ކިތަންމެ ވާދަވެރިވިޔަސް، 2023ގައި ހިނގި ކަމެއް ދެން ނުހިނގާނެ: ފައްޔާޒު

ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ ކިތަންމެ ވާދަވެރިވި ނަމަވެސް، 2023ގެ ރިޔާސީ އިންތީޚާބުގައި އެމްޑީޕީއަށް ކުރިމަތިވި ފަދަ ކަމެއް ދެން ނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ. އެންމެ ފަހުން 2023ގައި ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާޔާބުވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ އެ ޕާޓީ ދެބައިވުމެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި، އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ ޚިޔާލުތަފާތުވެ، ޕާޓީގައި ދެ ފެކްޝަނެއް އުފެދުނެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ނަޝީދުގެ ފެކްޝަނުން، ޞާލިޙްގެ ފެކްޝަންގެ ބޭފުޅުންނަށް ސީދާ ގޮތެއްގައި އެކި ތުހުމަތުތައް ވެސް ކުރިއެވެ. ޖަނަވަރީ 28، 2023ގައި ބޭއްވި ޕްރައިމަރީން ޞާލިޙް ކާމިޔާބުވުމުން ދެ ފެކްޝަންގެ ކޯޅުން އިތުރަށް ގޯސްވެ، ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން އެ އަހަރުގެ މެއި މަހުގެ މެދުތެރެއިން އެމްޑީޕީއާ ވަކިވިއެވެ. ނަޝީދަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އެ މަނިކުފާނު އެމްޑީޕީން ވަކިވެވަޑައިގަތީ ޖޫން 21، 2023ގައެވެ. ނަޝީދާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރިއެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް ފުރަތަމަ ބުރުގައި ލިބުނީ ހަތް އިންސައްތަ ވޯޓެވެ. ދެވަނަ ބުރަށް ނުދިއުމުން ވެސް އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން ޑިމޮކްރެޓްސްއިން ދެކޮޅު ހެދިއެވެ. އެއީ އެމްޑީޕީއަށް ލިބުނު ގެއްލުމަކަށްވެ، ޞާލިޙު އިންތިޚާބުން ނާކާމިޔާބުވީއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއަޕާސަން ފައްޔާޒު އިސްމާއީލާއެކު މިދިޔަ ހޯމަ ދުވަހުގެ ރޭގެ ޖަލްސާގައި -- ސަން ފޮޓޯ/ މޫސާ ނަދީމް ކަން އެހެން އޮއްވައި މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިފައެވެ. އެބޭފުޅުންގެ ރާގަކީ، ގައުމު ސަލާމަތްކުރުމަށް އެމްޑީޕީ އެކަތިގަނޑަކަށް ވާންޖެހޭ ކަަމަށެވެ. މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވައި ފައްޔާޒު ވިދާޅުވީ ޕާޓީގެ އެތެރޭގައި ވާދަވެރިކަން އޮތީ ހަމައެކަނި ރިޔާސީ ރޭހަށް ނޫން ކަމަށެވެ. ޕާޓީގެ އިސް މަގާމުތަކަށް ވެސް ވާދަވެރިކަން ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ ޕާޓީގައި ވެރިކަމަށް ވެސް، ނޫނީ އެ ނޫން ވެސް ދައުލަތުގެ އިސް މަގާމުތައް ފުރުމުގެ ގާބިލުކަން ހުރި ބޭބޭފުޅުން އެ ޕާޓީގައި ގިނަކަމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ކިތަންމެ ވާދަވެރި ޕްރައިމެރީއެއް ހިނގި ނަމަވެސް 2023ގައި ހިނގައިދިޔަ ކަމެއް ދެން މި ޕާޓީއަށް ވެދާނެ ހެނެއް ހިޔެއް ނުވޭ ކައިރި މުސްތަގުބަލެއްގައި. މުސްތަހީލުކަމެއް އެއީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފައްޔާޒު ވިދާޅުވި ގޮތުގައި ޕާޓީގެ އެތެރޭގައި ހިތްހަމަނުޖެހުން އެބަހުއްޓެވެ. ހަމައެކަނި ޕާޓީގެ މެންބަރުން އެކަނި ނޫން ކަމަށާއި ޕާޓީން ވަކިވެވަޑައިގެން އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި މެންބަރުންގެ ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ. ސަބަބަކީ މީގެ ކުރިން 2023ގައި ކަންކަންވެފައި އޮތީ 'ހުތުރުކޮށް' ކަމަށްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ދެން އެ ޕާޓީއަށް ހީނަރުކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ފައްޔާޒު ވިދާޅުވީ ޕާޓީ ވަރުގަދަވާނީ 'ކަށިކެޔޮގަނޑު އެކައްޗަކަށް ހެދިގެން' ކަމަށާއި މިހާރު ޕާޓީގެ މިސްރާބު ހުރީ އެ މަގުން ކަމަށެވެ. މަޖިލިސް އިންތިޚާބު ކެމްޕޭނަށް ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް މިދިޔަ ސަރުކާރުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު، ޑިމޮކްރެޓްސް އުފައްދަން ބޭއްވި ޖަލްސާގައި "އެމްޑީޕީ ރުޅާލާނެ" ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. https://sun.mv/207681 އޭގެ ދެ އަހަރު ފަހުން، އެ މަނިކުފާނު ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެނބުރި އެމްޑީޕީގެ ޕޯޑިއަމްގައި ހުއްޓިވަޑައިގެންފައެވެ. ގިނަ ދުވަސްތަކެއްވަންދެން އެ މަނިކުފާނު ރައީސްކަން ކުރެއްވި ޕާޓީގެ ސަޕޯޓަރުންނަށް މުޚާތަބުކުރައްވައި އެ މަނިކުފާނު ވިދާޅުވީ، މުޅި ހަޔާތް ހޭދަކުރެއްވީ އެމްޑީޕީއަށްޓަކައި ކަމަށެވެ. އަބަދު ވެސް އެންމެ އެދެނީ އެ ޕާޓީއަށް ކާމީޔާބީއަށް ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ފައްޔާޒާއި ނަޝީދާއި ޞާލިޙް ވެސް ޝައުގުވެރިކަން ފާޅުކުރެއްވިއިރު، ފާޅުގައި ވިދާޅުނުވި ނަމަވެސް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ މަސައްކަތް ކުރައްވާކަން ވަނީ އެނގިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ