އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓުވަން ރާއްޖޭން ދުނިޔެއަށް ގޮވާލައިފި

ފަލަސްތީނު ރައްޔިތުން ކުރިމަތިލާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިތުރަށް މަސައްކަތް ކުރުމަށް ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސެލަމްގައި ރާއްޖޭން ގޮވާލައިފި އެވެ.ސެނެގާލްގެ ބޭއްވި "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖޭން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، އަހްމަދު ސަރީރު ދެއްވި ތަގުރީގުގައި އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އަދި ޣައްޒާގައި މެދުކެނޑުމެއް ނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އަނިޔާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.އިޒްރޭލުގެ އިސްތިއުމާރީ ސިޔާސަތުތައް ސަރީރު ސިފަކުރެއްވީ، ނިޒާމީ ގޮތެއްގައި ރޭވިގެން، ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިންތަކުން ބާލައި، މުދަލާއި ބިންތައް ފޭރިގަނެ، އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ސިޔާސަތުތަކެއްގެ ގޮތުގަ އެވެ.އޭގެއިތުރަށް، މި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، އޭނާ ވަނީ، މިހާރުން މިހާރަށް ދާއިމީކޮށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، އެކަމަށް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތަކަމަށް ވިދާޅުވެފަ އެވެ.މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމައިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ގޮވައިލެއްވި އެވެ.އދ.ގެ އާންމު މަޖިލީހުގެ ގަރާރަކުން، 1975 ވަނަ އަހަރު އުފައްދާފައިވާ ސީއައިއާރްޕީޕީގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ހިމާޔަތްކޮށް، މިނިވަން މުސްތަގިއްލު ދައުލަތަކާ އެކު ގައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްގު އަލުން ހޯދައި ދިނުމަށްޓަކައި ތަންފީޒުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ. މި ކޮމިޓީގެ ހުށަހެޅުންތައް ވަނީ އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފަ އެވެ. އަދި މި ކޮމިޓީއިން ކޮންމެ އަހަރަކު އދ.ގެ އާންމު މަޖިލީހަށް ރިޕޯޓު ހުށަހަޅަ އެވެ.ރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯއައިސީގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމިއްޔާގެ މެމްބަރު ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ