ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
“ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މާތްކަން” މި މައުލޫއަށް މިއަދު މުޅި ރާއްޖޭގެ ހުކުރުކުރާ ހުރިހާ މިސްކިތްތަކެއްގައި އިއްވި ޚުތުބާގައި ބުނެފައި ވަނީ ކީރިތި ޤުރްއާނަކީ އޭގެ އަކުރަކަށް ފިއްޔަކަށް ބަދަލުއައުމެއް ނުވާ ގޮތެއްގައި ޤިޔާމަތާ ހަމަޔަށް ދެމިގެންދާ މުޢުޖިޒާތެއްކަމުގައި ލައްވައިފައިވާ މާތް ﷲގެ ކަލާމްފުޅު ކަމަށާ އެ ޤުރްއާން ރައްކާތެރިކުރައްވާނެ ގޮތް މާތްﷲގެ ވަނީ މެދުވެރިކުރައްވައިފައި ކަމަށެވެ.
ކީރިތި ޤުރްއާން ކިޔަވައި އެއަށް ޢަމަލުކުރުމުގައި ކީރިތި ޤުރްއާން ހިތުދަސްކުރުން މުހިންމުކަން އަންގަވައި ކީރިތި ރަސޫލާ ޙަދީޘް ކުރައްވައިފައިވާ ބަސްފުޅުތައް ވެސް ހުތުބާގައި ވަނީ ތަފްސީލާއެކު ގެނެސް ދެއްވާފަ އެވެ.
"ހަމަކަށަވަރުން، އެ މީހެއްގެ ހިތުގައި ކީރިތިޤުރްއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ، ވީރާނާވެފައިވާ ގެއެއްގެ މިސާލެވެ.”
ޤުރްއާން ހިތު ދަސްކުރެވޭނީ ތަކުރާރުކޮށް އެ ފޮތް ކިޔަވައި، އަދި ގިނަގިނައިން އަޑު އަހައިގެންކަން ފާހަގަކޮށް ހުތުބާގައި ބުނީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ވިސްނާންޖެހޭ އެންމެ މުހިންމު ކަމަކީ މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން، ޤުރްއާން ހިތުދަސްކުރުމުގެސަބަބުން ﷲ سبحانه وتعالىގެ ޙަޟުރަތުން ލިބޭނޭ މަތިވެރި ދަރަޖަ ކަމަށެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ދުންޔަވީ ޙަޔާތާއި އުޚްރަވީ ޙަޔާތުގައި ވެސް އޭގެ ފައިދާ އޭނާއަށް ލިބޭނޭ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ މަރުވުމަށް ފަހުގައި ވެސް އޭނާގެ ދަރަޖަ މަތިވެރިވާނޭ ކަމެއްކަން އަންގަވައި ކީރިތި ރަސޫލާގެ އަރިހުން ރިވާވެގެންވާ ކަމަށެވެ. އަދި ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެއް ކަމަށާ އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ޙަދީޘް ޢިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރުން ލާޒިމުކުރެއްވި ކަމަށެވެ.
މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ތިމާގެ ހިތުގެ އިޚުލާޞްތެރިކަމާއި އުޚުރަވީ ޙަޔާތުގައި ﷲގެ ޙަޟުރަތުން ލިބޭން ހުރި ނިޢުމަތްތައް ހަނދާންކުރާން ޖެހޭ ކަމަށާ ޤުރްއާން ދަސްކުރުމަށް ފަހު ނުވަތަ ޤުރްއާނުން މިންވަރެއް ދަސްކުރުމަށް ފަހު، ޤަވާޢިދުން މުރާޖަޢާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭނޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެއް: ޚުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ