ލުބްނާނާއި އިޒްރޭލުން ހަމަލާ ބަދަލުކުރުން އިތުރު 45 ދުވަހަށް މެދުކަނޑާލައިފި

އިޒްރޭލާއި ލުބުނާނުން ހަމަލާތައް މެދުކަނޑާލާފައި އޮތް އޮތުން އިތުރު 45 ދުވަހަށް ދިގުދަންމާލުމަށް އިއްޔެ އެއްބަސްވެއްޖެ އެވެ.
މި ނިންމުން ނިންމާފައިވަނީ ބޯޑަރުގެ ނުތަނަވަސްކަން ކުޑަކޮށް، ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާ މެދުވެރިވެގެން ވޮޝިންޓަންގައި ބޭއްވި ބައްދަލުވުންތަކަށް ފަހުގަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވި ގޮތުގައި، 16 އޭޕްރިލްގައި އަމަލުކުރަން ފެށި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން އިތުރު 45 ދުވަހަށް ދިގުދަންމާލީ އިތުރު ކުރިއެރުންތައް ހޯދުމުގެ މަގު ފަހިކުރުމަށެވެ. އަދި މި މަޝްވަރާތަކަކީ ވަރަށް ނަތީޖާ ނެރެވޭނެ ފަދަ މަޝްވަރާތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. މި އެއްބަސްވުމުގެ މުއްދަތު ކުރިން ހަމަވާން އޮތީ މާދަމާ އެވެ.
މިއީ މިދިޔަ މާޗު މަހު ހިޒްބުއްލޯއިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރި ފަހުން ބޭއްވި ތިންވަނަ ބުރުގެ މަޝްވަރާތަކެވެ. މި ކުރިމަތިލުންތަކަކީ އީރާނާ އެކު އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ފުޅާ ހަނގުރާމައިގެ ބައެކެވެ.
ހަމަލާ ބަދަލުކުރުން ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވީ ނަމަވެސް، އިޒްރޭލުން އަމިއްލައަށް ކަނޑައަޅާފައިވާ ސެކިއުރިޓީ ޒޯން ހިމެނޭ ދެކުނު ލުބުނާނުގައި އިޒްރޭލު ސިފައިންނާއި ހިޒްބުއްލޯއާ ދެމެދު ކުރިމަތިލުންތައް އަދިވެސް ދަނީ ހިނގަމުންނެވެ. މި ހަނގުރާމައިގެ ސަބަބުން ލުބުނާނުގެ ގާތްގަނޑަކަށް 1.2 މިލިއަން މީހުން ވަނީ ހާލުގައި ޖެހި، ގެދޮރު ދޫކޮށްދާން މަޖުބޫރުވެފަ އެވެ.
ލުބުނާނުން އުންމީދު ކުރަނީ މި މުއްދަތު އިތުރުކުރުމަކީ ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް ލިބޭ ބާރަކަށް ވާނެ ކަމަށެވެ. ލުބުނާނުގެ ވަފުދުން ހާމަކުރި ގޮތުގައި، ހަމަލާތައް މެދުކަނޑާލުމުގެ މުއްދަތު އިތުރުކުރުމާއި އެމެރިކާ މެދުވެރިވެގެން ކުރިއަށްގެންދާ ސަލާމަތީ މަޝްވަރާތަކަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ތަސައްލީއެކެވެ.
އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ އިޒްރޭލުގެ ސަފީރު ޔެހިއަލް ލައިޓާ ވިދާޅުވީ، މި މަޝްވަރާތަކަކީ ވަރަށް ފާޅުކަން ބޮޑު، ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށާއި މިކަމުގައި ކާމިޔާބީއާ ހަމައަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
އެމެރިކާއިން ހާމަކުރި ގޮތުގައި، ސަލާމަތީ ކަންކަމަށް އިސްކަންދީގެން ބާއްވާ އާ މަޝްވަރާތަކެއް މި މަހު 29ގައި ޕެންޓަގަންގައި ފަށާނެ އެވެ. އަދި ސިޔާސީ މަޝްވަރާތައް އަންނަ މަހު 2 އިން 3އަށް ސްޓޭޓް ޑިޕާޓްމަންޓުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ