ތަޤްވާވެރިކަން އިތުރުކޮށް ކުރާ އަޅުކަން ގިނަކުރުމުގެ ބޭނުމުގައިވެސް ދެމަފިރިން އެއްދާން ނުކޮށް ތިބުމެއް ނެތްކަން ޙަދީޘުން-

މިބާވަތުގެ ވާހަކައެއް ދައްކާއިރަށް ބައެއް މީހުންނަށް ވިސްނެނީ ޝައިޚް އެއުޅެނީ ކޮންމެވެސް އަމިއްލަ އެދުމެއް ބޮލަށް އަރައިގެން ކަމަށެވެ. ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އެއްވެސް އެދުމެއް އޮތްނަމަ އެއެދުމަކީ ޒަވާޖީ ޙަޔާތުގައި ޖެހޭ މައްސަލަތައް މަދުކުރެވި ކޮންމެ ދެމަފިރިއަކަށްވެސް އުފަލުގައި އުޅެވޭނެ މަގު ފަހިކޮށްދޭން މަސައްކަތްކުރުމެވެ.  
އިންސާނުންގެ ޠަބީޢަތުގައި ލައްވަވާފައިވާ ގޮތާއި ދެކޮޅަށް އުޅެން އުޅެގެން އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެއެވެ. ޒަވާނީ ޙަޔާތްވެސް ކާމިޔާބުކުރެވޭނީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ގޮތަށް، ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން ތިމާގެ ނަފްސަށް ބޭނުންވާ ކަންކަމަށް ޢިޖާބަދީގެންނެވެ.
ނިކަން ވިސްނައިލަބަލާށެވެ! ބައެއް މީހުން ދެމަފިރިންގެ މެދުގައި ބާއްވަންޖެހޭ އަނބިފިރިކަމުގެ ގުޅުން ހިންގުމާއި ދުރުހެލިވަނީ އަޅުކަންކުރަންވެގެން ކަމަށް އެބަ ބުނެއެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ގުޅުން ނުހިންގުމަކީ ނުވަތަ ދޭތެރެ ދުރުކުރުމަކީ ތަޤްވާވެރިކަން އިތުރުވާނެ ކަމެއް ކަމަށެވެ. އެހެންވެ އެކަކު ބޭނުންވުމުންވެސް އަނެކާ އެކަމަށް އިޢްތިރާޒް އެބަކުރެއެވެ. 
އަނބިމީހާ އެކަމަށް އެދުމުން ނުވަތަ ފިރިމީހާ އެކަމަށް އެދުމުން ޜޭއަޅުކަންކުރަން ހޭލަންބޭނުންވާތީ އަވަހަށް ނިދަން ބޭނުންވާކަމަށްބުނެފައިވެސް އެބަނިދައެވެ. އަދި އެހެންވެސް އަޅުކަމާއި ގުޅުވައިގެން ޢުޛުރުތައް އެބަ ދައްކައެވެ.  
އެހެންވެ ގިނަ ބައަކު ތަފާތު ސުވާލުތައްކުރާތީ ބުނެލަމެވެ. ތިރީގައި މިވާ ޙަދީޘް ބަސްފުޅަށް ބަލާށެވެ.  
"ދަންނާށެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ، މާތް ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވާ، އެންމެ ތަގްވާވެރި މީހާއެވެ. އެހެންނަމަވެސް، ތިމަންކަލޭގެފާނު ރޯދަ ހިއްޕަވަމެވެ. އަދި ރޯދަ ދޫވެސް ކޮށްލަމެވެ. ނަމާދުވެސް ކުރައްވަމެވެ. އަދި ނިދަންވެސް ނިދަމެވެ. އަދި އަންހެނުންނާއި ކައިވެނިވެސް ކުރައްވަމެވެ. ތިމަންކަލޭގެފާނުގެ ސުންނަތް ދޫކޮށްލައިފިމީހަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ވާ މީހެއް ނޫނެވެ." 
ޚާއްޞަކޮށް މިބަސްފުޅަށް ބަލާށެވެ. " އަދި އަންހެނުންނާއި ކައިވެނިވެސް ކުރައްވަމެވެ. ތިމަންކަލޭގެފާނުގެ ސުންނަތް ދޫކޮށްލައިފިމީހަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ވާ މީހެއް ނޫނެވެ." 
"އަދި އަންހެނުންނާއި ކައިވެނިވެސް ކުރައްވަމެވެ." ސުވާލަކީ ކައިވެނިކުރަނީ ކީއްކުރަންހެއްޔެވެ؟ ކައިވެނީގެ މަޤްޞަދުތަކުގެ ތެރޭގައި އުފަލުގައި ދިރިއުޅުން ހިމެނެއެވެ. އުފަލުގައި ދިރިއުޅެވޭނީ އެކަކު އަނެކާގެ ބޭނުންތަކަށް އިޙްތިރާމްކޮށްގެން ނޫންހެއްޔެވެ؟ އެކުގައި އެއްދާން ނުކުރާނަމަ ކައިވެނީގެ ފޮނިމީރުކަން ލިބޭނީ ކިހިނަކުން ހެއްޔެވެ؟  
ދެން އޮތީ އަޅުކަންކުރަންވެގެން ކައިވެނިނުކޮށް ހުރުމެވެ. އެއީވެސް ހުއްދަކަމެއް ނޫންކަން ހަމަ މި ޙަދީޘް ބަސްފުޅުން އެނގިގެން އެބަދެއެވެ. " އަދި އަންހެނުންނާއި ކައިވެނިވެސް ކުރައްވަމެވެ. ތިމަންކަލޭގެފާނުގެ ސުންނަތް ދޫކޮށްލައިފިމީހަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ވާ މީހެއް ނޫނެވެ."
"ދަންނާށެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ، މާތް ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވާ، އެންމެ ތަގްވާވެރި މީހާއެވެ. އެހެންނަމަވެސް، ތިމަންކަލޭގެފާނު ރޯދަ ހިއްޕަވަމެވެ. އަދި ރޯދަ ދޫވެސް ކޮށްލަމެވެ. ނަމާދުވެސް ކުރައްވަމެވެ. އަދި ނިދަންވެސް ނިދަމެވެ. އަދި އަންހެނުންނާއި ކައިވެނިވެސް ކުރައްވަމެވެ. ތިމަންކަލޭގެފާނުގެ ސުންނަތް ދޫކޮށްލައިފިމީހަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ވާ މީހެއް ނޫނެވެ." 
މިބަސްފުޅުން އެނގިގެންދަނީ ސުންނަތް އަޅުކަންކޮށް، ނިދާފަދައިން ދެމަފިރިންގެ މެދުގައި ބާއްވަންޖެހޭ ގުޅުންތައްވެސް ބާއްވަން ޖެހޭ ކަމެވެ. ހަމައެއާއިއެކު ބުނެލަން އޮތީ ކަންކަން އޮތީ މިފަދައިން ކަމަށްވާއިރު މަސައްކަތް ބުރަވެގެން ކަމަށްބުނެ އެގުޅުން ނުބާއްވައި ދެކޮޅުޖެހޭނީ ކޮންފަދައަކުން ހެއްޔެވެ؟  
އަންހެނުން، ފިރިހެނުން، ކުޑަކުދިން، ޒުވާނުން، މުސްކުޅިން ކިޔުމުގެ ބޭނުމެއް ނެތެވެ. މުޅި މުޖުތަމަޢުގައި ހިމެނޭ އެންމެންގެ ދިރިއުޅުން ކުރިއަރައި އުފާވެރިކަމާއި ބާއްޖަވެރިކަން ލިބުން އޮތީ ޒަވާޖީ ޙަޔާތް އުފާވެރިކުރެވިގެންނެވެ. އެކަން ޤަބޫލުކުރާނަމަ މިފަދަ މައްސަލަތަކުން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ  
- އިސްލާމީ ތިލަފަތުގެ ދަރުސަކުން  
عن أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ قال :جَاءَ ثَلَاثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا ، فَقَالُوا : وَأَيْنَ نَحْنُ مِنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ .قَالَ أَحَدُهُمْ : أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا .وَقَالَ آخَرُ : أَنَا أَصُومُ الدَّهْرَ وَلَا أُفْطِرُ .وَقَالَ آخَرُ : أَنَا أَعْتَزِلُ النِّسَاءَ فَلَا أَتَزَوَّجُ أَبَدًا .فَجَاءَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَيْهِمْ فَقَالَ : أَنْتُمْ الَّذِينَ قُلْتُمْ كَذَا وَكَذَا !! أَمَا وَاللَّهِ إِنِّي لَأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ، لَكِنِّي أَصُومُ وَأُفْطِرُ ، وَأُصَلِّي وَأَرْقُدُ ، وَأَتَزَوَّجُ النِّسَاءَ ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي)  
މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ގެ ކިބައިން ރިވާވެގެންވެއެވެ. ތިންމީހަކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުކަން ކުރައްވާ ގޮތް ބެލުމަށް ޓަކައި އެކަލޭގެފާނުގެ ގަނޑުވަރަށް ޒިޔާރަތް ކުރިއެވެ. އެބައިމީހުންގެ އަޅުކަމުގެ ކަންތައް ހުރިގޮތުން އެކަންތައް މާ މަދުވެގެން އެބައިމީހުން  ވާހަކަ ދެއްކިއެވެ. އަދި ބުންޏެވެ. ރަސޫލާ އަކީ އިސްވެދިޔަހާ ފާފަ އަކާއި ކުރިޔަށް އޮތް ތަނުގައި ކުރެވެން އޮތްހާ ފާފަ އެއް ފުއްސަވާފައިވާ ބޭކަލެކެވެ. އެހެންވީމާ، އަހަރުމެން މީ އަދި ކޮން ބަޔެއް ހެއްޔެވެ؟ ދެން އެތަނުން އެކަކު ބުންޏެވެ. އަހަރެން މުޅި ރޭ އެއްކޮށް އުޅޭނީ އަޅުކަމުގައެވެ. އަނެކަކު ބުންޏެވެ. އަހަރެން މުޅި އަހަރު ދުވަހު ހުންނާނީ ރޯދައަށެވެ. އެއްވެސް ދުވަހަކު ރޯދަ ދުލެއް ނުކުރާނަމެވެ. އަނެކަކު ބުންޏެވެ. އަހަރެން އަންހެނުންނާއި ދުރުހެލިވެ ދުވަހަކުވެސް މީހަކާ ނުއިންނާނަމެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބައިމީހުންގެ ގާތަށް ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. މިވެނި އެވެނިހެން ތިޔަބައިމީހުން ބުނީމެއް ނުން ހެއްޔެވެ؟! ދަންނާށެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ، މާތް ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވާ، އެންމެ ތަގްވާވެރި މީހާއެވެ. އެހެންނަމަވެސް، ތިމަންކަލޭގެފާނު ރޯދަ ހިއްޕަވަމެވެ. އަދި ރޯދަ ދޫވެސް ކޮށްލަމެވެ. ނަމާދުވެސް ކުރައްވަމެވެ. އަދި ނިދަންވެސް ނިދަމެވެ. އަދި އަންހެނުންނާއި ކައިވެނިވެސް ކުރައްވަމެވެ. ތިމަންކަލޭގެފާނުގެ ސުންނަތް ދޫކޮށްލައިފިމީހަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ވާ މީހެއް ނޫނެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ