ޔުނެސްކޯއިން އެމެރިކާ ވަކިކުރަން ޓްރަމްޕް އަނެއްކާވެސް ނިންމަވައިފި

އދ.ގެ ސަގާފަތާއި ތައުލީމާ ބެހޭ އިދާރާ ޔުނެސްކޯގެ މެންބަރުކަމުން އެމެރިކާ ދެވަނަ ފަހަރަށް ވަކިކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމައިފިއެވެ. އެމެރިކާގެ ސަރުކާރުން ޔުނެސްކޯއިން ވަކިވާން ނިންމިކަން އިއުލާންކުރަމުން ނެރުނު ބަޔާނެއްގައި ވަނީ ޔުނެސްކޯއަކީ ބައިބައިވުން އުފެދުމަށް މަގުފަހިކުރާ ސަގާފީ އަދި އިޖުތިމާއީ ހަރަކާތްތަކަށް ހިތްވަރުދޭ އިދާރާއެއް ކަމަށެވެ. އަދި ޔުނެސްކޯއިން ބައިނަލްއަގުވާމީ ތަރައްގީއަށް ގެންގުޅޭ އެޖެންޑާއަކީ 'އެމެރިކާ ފަސްޓް' ޚާރިޖީ ސިޔާސަތާ ފުށޫއަރާ އެޖެންޑާއެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ. މީގެ އިތުރުން، 2011 ވަނަ އަހަރު ޔުނެސްކޯއިން ފަލަސްތީނަށް މެންބަރުކަން ދިނުމަކީ އެމެރިކާގެ ސިޔާސަތާ ޚިލާފު، އިސްރާއީލާ ދެކޮޅު ފިކުރު އދ.ގައި ފެތުރުމަށް މަގުފަހިވި ކަމެއް ކަމަށް އެމެެރިކާ ސަރުކާރުން ބުންޏެވެ. ޔުނެސްކޯއިން ވަނީ އެމެރިކާގެ އެ ތުހުމަތުތައް ދޮގުކޮށް، އެމެރިކާއިން އެފަދަ ފިޔަވަޅެއް އަޅައިފާނެތީ ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. އެމެރިކާއިން ޔުނެސްކޯއިން ރަސްމީކޮށް ވަކިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށްވާއިރު، އެ އިދާރާގެ ޖުމްލަ ބަޖެޓުގެ އަށް ޕަސެންޓް ފޯރުކޮށްދެނީ އެމެރިކާއިންނެވެ. މެންބަރު ގައުމުތަކުގެ އަދަދު 194އަށް އަރާ ޔުނެސްކޯ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ދުނިޔޭގެ އާސާރުތައް ކަނޑައެޅުމަށެވެ. ދެވަނަ ދައުރަކަށް ވެރިކަން ކުރައްވަމުން ގެންދަވާ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެމެރިކާ، ޔުނެސްކޯއިން ވަކިކޮށްފައިވެއެވެ. ނަމަވެސް ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޖޯ ބައިޑެން އެ ނިންމުން ބަދަލުކުރެއްވީއެވެ. އެމެރިކާއިން އަންނަނީ އެ ގައުމުން މީގެ ކުރިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ބައިވެރިވެފައިވާ ޖަމިއްޔާތަކުން ވަކިވަމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ޕެރިސް މުއާހަދާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ