ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ނުގެންގޮސް ހުއްޓާލަން ގޮވާލާ އަޑުތައް ގަދަވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޑައިވަރުން ހޯދުމުގެ ރެސްކިޔު އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީ، 44، ވަނީ މިއަދު މަރުވެފަ އެވެ.
މަހުދީގެ މަރާ އެކު ސޯޝަލް މީޑިއާ ފުރާލީ ތައުޒިޔާގެ މެސެޖުތަކުންނާއި މަރުވެފައި ތިބި ބައެއް ހޯދުމަށް ދިރިތިބީންގެ ފުރާނަ ނުރައްކަލަކަށް ހުށަނޭޅުމަށް ގޮވާލާ ލިޔެފައިވާ ސްޓޭޓަސްތަކުންނެވެ.
ތަފްސީލް - ގެއްލިފައިވާ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ފެށުމުގައި ވެސް 'ޑިޒާސްޓާއެއް' ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރުން ފާހަގަކުރެ އެވެ. ހާއްސަކޮށް މޫސުން ގޯސް ދުވަސްވަރެއްގައި ޑީޕް ކޭވް ޑައިވްތަކަކީ ދުނިޔޭގައި ވެސް އެންމެ ނުރައްކާތެރި ޑައިވްތަކުގެ ތެރޭ ހިމެނޭ ކަމެއް ކަމަށް ޑައިވަރު ފަހުދު ފާއިޒް ފޭސްބުކްގައި ލިޔެފައިވެ އެވެ.
އޭނާ ފާހަގަކުރި ގޮތުގައި، އެފަދަ ޑައިވްތަކުގައި ހުރި ނުރައްކާތައް، ޑައިވް ޕްރޮފެޝަނަލުންނަށް އެނގޭނެ އެވެ. އަދި ކައިރިކައިރީގައި އެހާ ފުނަށް ފީނައި ހެދުމުގެ ނުރައްކާ ފާހަގަކޮށް، ފަހުދު ބުނީ މިއީ ސްޓޭންޑާޑް ރިިކަވަރީ ޑައިވްއެއް ނޫން ކަމަށެވެ.
"މިފަދަ އޮޕަރޭޝަންތަކަށް ހައިލީ ސްޕެޝަލައިޒްޑް ޓެކްނިކަލް ކޭވް ޑައިވަރުން ބޭނުންވާނެ. އެކަށީގެންވާ ގޭސް، ޑިކޮމްޕްރެޝަން ޕްލޭނިން އަދި ސަޕޯޓު ޓީމުތަކާއި ޑައިވް ކުރާ ސަރަހައްދުގެ ފުރިހަމަ އިވެލުއޭޝަނެއް ހަދާފައި އޮންނަންޖެހޭނެ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ފެނިގެންދިޔައީ ނުރައްކާތެރި މޫސުމެއްގައި، އެކަށީގެންވާ ތަޖުރިބާކާރުން އަދި އިކުއިޕްމެންޓު ނެތި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
ފަހުދު ވަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީއަށް އެދެން ސަރުކާރަށާއި އެމްއެންޑީއެފްއަށް ގޮވާލައިފަ އެވެ.
"ވަކިވެގެން އެ ދިޔައީ އެކުވެރިއެއް. ގެއްލުނު މީހުންގެ އާއިލާތަކަށް ޖަވާބެއް ހޯދައިދޭން ދިޔަ ރެސްކިޔުއާއެއް. މިއީ މި އޮޕަރޭޝަން ކުރިއަށް ގެންދަން ހުއްދަ ދިން ކޮންމެ މީހަކަށް ވެސް އަސަރުކުރަންޖެހޭނެ ހާދިސާއެއް،" އޭނާ ބުންޏެވެ.
މިއީ "ބޭޑް ލަކް" ނޫން ކަމަށާއި މިއީ "ޕްރެވެންޓެބަލް ޑިޒާސްޓާ"އެއް ނުވަތަ ހުއްޓުވޭނެ ކަމެއް ކަމަށް ވެސް ފަހުދު ބުންޏެވެ.
ޑައިވަރު ފައްޔާޒް އިބްރާހިމް ވެސް ފާހަގަކުރި ގޮތުގައި، ކޭވް ހުރި ހިސާބަށް އާދައިގެ ގޭސް ބޭނުންކޮށްގެން ފީނާއިރު، މައްޗަށް އެރުމުގެ ކުރިން ޑީކޮމްޕްރެޝަން ސްޓޮޕްތައް ބޭނުންވާނެ އެވެ. އަދި އެއީ ވެސް ރިސްކު ބޮޑުކަމެއް ކަމަށް އޭނާ ފާހަގަ ކުރި އެވެ.
"ޖެހިގެން އަންނަ ދުވަހު މިކަން އަލުން ރިޕީޓު ކުރުމަކީ އެއަށް ވުރެ މާ ނުރައްކާ ކަމެއް،" ފައްޔާޒު ފާހަގަކުރި އެވެ
"60 މީޓަރު ނުވަތަ އެއަށް ވުރެ ފުން ސަރަހައްދެއްގައި އޮކްސިޖަން ވިހަވުމުގެ ނުރައްކާ ބޮޑުވާނެ އަދި ނައިޓްރޮޖެން ނާކޮސިސްގެ ނުރައްކާ ވެސް އޮންނާނެ."
މިއީ ޓެކްނިކަލް އިކުއިޕްމެންޓާ އެކު ހާއްސަ ގޭސް މިކްސާއެއް ބޭނުންކޮށްގެން ހާއްސަ ތަމްރީނުތަކާ އެކު ކުރާ ޑައިވްތަކެއްކަމަށް އޭނާ ބުންޏެވެ.
"އިތުރަށް ރިސްކު ނުނަގާ،" ފައްޔާޒު ލިޔެފައިވެ އެވެ.
ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރުންގެ އިތުރުން އާންމުން ވެސް އަންނަނީ އިޓަލީ މީހުންގެ ފުރާނަ ނެތް ހަށިގަނޑުތައް ހޯދުމަށް ދިވެހި ސިފައިން ނުރައްކަލަށް ހުށަނޭޅުމަށް ގޮވާލަމުންނެވެ.
ސްޓާފް ސާޖެންޓު މަހުދީ މަރުވި އިރު އޭނާގެ ދެ އަނބިންނާއި ދެ ކުދިން އެބަތިއްބެވެ.
އިތުރު ބަޔަކަށް ނުރައްކާ އެބައޮތް؛ އެދެނީ އޮޕަރޭޝަން މެދުކަނޑާލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ