ސިފައިންގެ މުސާރައަށް އަންނަ ހެޔޮ ބަދަލުގެ ފައިދާ ވަރަށް އަވަހަށް ލިބޭނެ: މާރިޔާ

ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ އެބަދަލު އައިސް އެކަމުގެ ފައިދާ ސިފައިންނަށް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ސިފައިންގެ އެޖޫޓަންޓް ޖެނެރަލް ކޯޕްސް، އޭޖީ ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެޖޫޓަންޓް ޖެނެރަލް ކޯރއަކީ ސިފައިންގެ ތެރެއަށް އެންމެ ފަހުން ތަޢާރަފް ކުރި ޚިދުމަތެވެ. މި ކޯރގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އަސްކަރީ އަދަބު އަޚްލާޤު ހިފެހެއްޓުމާއި ދެމެހެއްޓުމާއި، އިދާރީ ހިންގުމުގެ ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުން، އަސްކަރީ އަދުލުގެ ނިޒާމު ރާވާ ހިންގާ ތަންފީޒުކުރުމާއި، 1892 ގައި ދިވެހިރާއްޖޭގައި ސިފައިން އުފެއްދި ދުވަހުން ފެށިގެން ސިފައިންގެ އެންމެ އަސާސީ އެއް މަސައްކަތް ކަމުގައިވާ ހެވިކަމާއި އަސްކަރީ ސަޤާފަތާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދިއުން ފަދަ ކަންކަން ހިމެނެއެވެ.
އެގޮތުން ބޭރު ޤައުމުތަކުގެ ސަފީރުންނާއި އިއްޒަތްތެރިންނަށް ރަސްމީކޮށް ދިވެހި ދައުލަތުން ކިޔާ މަރުހަބާގައި އެކުލެވޭ ސެރެމޯނިއަލް ޙަރަކާތްތަކުގައި، ދިވެހި ސަޤާފަތް ދައްކުވައިދީ، ދިވެހިންގެ އަމިއްލަވަންތަކަން ދުނިޔެއަށް ދައްކުވައިދިނުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރަނީ އޭ.ޖީ ކޯރގެ ސިފައިންނެވެ.
އޭ.ޖީ ކޯރގެ 3ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މިސަރުކާރު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ސިފައިންނާއި ގުޅުންހުރި އެންމެ މުހިއްމު އަދި އެންމެ އިސްކަމެއްގެ ގޮތުގައި ދެކުނީ ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކޮށްދީ ސިފައިންނަށް ބޭނުންވާ ޚިދުމަތްތަކަށް ހެޔޮ، ރަނގަޅު ބަދަލުތަކެއް އަވަހަށް ގެނެސްދިނުން ކަމަށެވެ. އެގޮތުން ހައުސިން އެލަވެންސް ދޭ އުސޫލާއި، ސިފައިންނަށް ބޮޑެތި ސިއްޙީ މައްސަލަތައް ކުރިމަތިވުމުން ޗުއްޓީދޭ އުސޫލަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެވިފައިވާ ކަމަށާއި، މިފަދަ ކަންކަމުގައި ކުރިން ސިފައިން އުފުލަންޖެހުނު ކިތަންމެ ތަކުލީފެއް ހައްލުކޮށްދެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ، ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި މިޔަށްވުރެންވެސް ފުން، އަދި މުހިންމު ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވުން. ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ބަދަލު އައިސް އެކަމުގެ ފައިދާ ސިފައިންނަށް ލިބިގެންދާނެ. އެމަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށް އެބަދޭ." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިސަރުކާރު ވެރިކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ދިފާޢީ ގުޅުންތައް މުރާޖަޢާކޮށް، ކުރެވުނު މަސައްކަތުގެ ތެރެއިން ކުރިން ނުކުރެވި ހުރި ކިތަންމެ ކަމެއް ފަހިވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އެއްވެސް ދާއިރާއެއް އިސްތިސްނާ ކުރެއްވުމެއް ނެތި ދިފާޢީ ބާރު ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ލިބޭ ކުރިއެރުން ފެންނަމުންދާ ކަމަށް މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ