ވީއޭއެމް ކަޕް: ފިރިހެން ޑިވިޝަން އަށް ޓީމާ އެކު ފަށަނީ ވީއޭއެމް ކަޕް: ފިރިހެން ޑިވިޝަން އަށް ޓީމާ އެކު ފަށަނީ

ވޮލީބޯލް އެސޯސިއޭޝަން ކަޕް، ފިރިހެން ޑިވިޝަނުގެ ކުޅުން އަށް ޓީމާ އެކު މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
އެންމެ ފުރަތަމަ ފިރިހެން ވޮލީބޯޅަ ސީޒަން ފަށަން ތާވަލުކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެކަމަކު، ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބައިނަލްއަގުވާމީ މުބާރާތެއް ކުރިއަށް ގެންދަން އިންޑޯ ކޯޓު ދޭން ޖެހުމުން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ފިރިހެން ވޮލީބޯޅަ ސީޒަނުގެ މުބާރާތްތައް، މި މަހުގެ 19 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އޭގެ ފަހުން، އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އެ މިނިސްޓްރީ އިން ބާއްވާ ހަފްލާއަކަށް އިންޑޯ ކޯޓު ބޭނުންވާތީ ވޮލީ ސީޒަން ފަސްކުރަން އެދިފަ އެވެ.
އެ ގޮތުން، އެޑިއުކޭޝަން މިިނިސްޓްރީން 2023 އާއި 2024 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ބޭއްވި ހަފްލާ ބޭއްވުމަށް ފަހު، މިހާރު ސޯޝަލް ސެންޓަރު އިންޑޯ ވަނީ، ވޮލީ ސީޒަން ކުރިއަށްގެންދިއުމަށް ލިބިފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އެޗްޑީސީ އޮތީ ގްރޫޕް އޭގަ އެވެ. އެ ގްރޫޕްގައި ދެން އޮތީ، މުހައްމަދު ނަދީމް (ނަދީމްބެ)ގެ ކޯޗުކަމުގައި ކުޅޭ ހުރާ ކޮމިއުނިޓީ ކްލަބް އާއި ސްޕޯޓްސް ކްލަބް ސިޓީ އަދި ބްލޫސް ފޯ ވޮލީބޯލް އެވެ.
މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕް ފައިނަލުގައި ބަލިވި، ދިވެހި ސިފައިންގެ ކްލަބުން ވަރުގަދަކޮށް މި ފަހަރުގެ ސީޒަނަށް ތައްޔާރުވިއިރު، އެ ޓީމު ހިމެނުނީ ވެސް ވަރުގަދަ ގްރޫޕެއްގަ އެވެ. އެ ގްރޫޕްގައި ދެން އޮތީ، ޕޮލިސް ކްލަބާއި މަޝްހޫރު ކުޅުންތެރިންނާ އެކު ވަރުގަދަކޮށްފައި އޮތް ޏ. ފުވައްމުލަކަށް ނިސްބަތްވާ، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އަދި، ދި ސަދާން ސްޕޯޓްސް ކްލަބް އެވެ.
މިދިޔަ ސީޒަންތަކުގައި ފެނުނު ކްލަބް ވެމްކޯ މި ފަހަރު ފިރިހެން ޑިވިޝަނުގައި ވާދައެއް ނުކުރެ އެވެ.
ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމުގެ އިތުރުން، ކޮންމެ ގްރޫޕެއްގެ ތިން ވަނަ އަށް ދާ ޓީމުގެ މެދުގައި ކުޅޭ ރޭންކިން މެޗުން މޮޅުވާ ޓީމެއް ގައުމީ ލީގަށް ކޮލިފައިވާނެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި، މިއަދު 15:00 ގައި، ސިފައިން ކުޅޭނީ ދަނޑިމަގުއާ އެވެ. އަދި، 17:00 ގައި ބްލޫސް ފޯ ވޮލީބޯލް އާއި އެޗްޑީސީ ވާދަކުރާއިރު، މިރޭ 20:30 ގައި، ހުރާ އާއި ކުޅޭނީ ސިޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ