މަސްކް އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ވަން ބިގް، ބިއުޓިފުލް ބިލް"އާ ހިތްމަނުޖެހި، ޓްރަމްޕު ވެރިކަމަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބިލިއަނަރު އީލޮން މަސްކް އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ވެފައިވާ ވައުދަށް އަމަލުކުރައްވަން ފައްޓަވައިފި އެވެ.
'އެމެރިކާ ޕާޓީ' އުފެއްދެވުމުގެ މަސައްކަތް ފެއްޓިވިކަން މަސްކް އިއުލާން ކުރެއްވީ އިއްޔެ އޭނާގެ އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މަސްކް ވިދާޅުވި ގޮތުގައި، އޭނާ އާ ޕާޓީއެއް އުފައްދަވަނީ އެމެރިކާގެ ރައްޔިތުންނަށް އެ މީހުންގެ މިނިވަންކަން އަނބުރާ ހޯއްދަވައިދެއްވުމަށާއި "އެއް ޕާޓީ ނިޒާމް"ގެ ބާރު ކަނޑުވާލުމަށެވެ.
އެމެރިކާގެ މިނިވަން ދުވަހު، މިދިޔަ ހުކުރު ދުވަހު އޭނާ ޝާއިއު ކުރި ޕޯލްއެއްގައި އައްސަވާފައިވަނީ ގާތްގަނޑަކަށް 200 އަހަރު ވަންދެން އެމެރިކާގެ ސިޔާސީ ކަންކަން ކޮންޓްރޯލްކުރަމުން އަންނަ ދެ ޕާޓީގެ ނިޒާމުން މިނިވަންކަން ހޯދަން އެދޭތޯ އެވެ.
އާއެކޭ ނުވަތަ ނޫނެކޭ އެހުމަށް ހުޅުވާލި ޕޯލްއަށް 1.2 މިލިއަން މީހުން ވަނީ ޖަވާބުދީފަ އެވެ.
ޕޯލަށް ޖަވާބުދޭ ދެ މީހުން ކުރެ އެެކަކު އާއެކޭ ބުނެފި ނަމަ އާ ޕާޓީއެއް އުފައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާ ބަނގުރޫޓުވެ، ފަސާދައިގެ ތެރެއަށް ވެއްޓޭ އިރު އޮންނަނީ އެއް ޕާޓީ ނިޒާމް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ޑިމޮކްރަސީ ނޫން ކަމަށެވެ.
"މިއަދު އެމެރިކާ ޕާޓީ އުފެދުނީ ތިޔަ ބޭފުޅުންގެ މިނިވަންކަން އަލުން ހޯދައިދިނުމަށް،" މަސްކް ވިދާޅުވި އެވެ.
މަސްކް އެ ފިޔަވަޅު އެޅީ ހަރަދުގެ ގާނޫނާ ގުޅޭ ގޮތުން ދުނިޔޭގެ އެންމެ މުއްސަނދި މަސްކާއި ޓްރަމްޕާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ގޯހުން ގޯހަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ ވަނީ އެ ގާނޫނާ އެކު އެމެރިކާ ބަނގުރޫޓުވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދިނީ މަސްކެވެ. އަދި ރައީސްގެ ދެވަނަ ދައުރު ފެށުނީއްސުރެ، ހަރަދުތައް ކުޑަ ކުރުމަށް އުފެއްދި ޑިޕާޓްމަންޓް އޮފް ގަވާމަންޓް އެފިޝިއަންސީ (ޑޮޖް) ހިންގެވުމަށް އިސްކޮށް ހުންނެވީ މަސްކެވެ.
"ވަން ބިގް، ބިއުޓިފުލް ބިލް"އާ މެދު ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެ ދެ ބޭފުޅުންގެ މެދުގައި ވަނީ ވަރަށް ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
މަސްކް މީގެ ކުރިން ވިދާޅުވެފައިވަނީ އެ ބިލަށް ތާއީދު ކުރެއްވި މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް، އާ ސިޔާސީ ޕާޓީއެއް އުފައްދަވާނެ ކަމަށެވެ. އެ ބިލްގެ ސަބަބުން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ ޑެފިސިޓަށް އިތުރު 3.4 ޓްރިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.
މަސްކް އޭރު އިންޒާރު ދެއްވާފައި ވަނީ އެ ބިލަށް ތާއީދު ކުރެއްވި މެންބަރުންގެ ގޮނޑި ގެއްލުވާލުމަކީ އެންމެ ފަހު ގޮތް ކަމަށް ވިޔަސް އެކަން ކުރައްވާނެ ކަމަށެވެ.
މަސްކް ޕާޓީ ހެއްދެވުމަށް ކުރެއްވި އިއުލާނާ ގުޅިގެން ޓްރަމްޕާއި ވައިޓް ހައުސްއިން އަދި އެއްޗެއް ނުބުނެ އެވެ.
މި ހަފުތާގެ ކުރީކޮޅު ޓްރަމްޕް ވަނީ މަސްކްގެ ކުންފުނިތަކަށް ސަރުކާރުން ލިބޭ އެތައް ބިލިއަން ޑޮލަރެއްގެ ސަބްސިޑީ އުވާލައި ދެކުނު އެފްރިކާއަށް އުފަން ބިލިއަނަރު ޑީޕޯޓް ކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ