށުގެ އަދަބު ކަނޑައެޅޭނީ ވާރިސުންގެ ބަހަށް ފަހުގައެވެ. މި މައްސަލާގައި
ދެން ކުރިއަށް އޮތީ މި މަރުހަލާއެވެ.
ދައުލަތުން ވަނީ ގާސިމްގެ
ވާރިސުންގެ ގޮތުގައި 5 ބޭފުޅުން ތިބި ކަމަށް ހާމަ ކުރައްވާފައެވެ. ގާސިމްގެ އާއިލާގެ ގޮތުގައި އޭރު އަނބިމީހާގެ އިތުރުން 5 ކުދިން ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ