ކަންސަސް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 17) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕަށް އައިއިރު އޭނާގެ ވިސްނުން ހުރީ އަމިއްލަ އަށް ޕްރެޝަރެއް ނުނަގައި، ހިތްހަމަޖެހިލައިގެން ރަނގަޅު ވާދައެއްކުރުމަށް މުޅި ޓީމަށް އެހީވުމަށް ކަމަށް ރޭ އަލްޖީރިއާ ކޮޅަށް ހެޓްރިކް ހަަދައި މުބާރާތުގެ ރެކޯޑަކާ ހަމަކުރި އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ ބުނެފި އެވެ.
މިއީ، މެސީ ކުޅޭ ހަ ވަނަ ވޯލްޑް ކަޕް އެވެ. އަދި، ރޭ އާޖެންޓީނާ އިން 3-0 އިން އަލްޖީރިއާ ބަލިކުރިއިރު، ހެދި ހެޓްރިކާ އެކު މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރެކޯޑް ހަދާފައިވާ ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސާގެ ރެކޯޑާ ހަމަކޮށްފަ އެވެ. ކްލޯސާ އާއި މެސީ ވަނީ ވޯލްޑް ކަޕް މުބާރާތްތަކުގައި 16 ލަނޑު ޖަހައިފަ އެވެ.
މެސީ އަށް ޔަގީނުން ވެސް މި ރެކޯޑް މުގުރާލަން މި ފަހަރުގެ މުބާރާތުގައި އިތުރު ދެ މެޗު އެބައޮތެވެ.
ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު 3-0 އިން އަލްޖީރިއާ ބަލިކޮށް، ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން މި ފަހަރުގެ މުބާރާތް ކާމިޔާބުކަމާއެކު ފަށައިފި. މި މެޗުގައި މެސީ ޖެހި ލަނޑުތަކާ އެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި މިރޮސްލާވް ކްލޯސާގެ 16 ލަނޑުގެ ރެކޯޑާ ހަމަކޮށްފައި.
ރޭގެ މެޗުގައި މެސީ ޖެހި ފުރަތަމަ ލަނޑު ވީ އޮފްސައިޑް އެވެ. އެކަމަކު، އޭގެ އިރުކޮޅެއް ފަހުން، ރޮޑްރީގޯ ޑެ ޕޯލް ދިން ބޯޅައެއް މެސީ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ލަނޑަށް ފަހު އުފާފާޅުކުރިއިރު، މެސީ ލޮލުގައި ކަރުނަ ހުއްޓެވެ.
"އަހަރެން ލޮލުގައި ހުރި ކަރުނަ އަކީ މިދިޔަ ދުވަސްތަކުގައި އަހަރެން ކުރިމަތިލި އުނދަގޫ ދުވަސްތަކުގެ ހަނދާންތައް. އެއީ ފުޓްބޯޅައާ ގުޅުންހުރި ކަމެއް ނޫން. އެއީ، އެ ކަމާ ގުޅިގެން އައި އިހުސާސެއް. އަހަރެން ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާކުރަން. އަހަންނަށް އެ އެންމެން އެހީ އެބަވޭ،" އަންނަ ހަފްތާގައި 39 އަހަރު ފުރޭ އުފަންދުވަސް ފާހަގަކުރަން ތައްޔާރަށް ހުރި މެސީ ބުންޏެވެ.
އެންމެ ފުރަަތަމަ މީގެ 20 އަހަރު ކުރިން ޖަރުމަނުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ގޯލު ޖެހި މެސީ އަށް އޭގެ ފަހުން އައި ހަ ވޯލްޑް ކަޕްގެ ތެރެއިން ފަސް ވޯލްޑް ކަޕްގައި ވަނީ ލަނޑު ޖަހައިފަ އެވެ. މެސީ ބުނީ، އުފާވެރި ކެރިއަރެއް ނިންމާލުމުގެ ނަސީބު ގައުމީ ޓީމާއި ކްލަބް ލެވަލްގައި ލިބިފައިވުމަކީ ފުޓްބޯޅައިގައި އޭނާގެ އެންމެ ބޮޑު ހިތްހަަމަ ޖެހުމެވެ.
"އަހަރެންގެ ހަޔާތުގައި އެ އައި ހުރިހާ ކަމެއް ތަޖުރިބާ ކުރެވިފައި ވުމަކީ ހިތްހަމަޖެހުމެއް. މިހާރު އަހަރެން މި ހާސިލްކުރާ ކަމަކީ ހުރިހާ ކަމެއް ނިމުމުން އެންމެ ފަހުން ވެސް މި ކަމުގައި ދެމިހުރުން ފަަދަ ކަމެއް. ވަރަށް އުފަލާ އެކު މިހާރު މި ކުޅެނީ،" 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިން ކެޕްޓަން، މެސީ ބުންޏެވެ.
ރޭގެ މެޗަކީ، އާޖެންޓީނާ އަށް މެސީ ކުޅެދިން 200 ވަނަ މެޗެެވެ. މި ފަަހަރުގެ ވޯލްޑް ކަޕްގެ ކުރިން އަނިޔާގެ މައްސަަލަތަކެއް ކޮންމެ ވެސް ވަރަކަށް ކުރިމަތިވި މެސީ ބުނީ، ފިޓްނަސްއާ ކަންކަން ހުރީ ބޭނުންވާ ލެވަލްގައި ކަމަށެވެ.
މެސީ ބުނީ، ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުން މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަން ހާސިލްކުރެވުމަކީ އިތުބާރު ލިބިގެން ކުރިއަށްދާން ބަލާއިރު އޮތް ފަސޭހައެއް ކަމަށެވެ.
އާޖެންޓީނާގެ ދެ ވަނަ މެޗު އޮތީ އަންނަ ހޯމަ ދުވަހު އޮސްޓްރިއާއާ އެވެ. އޮސްޓްރިއާ އިން ފުރަތަމަ މެޗުގައި ޖޯޑަން އަތުން މޮޅުވީ 3-1 އިންނެވެ.
މެސީ މި ވޯލްޑް ކަޕަށް އައީ "ޕްރެޝަރާ ދުރުވެ ހިތްހަމަޖެހިލައިގެން ވާދަކުރަން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ