އަތޮޅުތަކުގެ ވިޔަފާރިތަކުން ކަރަންޓަށް ކުރާ ޚަރަދު ބޮޑު ކަމަށް ބުނެ ގަރާރެއް
މާލެ ފިޔަވައި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކުދި ފަންތީގެ ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބޮޑު އަގެއް ހޭދަކުރަން ޖެހިފައިވާ ކަމަށް ބުނެ، މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ހޯދަން ގަރާރެއް ހުށަހަޅައިފިއެވެ. ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ބުނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެ ރަށަކާ އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ޚިދުމަތް ގާއިމުވެ، ސާފު ފެން އެކަށީގެންވާ މިންވަރަށް ލިބުމުގެ ހައްގު ކަށަވަރުވެފައިވާން ޖެހޭ ކަމަށެވެ. އެ ގަރާރުގައި ބުނީ، ސްޓެލްކޯއާއި ފެނަކައިން ކަރަންޓުގެ ޚިދުމަތަށް ކަނޑައަޅާފައިވާ އަގުތަކާއި، އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ފެނުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މާލެއަށް ކަނޑައަޅާފައިވާ އަގުތަކާއި މާލެ ފިޔަވައި ރަށްރަށަށް ކަނޑައަޅާފައިވާ އަގުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށާއި މިކަމުގެ ސަބަބުން ރަށްރަށުގައި ހަރަކާތްތެރިވާ ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުން ފެނާއި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ހޯދުމަށް ކުރާ ހޭދަ އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. ޝަމްހީދުގެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި މާލޭގައި ފެނުގެ ޚިދުމަތް 3،187.84 ރުފިޔާއަށް ގުޅައިދޭއިރު، އަތޮޅުތަކުގައި ފެނުގެ ޚިދުމަތް ގުޅައިދެނީ 5،000 ރުފިޔާއަށެވެ. އެއީ، 57 ޕަސެންޓުގެ ތަފާތެކެވެ. އޭގެ އިތުރުން، މާލޭގައި 850 ރުފިޔާއަށް ފެން މީޓަރެއް ރީލޮކޭޓްކޮށްދޭއިރު، އަތޮޅުތަކުގައި ފެން މީޓަރެއް ރީލޮކޭޓްކޮށްދެނީ އެއަށް ވުރެ 159 ޕަސެންޓު އަގު ބޮޑުކޮށް 2،200 ރުފިޔާއަށެވެ. ހަމަ އެއާއެކު، ދުވާލެއްގެ މައްޗަށް 201 ލީޓަރަށް ވުރެ އިތުރަށް މާލޭގައި ފެން ބޭނުންކޮށްފި ނަމަ 101.26 ރުފިޔާ، އަދި އަތޮޅުތަކުގައި ނަމަ 135 ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، ގަޑިއިރަކަށް ކަރަންޓު ބޭނުންކުރާ މިންވަރު 301 ކިލޯވޮޓާއި 500 ކިލޯވޮޓާ ދެމެދު ހުންނަ ނަމަ، މާލޭގައި 3.65 ރުފިޔާ އަދި އަތޮޅުތަކުގައި ހަ ރުފިޔާ ދައްކަން ޖެހޭ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތަކުގެ އަގު ކަނޑައެޅުމުގައި މި މިންވަރުގެ ތަފާތުކުރުންތައް ގެންގުޅުމުގެ ނަތީޖާއަކީ، އާންމު ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށް، ޚާއްސަކޮށް ގެސްޓްހައުސް ފަދަ ވިޔަފާރިތަކަށް ކަރަންޓަށް ކުރަން ޖެހޭ ހޭދަ 40 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ އަދަދަކުން އިތުރުވުމާއި، ފެނުގެ ޚިދުމަތަށް މާލެ އާ ބަލާއިރު އަތޮޅުތަކުގައި 35 ޕަސެންޓު އިތުރުވުން ކަމަށް ގަރާރުގައި ވެއެވެ. ގަރާރުގައި ބުނެފައިވާ ގޮތުގައި، ކޮމާޝަލް ރޭޓުތައް ކަނޑައެޅުމުގައި މާލެއަށް ކަނޑައަޅާފައިވާ ރޭޓުތަކާއި ރަށްރަށަށް ކަނޑައަޅާފައިވާ ރޭޓުތަކުގައި ބޮޑު ފަރަގެއް އޮތުމަކީ ގާނޫނުއަސާސީން ކަށަަވަރުކޮށްދީފައިވާ ތަފާތުނުކުރުމުގެ ހައްގަށް ތައާރުޒުވާ ކަމެއް ކަމަށެވެ. މި ތަފާތުކުރުމުގެ ސަބަބުން ރަށްރަށުގައި ހިންގަމުންދާ ވިޔަފާރިތަކަށް އެކަށީގެންނުވާ މިންވަރެއްގެ މާލީ ބުރަ އުފުލަން ޖެހިފައިވާ ކަމަށާއި މިކަން މިގޮތަށް ކުރިއަށްދާ ނަމަ ކުދި ފަންތީގެ ވިޔަފާރިތަކާ މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށާއި މިހާރު ވެސް އިންތިހާއަށް ބަލިކަށިވެފައިވާ ރަށްފުށުގެ އިގުތިސާދުގެ ދިރިއުޅުމަށް ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމަށް ޝަމްހީދުގެ ގަރާރުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ