ރަޖިސްޓްރީ ކޮށްފައިނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށް ބުނެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީ (އެމްކިއުއޭ) އިން އެވިޑް ކޮލެޖަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް އެ ކޮލެޖުން ބުނެފިއެވެ.
އެމްކިޔުއޭއަށް ރައްދުދީ އެވިޑް ކޮލެޖުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްކިއުއޭގެ މި އަމަލަކީ އެއްވެސް އިޚްލާސްތެރިކަމެއް ނެތި، އެ ކޮލެޖާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ގެއްލުވާލުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މިއީ އެ ކޮލެޖުގެ ނަން ކިލަނބުކޮށްލުމަށް ހިންގާފައިވާ، އަދާލަތުގެ އުސޫލުތަކާ ޚިލާފު އަމަލެއްގެ ގޮތުގައި އެވިޑުން ވަނީ ސިފަކޮށްފައެވެ.
އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ފާއިތުވެދިޔަ އަހަރުތަކުގައި އެވިޑް ކޮލެޖުން ވަނީ ބައިނަލްއަޤުވާމީ ތައުލީމީ މުއައްސަސާތަކާއެކު އިލްމީ ގިނަ ގުޅުންތަކެއް ގާއިމުކޮށްފައި ކަމަށެވެ. ނަމަވެސް، އެމްކިއުއޭއިން ޕްރޮގްރާމުތައް ރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ އުސޫލުގެ ދަށުން އެ ކޮލެޖަށް ފިޔަވަޅު އެޅިއިރު، އެކަމުގެ އެއްވެސް މައުލޫމާތެއް އެ ކޮލެޖާ ހިއްސާކޮށްފައި ނުވާ ކަމަށާއި، މައްސަލައާ ގުޅިގެން އެއްވެސް ސުވާލެއް ނުވަތަ ތަހުގީގެއްވެސް ހިންގާފައިނުވާ ކަމަށް އެވިޑުން ބުނެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ފަހުން އެ ކޮލެޖުން ބައިނަލްއަޤުވާމީ ތައުލީމީ މުއައްސަސާއެއް މެދުވެރިކޮށް އެއްވެސް ކޯހެއް ހިންގާފައި ނުވާނެ ކަމަށް ބުނެފައިވެއެވެ.
މި މައްސަލާގައި ދެ ފަރާތުގެ ދެމެދުގައި ބޮޑު އިޚްތިލާފުތަކެއް އުފެދިފައިވާއިރު، އެވިޑް ކޮލެޖުން ދަނީ އެމްކިއުއޭގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެމްކިއުއޭގެ އުސޫލަށްފަހު އެފަދަ ކަމެއްކޮށްފައި ނުވާއިރު، އެއަށް އަދަބު ދިިނުމަކީ ކުށެއް ސާބިތުނުވާ ހިނދަކު އެ ފަރާތަކީ މައުސޫމް ފަރާތެއް ކަމަށް ބަލާ މަބްދަައު އާއި ހިލާފް ކަމެއް ކަމަަށް ވެސް އެވިޑުން ވަނީ ބުނެފައެވެ.
މިދިޔަ އާދިއްތަ ދުވަހު އެމްކިއުއޭއިން އެވިޑް ކޮލެޖް ޖޫރިމަނާކޮށްފައިވަނީ އެ ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސަނަދު ނުވަތަ ސެޓްފިކެޓްތަކެއް ދޫކުރި މައްސަލައެއް ތަކުރާރު ކުރި ކަމަށް ބުނެއެވެ. އެކަމުގައި މިއަހަރުގެ ކުރީކޮޅު ކޮލެޖަށް ނަސޭހަތްތެރިވެފައިވާ ކަމަށާއި ނަމަވެސް އެ ފަހުން ވެސް ރަޖިސްޓަރީ ނުކުރާ ސަނަދުތަކެއް ދަރިވަރުންނަށް ދީފައިވާކަން ސަމާލުކަމަށް އައުމާ ގުޅިގެން، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން މިހާރު ވަނީ ޖޫރިމަނާ ކޮށްފައެވެ.
އެމްކިއުއޭއިން ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް އެވިޑް ކޮލެޖުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ