ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު ގާސިމް އިބްރާހީމަށް އަރުވައިފި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ) މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ.
ގާސިމްއަށް މި ލަގަބު އަރުވާފައިވަނީ ދިވެހި ރައްޔިތުންނަށާއި، ރާއްޖޭގެ އިޖުތިމާއީ ދާއިރާއަށާއި، އިގްތިސާދީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާ އަދި ދިވެހި ދައުލަތަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށްވާތީއެވެ. އަދި ނިޝާން މުލީގެ އިއްޒަތް އެމަނިކުފާނަށް އެރުވިފަހުންވެސް ކުރައްވާފައިވާ މަސައްކަތްތައް އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ގާސިމް އެންމެ ފުރަތަމަ ގައުމަށް ހިދުމަތް ކުރައްވަން ފެއްޓެވީ ގަވަމެންޓް ހޮސްޕިޓަލުގައި ކާތިބެއްގެ މަގާމުގައެވެ. މިހާރު ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް އަކީ ވިލާ ކުންފުނީގެ ވެރިޔާއެވެ. އެމަނިކުފާނު ވިލާ ކުންފުނި އުފެއްދެވީ 1976 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗުން ނެންގެވި ލޯނަކުންނެވެ. ގާސިމްއަކީ ރާއްޖޭގައި ފުރަތަމަ ސްކޮލާޝިޕް ޕްރޮގްރާމް ތައާރަފުކުރައްވާ، ދެއްވި ބޭފުޅާއެވެ.
ގާސިމް ސިޔާސީ ކަންކަމުގައި އުޅުއްވަން ފެއްޓެވީ 1989 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރެއްގެ ގޮތުގައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދުމަށް އިސްވެ ސޮއިކޮށް ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައިވެސް ގާސިމް ހިމެނިވަޑައިގަންނަވައެވެ. ގާސިމް ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަންވެސް އަދާކުރައްވާފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަންވެސް ކުޑަ ދުވަސްކޮޅަކަށް ކުރެއްވިއެވެ.
ގާސިމް ވަނީ ހޮނަނަރީ ޑިގްރީ އަދި ޑރ އޮފް އެންޓަޕްރިނިއަރޝިޕް ހާސިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ