ލިސާން 09

"އަހަރެން ކަލޭގެ އިހުސާންތެރިކަމެއް ބޭނުމެއް ނޫން." ރައާބިލް ދެކޮޅު ހެދިއެވެ. ފާޅުގައި އޭނާ އެކަމަށް އިންކާރުކުރިއެވެ. ބަލިކަށިވެފައިވީ ނަމަވެސް ނަމީރުގެ އެއްވެސް އެހީއެއް އޭނާ ބޭނުމެއް ނޫނެވެ. "އަހަރެން ބުނާ ގޮތް ހަދައިގެން ބޭސް ބޭނުންކުރޭ. އިރާދުކުރެއްވިއްޔާ ރަނގަޅުވާނެ. އަހަންނަށް އެނގޭ ރައާބިލް އަހަންނާ ދޭތެރޭ ހިތްހަމަ ނުޖެހިފަކަން ތިހުންނަނީ. ސަބަބުވެސް އެނގޭ. އެކަމަކު... އެކަމުގައި އަހަންނަށް ކުރެވޭނެ ކަމެއް ނެތް. ކޮށްދެވޭނެ ކަމެއް ވެސް ނެތް." ނަމީރު ބުނެލިއެވެ. "ކޮށްދެވޭނެ ކަންތައްތައް ބައިވަރު ހުރި. ނުކޮށްދިނީ ގަސްތުގަ." ރައާބިލް ބުނެލިއެވެ. އޭނާގެ އަޑުން ހިތްހަމަނުޖެހިފައިވާ މިންވަރު ސާފުކޮށް ފާޅުވަމުން ދިޔައެވެ. "އެންމެފަހުން މިތަނަށް އައި ދުވަހު ވެސް އަހަރެން އެދުނީ ހަމަ އެންމެ ކަމަކު." "ރައާބިލް. ތީ އަހަންނަށް ކޮށްދޭން އެހާ ފަސޭހަކަމެއް ނޫން. ސަބަބުވެސް ރައާބިލްއަށް އެނގޭނެ…" ނަމީރު ބުނެލިއެވެ. ރައާބިލްއަށް ވިސްނައިދޭން އޭނާ ބޭނުންވެއެވެ. އެއީ ރައާބިލް އެބުނާހާ ފަސޭހަކަމެއް ނޫންކަން އަންގައިދޭން ބޭނުންވިއެވެ. "އަހަރެން މި އެދެނީ އެންމެ ކަމަކު. އަަހަރެން ދުނިޔެއިން ނިމި ދިޔުމުގެ ކުރިން ބޭނުންވާ ހަމައެކަނި ކަމަކީ އެއީ…" ރައާބިލް މަޑުމަޑުން ބުނެލިއެވެ. އެ އަޑު އަހަން ހުރި ނަމީރަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. އިރުކޮޅަކު ރައާބިލްއަށް ބަލަން ހުރުމަށްފަހު އޭނާ އެތަނުން ނުކުތީ ކަރު އެލުވައިލައިގެންނެވެ. ރައާބިލް ބުންޏަސް އެއީ އޭނާއަށް ކުރަން ފަސޭހަކަމެއްނޫނެވެ. އަދި ކުރަން ބޭނުންވާކަމެއް ވެސް ނޫނެވެ. އެކަމުގެ ސަބަބުން އަނެއްކާވެސް އިތުރު މައްސަލަގަނޑެއް ހިލިދާނެއެވެ. އެމީހުންގެ ތެރޭގައި އެ އޮތް ހަމަ ޖެހުން ގެއްލިގެން ހިނގައިދާނެއެވެ. އެކަން ރައާބިލްއަށް ވިސްނޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ***** އޮފީހަށް ދާންވެގެން ގެއިން ނުކުތް ރަނީމްއަށް ސިހުން ލިބިގެން ދިޔައީ އޭނާ ނުކުތްއިރު ކުރިމަތީގައި ހުރި ގޭގެ ފާރުގައި ލެނގިލައިގެން އެއްފައި ފާރުގައި ލައްކޮށްލައިގެން ހުރި ނާވީ ފެނިފައެވެ. ވަގުތުން ރަނީމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. "ނާވީ…" އޭނާއަށް ނާވީއަށް ގޮވައިލެވުނެވެ. ނާވީ ހިނިތުންވެލާފައި ގޮސް ރަނީމް ކައިރީގައި ހުއްޓުނެވެ. "އަހަރެން މިދަނީ އޮފީހަށް." ރަނީމް ބުނެލިއެވެ. "އަހަރެން މިއައީ ހަމައެކަނި ރަނީމް ދެކިލަންވެގެން." ނާވީ ބުނެލިއެވެ. "މިއަދު މީ އަހަންނަށް ވަރަށް ބުރަ ދުވަހެއް. ހަވީރު ފަހަރެއްގައި ރަނީމްއާ ދިމާކޮށްލަން ނާދެވިދާނެ. އެކަމަކު މިރޭ އަހަރެން އަންނާނަން." ނާވީ ބުނެލިއެވެ. ރަނީމްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުޅާވިއެވެ. އޭނާ އިތުރު ސުވާލެއް ނާވީއަކާ ނުކުރެއެވެ. ރަނީމްވެސް އޮފީހާ ދިމާލަށް ހިނގައިގަތީ ގަޑިއަށް ބަލައިލަމުންނެވެ. ނާވީ އޭނާގެ ފަހަތުން ހިނގަމުން އައިކަން ރަނީމްއަށް އެނގެއެވެ. އެހެންނަމަވެސް ވަކި ހިސާބަކަށް ގޮސްފައި އޭނާއަށް ނާވީ ނާންނާނެހެން ހީވުމާއެކު ފަހަތަށް ބަލައިލެވުނެވެ. ނާވީ ފެންނަން ނެތުމުން އޭނާ ދިޔައީކަން ރަނީމްއަށް ޔަޤީންވެ ފިޔަވަޅުތައް ބާރުކޮށްލިއެވެ. އެ ދުވަހުގެ ފަހުން ނާވީއާއި ރަނީމްގެ ލޯބި ކުރިފަޅާ ހެދެމުން ދިޔައެވެ. ދެން ކުރިމަތިލާންޖެހޭ ކަންތައްގަނޑުގެ ބޮޑުކަން އެއިން އެކަކަށްވެސް އަންދާޒާކޮށެއް ނުލެވެއެވެ. އެއަށްވުރެ ބޮޑަށް އެކަކު އަނެކަކަށް އެ ދެމީހުންނަށް އެދެވެނީއެވެ. އެކަކު އަނެކަކުގެ ކައިރީގައި ވާން ބޭނުންވަނީއެވެ. ދުރުވާކަށް އެކަކުވެސް ބޭނުމެއް ނޫނެވެ. އިންސާނުންނާ ޖިންނީންނަކީ ތަފާތު ދެ ނަސްލެކެވެ. އެއީ އެއްވާނެ ބައެއް ނޫނެވެ. ނާވީއަށް އޭނާ ކުރަމުން އެދާ ކުށުގެ ބޮޑުކަން އިޙުސާސްކޮށްދޭން ކެނޑިނޭޅި ދައިސަމް މަސައްކަތްކުރަމުން ދިޔައެވެ. އެ ވާހަކަތައް ނާވީ އަޑުވެސް އަހާމެއެވެ. އެހެންނަމަވެސް ޖަވާބެއްގެ ގޮތުގައި އޭނާ ޚިޔާރުކުރަނީ ހިމޭންކަމެވެ. އެ ކަންތައް ބައްޕަމެންނަށް އެނގޭ ދުވަހަކުން ދެން ކަންތައް ވާނެ ގޮތަކާ މެދު ވިސްނަންވެސް މިވަގުތު ނާވީ ބޭނުންނުވާފަދައެވެ. އޭނާ ހުރީ ކޮންމަ ޙާލެއްގައިވެސް ރަނީމްއާއެކު ހުންނަން ބޭނުންވެފައެވެ. ފާއިތުވަމުންދާ ކޮންމެ ދުވަހަކީ އެ ދެމެދުގައި އޮތް ލޯބި ފުންވަމުން ދާ ދުވަހެކެވެ. ރަނީމްގެ ފަރާތުން މީގެ ކުރިން ނުފެންނަ އުފާވެރިކަމެއް ފެންނަމުން ދިޔައެވެ. އޭނާއާއި ނާވީގެ ލޯބީގެ ބައްދަލުވުންތައް ކުރިއަށް ދަނީ ރުއްފަލުގައެވެ. އެ ދިމާ ގޮނޑުދޮށާ މީހުން ނޫޅޭ ހިސާބުތަކުގައެވެ. އެ މީހުންގެ އެ ގުޅުން ވަނީ އެންމެނަށް ވަންހަނާވެފައެވެ. ސިއްރުވެފައެވެ. އެހެންނަމަވެސް ކުރިމަތިވާން އުޅޭ ތޫފާން އޮތީ ބޯ މަތީގައިކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ. ***** އާދައިގެ މަތީން ދުވަހެކެވެ. ހައިފާ ނާންނަ ދުވަހަކަށްވާތީ ޑިއުޓީގައި ރަނީމް އުޅެން ޖެހުނީ ފުދޭވަރަކަށް ބުރަކޮށެވެ. އޭނާއަށް ކުރަން ހުރި މަސައްކަތްތައް ނިންމާލެވޭ ވަރުވީ، މިއަދުވެސް ތަންކޮޅެއް ލަހުންނެވެ. އަހަރު ނިމެން އުޅޭތީ ގެސްޓް ހައުސްއަށްވެސް ފުދޭވަރަށް ބާރު ބޮޑު ދުވަސްކޮޅެކެވެ. މަސައްކަތް ނިންމާލާފައި ހިންދެމިލުމަށްފަހު ލެޕްޓޮޕް ލައްޕާލާފައި ރަނީމް ތެދުވެލި ތަނާ ޝާރިފް އައިސް ވަނެވެ. އޭނާ ޖީބަށް އަތް ޖަހައިލަމުން ފުން ނަޒަރަކުން ރަނީމްއަށް ބަލައިލިއެވެ. "ދަނީތަ؟" ޝާރިފް ސުވާލުކޮށްލިއެވެ. "ލައްބަ ސާރ." ރަނީމް ޖަވާބު ދިނީ އޭނާ އަބަދުވެސް ދޭ ބީދައިންނެވެ. "ކީއްވެ އަހަންނާ ތިގޮތަށް ވާހަކަ ދައްކަނީ؟ އަހަރެން ބުނީމެއްނު އެހާ ފޯރމަލްކޮށް ވާހަކަ ނުދެއްކިޔަސް އޯކޭ އޭ. އަހަރެން ބޭނުން ރަނީމްގެ ރަޙްމަތްތެރިއަކަށް ވާން. އެ ފުރުސަތު އަހަންނަށް ނުދޭނަންތަ؟" ޝާރިފް ބުނެލިއެވެ. ރަނީމްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝާރިފްގެ މަޤްސަދު އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެ ވާހަކަތަކަށް ރައްދުދޭނެ ގޮތް އޭނާއަށް ނޭނގުނީ އެހެންވެ ކަންނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް ޝާރިފްއަކީ އެ އޮފީހުގެ ވެރިޔާއެވެ. "ރަނީމް." ރަނީމް އެއްޗެއް ނުބުނުމުން ރަނީމްއަށް ބަލަން ހުރެފައި، ޝާރިފް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ރަނީމްގެ ހިމޭންކަމުން އޭނާއަށް އުނދަގޫވީއެވެ. ހިތަށް އެންމެ އުނދަގޫވީ ރަނީމްގެ ފަރާތުން އޭނާއާ މެދު އެއްވެސް ކަހަލަ ޝައުޤުވެރިކަމެއް ނުފެންނާތީއެވެ. "ސާރ. އަޅުގަނޑު... އަޅުގަނޑު ބޭނުންވަނީ މިގުޅުން ހަމަ އެކަނި ޕްރޮފެޝަނަލް ގުޅުމެއްގެ ގޮތުގައި ބާއްވަން..." ހިތްވަރުކޮށްފައި ރަނީމް ބުނެލިއެވެ. ޝާރިފްއަށް އެއްވެސް ކަހަލަ އުންމީދެއް ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާއަކީ ހަމަ އެކަނި ނާވީގެ މީހެކެވެ. "ކީއްވެ ރަނީމް؟" ޝާރިފްގެ އަޑަަށް މާޔޫސްކަން ވެރިވިއެވެ. އޭނާގެ މޫނުމައްޗަށް މޮޅިވެރިކަމުގެ އަސަރުތައްވެސް ވެރިވެގެން ދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. "ރަނީމް. ކީއްވެ އަހަންނާ އެކުވެރިކަން ބާއްވަން ބޭނުން ނުވަނީ... ކީއްވެ ފާޅުގަ އެކަމަށް ދެކޮޅު ތިހަދަނީ... އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟" ޝާރިފް ޖީބަށް ޖަހާފައި ވާ އަތް ނަގަމުން ތިރިކޮށްލިއެވެ. އޭނާ ރަނީމްގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. "ނޫން. ސާރ." އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، ރަނީމް ބުނެލިއެވެ. "ދެން ކީއްވެ؟ ރަނީމް...." ޝާރިފް ފުން ނޭވާއެއް ދޫކޮށްލާފައި، ރަނީމްއަށް ގޮވަައިލިއެވެ. އޭރު އެ އަޑުގައި ތަފާތުކަމެއް ހުއްޓެވެ. ހީވަނީ ބޮޑު ވާހަކައެއް ބުނަން ބޭނުންވެގެން ގޮވައިލި ހެންނެވެ. "ހަޤީގަތުގައި ރަނީމްގެ ފަރާތުން އަހަރެން ބޭނުންވަނީ ހަމައެކަނި އެކުވެރިކަމެއް ނޫން. އަހަންނަށް. އަހަންނަށް ރަނީމް ކަމުދޭ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރަނީމްއާ މެދު އަހަރެންގެ ހިތުގައި އިޙްސާސްތަކެއް އުފެދުނު. ރަނީމްގެ ފަރާތުން އެކުވެރިކަމަށް އެދެވުނު ސަބަބަކީ އެއީ. އަހަރެން ރަނީމްއާ ވާހަކަ ދައްކަން ބޭނުންވާތީ. ރަނީމްއާ ގާތް ގުޅުމެއް ބާއްވަން ބޭނުންވާތީ. އަހަންނަށް... އަހަންނަށް ރަނީމް ދެކެ ލޯބިވެވިއްޖެ." ތެޅިފޮޅެމުން ދިޔަ ހިތުގެ އިޙްސާސްތައް އެންމެ ފަހުން، ޝާރިފްއަށް ބަންޑުންކޮށްލެވުނެވެ. އެތަކެއް ދުވަހަކު ހިތުގައި ފޮރުވައިގެން އުޅުނު އިޙްސާސްތައް ހާމަކޮށްލެވުނެވެ. އޭނާއަށް ކެތްނުކުރެވުނީއެވެ. ޝާރިފް ރަނީމްގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބެލިއެވެ. އޭނާގެ އެ ވާހަކައިން ރަނީމްގެ މޫނުމަތީން ހައިރާންކަމުގެ އަސަރުތައް މާ ބޮޑަށް ނުފެނުނު ނަމަވެސް، ކުޑަ ނުރުހުންވުމެއް ފެނުނުހެން ހީވިއެވެ. ޝާރިފްއަށް ބަލަހައްޓައިގެން ރަނީމްއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ. އެއީ ޝާރިފް ކުރާ ސަމާސާއަކަށް ވާނެނަމަ ކިހާ ރަނގަޅުހޭ އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެއީ ހަޤީޤަތްކަމަށް ޤަބޫލުކުރަން ރަނީމްއަށް މަޖުބޫރުވިއެވެ. ޝާރިފްގެ މޫނުމަތީގެ އަސަރުތައް އެކަނިވެސް އެކަމަށް ހެކިދެއެވެ. "އެކްސްކިއުޒް މީ." ރަނީމް ބޭނުންވީ އެތަނުން ދުވެ ފިލާށެވެ. އޭނާ ނިކަން އަވަސް އަވަހަށް ދަބަސް އަޅުވައިލަމުން އެތަނުން ދާންވެގެން އުޅުނެވެ. އެހެންނަމަވެސް މަޑުޖެހެވުނީ ޝާރިފް އޭނާގެ އަތުގައި ހިފެއްޓުމުންނެވެ. "ރަނީމް. އަދި އެއްފަހަރު އަހަރެން މި ދެއްކި ވާހަކަ ތަކާ މެދު ވިސްނާލާފަ ޖަވާބެއް ދީބަލަ. އަހަރެން އިންތިޒާރުކުރާނަން." ޝާރިފް ބުނެލިއެވެ. ރަނީމް ޝާރިފްގެ އަތް ފޮޅުވައިލިއެވެ. އޭނާގެ އަތުގައި ޝާރިފް ހިފެއްޓުމުން ނުރުހުންވީއެވެ. "އަހަންނަށް އިންތިޒާރު ނުކުރޭ ޝާރިފް. އަަހަރެން... " ރަނީމްއަށް އިތުރު އެއްޗެއް ބުނެވޭ ވަރެއް ނުވިއެވެ. ޝާރިފް ވާހަކަ ދައްކަން ފެށިއެވެ. "ކީއްވެ؟ ރަނީމް. އަހަރެން... އަހަރެން ރަނީމް ދެކެ ވަރަށް ލޯބިވެޔޭ... އަހަންނަށް ފުރުސަތެއް..." ޝާރިފްގެ ވާހަކަ މިފަހަރު ހުއްޓުވީ ރަނީމްއެވެ. "އަހަރެންގެ ލައިފްގަ މީހަކު އެބަ ހުރި..." ރަނީމް އެހެން ބުނެލުމަށްފަހު، ޝާރިފްއަށް ބަލައިލުމެއް ނެތި ގޮސް އެތަނުން ނުކުމެއްޖެއެވެ. ޝާރިފްއަށް ފާރުގައި ލެނގިލެވުނެވެ. އޭނާގެ ހިތުގައި ރިހުމެއް އުފެދުނެވެ. ލޯބިވެވުނު ކުއްޖާގެ ލޯބި ނުލިބި އުޅެނިކޮށް އަތުން ބީވެގެން ދިޔަ އިޙްސާސްއާއެކު އޭނާގެ ހިތް ރޯލިއެވެ. އެހެންނަމަވެސް ރަނީމް އެ ބުނި ވާހަކަތައް ޤަބޫލުކުރަން އޭނާގެ ހިތް ދެކޮޅު ހެދިއެވެ. ރަނީމް އެހެން މީހެއްގެ ހައްޤަކަށްވެގެން ނުވާނެއެވެ. ރަނީމް ވާން ޖެހޭނީ އޭނާގެ މީހަކަށެވެ. އެފަދަ ޚިޔާލުތަކުން ޝާރިފްގެ ނަފްސު ހަރުކަށިވެލިއެވެ. ރަނީމްގެ ލޯބި ކާމިޔާބު ކުރަން މަސައްކަތްކުރުމަށް އޭނަގެ ޒަމީރު ގޮވަމުން ދިޔަ ގޮވުމަށް ޝާރިފް އިޖާބަދީ އެކަމަށް އަޒުމު ކަނޑައެޅިއެވެ. ގެއާ ދިމާލަށް ހިނގަމުންދިޔަ ރަނީމްގެ ހިތުގައި ވެސް ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. ޝާރިފްގެ ސަބަބުން އޭނާގެ ހިތުގެ ހަމަޖެހުން އެކީ ގެއްލިއްޖެއެވެ. ނުތަނަވަސްވަމުން ދިޔައީ އެކަމުން އޭނާގެ ވަޒީފާއަށް އަަސަރެއް ކޮށްފާނެތީއެވެ. ވަޒިފާއިން ވަކިކޮށް ކަނޑާލަފާނެތީއެވެ. އެހެންވެއްޖެނަމަ އޭނައާއި މަންމަ ބިކަވެދާނެއެވެ. ނިކަމެތިވެގެން ހިނގައިދާނެއެވެ. އަނެއްކޮޅުން ވަޒީފާއިން ކަނޑާނުލި ނަމަވެސް ޝާރިފްއާ އެކީގައި މަސައްކަތް ކުރަން އޭނާއަށް ފަސޭހަވާނެބާއޭ ރަނީމްގެ ހިތަށް އަރަމުން ދިޔައެވެ. ދެން ހަދާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ***** ނާވީ ރަނީމްއާ ބައްދަލުކުރަން އައީ އެރެއެވެ. އެހެން ރޭރެޔާ ޚިލާފަށް ރަނީމްގެ ފަރާތުން ތަފާތުކަމެއް ނާވީއަށް ފާހަގަ ކުރެވުމާއެކު، އޭނާއަށް އެ ސުވާލު ނުކޮށެއް ނުހުރެވުނެވެ. "ރަނީމް! ކިހިނެއްވީ މިރޭ؟ އެހެން ރޭރެއަށްވުރެ ހިމޭންވެފައި ތިހުންނަނީ ކަމެއް ވީތަ އަނެއްކާ؟" ގޮޑު ދޮށަށް ފައިބަމުން ނާވީ ރަނީމްއާ ސުވާލުކޮށްލިއެވެ. "ނޫން…" ރަނީމް ދެކޮޅު ހެދިއެވެ. އަހަންނަށް ދޮގު ނުހަދައްޗޭ. އަހަންނަށް އެނގޭ ރަނީމްއަށް ކޮންމެވެސް ކަމެއް ވެއްޖެކަން. އަހަންނަށް ކިޔައިދީބަލަ." ނާވީ އެދުނެވެ. އޭނާ ރަނީމްގެ ދެ ކޮނޑުގައި ހިފާ އޭނާއާ ވީ ދިމާލަށް އަނބުރައިލިއެވެ. ރަނީމްގެ ނުތަނަވަސްކަން އޭނާއަށް އުނދަގޫކުރުވިއެވެ. އެއްވެސް ކަމަކުން ރަނީމްއަށް ކުޑަވެސް ހާސްކަމެއް ލިބޭކަށް ނާވީ ބޭނުމެއް ނޫނެވެ. ނާވީގެ ކުރިމަތީގައި ދޮގު ހެދުމަކީ ފަސޭހަކަމަކަށް ނުވާނެކަން ޔަޤީންވާ ޙާލު ރަނީމް އެންމެފަހުން ހުރިހާ ވާހަކައެއް ނާވީއަށް ކިޔައިދިނެވެ. ޝާރިފްގެ ވާހަކަތަކެވެ. އޭނާ ވަޒީފާއަށް ޓަަކައި ބިރުގަންނަ ވާހަކައެވެ. އޮފީހުގައި މަަސައްކަތްކުރަން އުނދަގޫވެދާނެތީ އެކަމާ ކަންބޮޑުވާ ވާހަކައެވެ. ވަޒީފާ ގެއްލިއްޖެނަމަ އޭނާއާއި އޭނާގެ މަންމަ ބިކަވެގެން ހިނގައިދާނެތީ އެކަމާ ވިސްނޭ ވާހަކަ ރަނީމް ނާވީއާ ހިއްސާރުކުރިއެވެ. "އިރާދުކުރެއްވިއްޔާ ރަނީމްއަށް ދެރަގޮތެއް ނުވާނެޔޭ. އަހަރެންވެސް މިހުރީނު." ނާވީ ހިނިތުންވެލިއެވެ. އޭނާ ރަނީމްގެ ދެލޮލަށް ބަލައިލުމާއެކު ރަނީމްއަށް އެހެން ހުރިހާ ކަމެއް މަތިން ހަނދާންނެތުނު ފަދައެވެ. އޭނާއަށް ނާވީގެ ފެހިނޫ ދެލޮލަށް ގެއްލިފައި ހުރެވުނުއިރު، އެ ރީތި ދެލޮލުގެ ސިއްރުވެރިކަމާއި ފުންކަމުގެ ތެރެއަށް ފީނައިގަންނަން ބޭނުންވިއެވެ. އެހެންނަމަވެސް އެހެން ހުރުމަކީ އޭނާއަށް ކުޅަދާނަކަމަކަށް ނުވިއެވެ. ނާވީގެ ދެލޮލަށް ގިނައިރު ބަލަން ހުންނަން އޭނާ ނުކުޅެދެއެވެ. އެކަން ނާވީއަށް އެނގުމާއެކު އެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. "އަހަރެން ރަނީމް ދެކެ ވަރަށް ލޯބިވޭ. ދުވަހަކު ގެއްލުމެއް ނުދޭނަން. އަދި ގެއްލުމެއް ވިޔަކަ ވެސް ނުދޭނަން." ނާވީ ވަޢުދުވިއެވެ. ***** ގަނޑުވަރުގެ ވަކީން ހުރި ކޮޓަރިއެއްގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިން ނަމީރު އިނީ ޚިޔާލަކަށް ގެއްލިފައެވެ. ފިކުރުބޮޑުވެފައި އިންކަން ދޭހަކޮށްދެމުން ދިޔައީ އޭނާގެ ހަރަކާތްތަކުންނެވެ. ވިސްނަން އިނދެގައި ނިތުގައި އޭނާ އަތުން ފިރުމާލަފާނެއެވެ. ފުންނޭވާއެއް ދޫކޮށްލަފާނެއެވެ. އަތް މުއްކަވާލާފައި ގޮނޑީގެ އަތްގަނޑުގައި ޖަހައިލަފާނެއެވެ. އެއިން ކޮންމެ ފަހަރަކު ނާވީގެ ގައި ކައިރިން އަރާ ކަހަލަ ފެހިނޫ އައްޔެއް އަލިފާން ކަނިތަކެއް ފަދައިން ދުރަށް ބުރައިގެން ދެއެވެ. ނަމީރުގެ ސިކުނޑިވަނީ ހާސްވެފައެވެ. އޭނާ ވަނީ ހަމަ ހަޤީގަތުގައިވެސް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ސިކުނޑީގައި ހިނގަމުންދާ ހައިޖާނުގަނޑާ ދައުރުވަމުންދާ ޚިޔާލުތައް ހިއްސާކުރާނެ މީހަކު އޭނާއަކަށް ނޭނގެއެވެ. ކޮންމެވެސް މީހަކާ އެ ވާހަކަތައް ދައްކަން އޭނާ ބޭނުންވެއެވެ. ޝައިސްތާ އޭނާގެ ސިއްރުތައް ހާމަނުކުރާނެކަން އެނގުނު ނަމަވެސް ޖެހިލުންވަނީއެވެ. ނަމީރު ހޯދަމުން ހޯދަމުން އައިސް ޝައިސްތާ އެތަނަށް ވަނީ އެއީ އާއްމުކޮށް ވެސް ކަމަކާ އެކަނި އިނދެ ވިސްނަން ބޭނުންނަމަ ނަމީރު އައިސް އިންނަ ތަނަށް ވާތީއެވެ. އެކަނިމާ އެކަނި ގޮނޑީގައި އިން ނަމީރު ފެނުމާއެކު، އޭނާ ދޮރު ލައްޕާލަމުން ގޮސް ނަމީރުގެ ކައިރީގައި ހުއްޓުނެވެ. "ނަމީރު….ކިހިނެއްވެފަ އެކަނި ތީނީ؟" ޝައިސްތާ ސުވާލުކޮށްލިއެވެ. "ޝައިސްތާ." ނަމީރަށް ބުނާނެ އެއްޗެއް ނޭނގި ހަމައެކަނި ޝައިސްތާގެ ނަމުން ގޮވައިލެވުނީއެވެ. "ތިވެގެން އުޅޭ ގޮތެއް އަހަންނާ ހިއްސާނުކުރާނަންތަ؟" ޝައިސްތާ ލޯތްބާއެކު ސުވާލުކޮށްލިއެވެ. "ރައާބިލްއާ ބައްދަލުކޮށްފައި އައިފަހުން ނަމީރު ތިއުޅެނީ ހާދަ ފާޑަކަށޭ. އަނެއްކާ ކަމެއް ވީތަ؟" މިފާއިތުވެ ދިޔަ ދުވަސްތަކުގައި ނަމީރުގެ ތަބީޢަތަށް އައިސްފައިވާ ބަދަލު ޝައިސްތާއަށް ފާހަގަކުރެވެއެވެ. ގިނައިން އެކަހެރިވެ، ވިސްނުމަކަށް ގެއްލިފައި އިންނަތަން އޭނާއަށް ވަރަށް ގިނައިން ފެނެއެވެ. އިންޖާބުގެ ކައިރީގައި ނެތިއްޔާ އަބަދުވެސް ފެންނަނީ ކަމަކާ ފިކުރުބޮޑުވެފައި އިންނަ ތަނެވެ. ހާސްވެ ނުތަނަވަސްވެފައި އިންނަ ތަނެވެ. އެމޫނުމަތީންވެސް މިހާރަކަށް އައިސް ފެންނަނީ މަޑުމޮޅިކަމެކެވެ. "ނަމީރު. އަހަންނަށް ކިޔައިދީބަލަ. ރައާބިލް އެއްޗެކޭ ބުނީތަ؟" ޝައިސްތާ ސުވާލުކޮށްލިއެވެ. "އޭނަ އަހަރެންގެ ކައިރިން އެދުނީ ވަރަށް ބޮޑުކަމަކު…." ނަމީރު އެންމެފަހުން އިސްއުފުލައިލާ ޝައިސްތާއަށް ބަލައިލިއެވެ. ޝައިސްތާ ސުވާލުގެ ނަޒަރަކުން ނަމީރަށް ބަލަން ހުއްޓެވެ. އޭނާ ނަމީރުގެ ވާހަކަ އަޑު އަހަން ހުރީމޭ ނުބުންޏެއް ކަމަކު، އެ ނަޒަރުން އެކަން ނަމީރަށް ސާފުވިއެވެ. "ޝައިސްތާ. އަހަންނަކަށް ނޭނގެ ކަންތައްކުރަންވީ ގޮތެއް. ރައާބިލް އެބުނާ ކަންތައްކޮށްދޭންވެސް ބޭނުން. އޭނަ ވަރަށް ބަލި. އެއީ އޭނަ އަހަރެން ގާތުން ހަމަ އެކަނި އެދުނު އެދުމަކީ. އަހަރެން ބޭނުން އެކަންތައް ކޮށްދޭން. ނުކޮށްދެވި ހުއްޓާ އޭނާ މަރުވެއްޖެނަމަ އަހަރެންވެސް ވަރަށް ދެރަވާނެ. އޭރުން އެކުރެވޭ ކުށްވެރި އިޙްސާސުން ދުވަހަކު މިންޖުވާނެކަމެއް ނޭނގެ." ނަމީރު ބުނެލިއެވެ. ސީދާ ސީދަލަށް ބުނަން އޭނާ ޖެހިލުންވިއެވެ. "ނަމީރު. ނިކަން ސާފުކޮށް އަހަންނަށް ކިޔައިދީބަލަ. އޭރުންނެއްނު އަހަންނަށް އެނގޭނީ. ރައާބިލް ކޮންކަމަކު އެދުނީމަތަ ތިހާ ބޮޑު ބަދަލެއް ކުއްލިއަކަށް ނަމީރަށް އައިސްގެން ތިއުޅެނީ.... އޭނަ…." އެހެން ބުނެލާފައި ޝައިސްތާއަށް ދެލޯ ކުޑަކޮށް ބޮޑުކޮށްލެވުނެވެ. އެވަގުތު ދަނބުކުލައިގެ އައްޔަކުން އެ ދެލޯ ދިއްލުނެވެ. "އަހަންނަށް މި ހީކުރެވެނީ ރަނގަޅަށްތަ؟ މާޒީ......މާޒީއަށް އަނެއްކާވެސް...." ޝައިސްތާއަށް ބުނެވުނެވެ. އެއާއެކު ނަމީރު ބޯ ޖަހައިލިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ