ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ބަންގީގެ އަޑު ކަނޑުވައިލުމަށް ހުށަހަޅާފައިވާ ބިލެއް ބަލައިގަތުަމަށް ޔަހޫދީންގެ ޤަނޫނުހަދަ މަޖިލީހުން ނިންމައިފިއެވެ.
ބިލުގެ ދެލިކޮޕީގައި ބަޔާންކޮށްފައިވާ ގޮތުގައި ވަކި ޚާއްޞަ ޙުއްދައެއް ނެތި އެއްވެސް މިސްކިތެއްގައި ސައުންޑް ސިސްޓަމެއް ހަރުކޮށް އޭގެ ބޭނުން ކުރުން މަނާވާނެއެވެ. ލައިސެންސް ދޫކުރުމުގައި ބަންގި ގޮވާއިރު އަޑުގެ ބާރުމިން ހުންނަ މިންވަރު ބަލާނެއެވެ. އަދި މީހުން ދިރިއުޅޭ ސަރަޙައްދުތަކާ މިސްކިތާ ހުރި ދުރުމިން ބަލާނެއެވެ. މިސްކިތްތަކުން ޤަވާއިދާ ޚިލާފުވާ ނަމަ ޔަހޫދީ ފުލުހުންނަށް ބަންގި ގޮވުން ހުއްޓައިލުމަށް އަމުރުކުރުމުގެ ބާރު އެ ބިލުން ލިބިދެއެވެ. އޭގެ އިތުރުން މިސްކިތްތަކުގައި ހުންނަ ސައުންޑް ސިސްޓަމްތައް އަތުލައި، ޖޫރިމަނާ ކުރުމަށް ވެސް އެ ބިލުން ބާރުދެއެވެ.
އެ ބިލާ ގުޅޭގޮތުން ފަލަސްޠީނުގެ އެންމެ އިސް ފަނޑިޔާރު އަދި ދީނީ ކަންކަމާ ގުޅޭގޮތުން ރައީސްއަށް ލަފާ އަރުއްވާ މުޝީރު، މަޙްމޫދު އަލް ޙައްބާޝް ވިދާޅުވީ ބަންގީގެ އަޑު ކަނޑުވައިލުމަށް ޔަހޫދީން ހުށަހަޅާފައިވާ ބިލަކީ އިސްލާމް ދީނުގެ މުޤައްދަސް ބިންތަކާއި އަޅުކަންތަކާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރުން ފަދަ ކަމެއް ކަމަށެވެ. އަދި އެއީ އަޅުަކަންކުރުމުގެ މިނިވަން ކަމަށް ހުރަސްއެޅޭ ބިލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ. އަލް ޙައްބާޝް އިތުރަށް ވިދާޅުވީ ޤުދުސްއާއި ފަލަސްޠީނުގެ އެހެން މުޖުތަމަޢުތަކުގައި ބަންގި ގޮތުން ހުއްޓުވުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތަކީ މުސްލިމުންނަށާއި އިސްލާމް ދީނަށާއި އަޅުަކަން ކުރުމުގެ މިނިވަން ކަމަށް ދެވޭ ސީދާ ޙަމަލާއެއް ކަމަށެވެ.
ހުޅަނގު އައްސޭރިން ބަންގީގެ އަޑު ކަނޑުވައިލުމަށް ޔަހޫދީން މަސައްކަތް ކުރަމުންދާއިރު، އެ ސަހަރުގައި ދިއިރުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމަށް ޔަހޫދީން އަބަދު ވެސް މަސައްކަތް ކުރެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ހުޅަނގު އައްސޭރީގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްޠީނުގެ ކުށެއް ނެތް ތިން ކުޑަކުދިންނަށް ޙަމަލާދީ އެ ކުދިންނަށް ޒަޚަމްކޮށްލައިފައެވެ. އަދި ހުޅަނގު އައްސޭރީގައި ހުރި ފަލަސްޠީނުގެ ރަައްޔިތުންގެ ދަނޑުބިންތަކެއްގައި ހުޅު ޖަހާފައި ވެސް ވެއެވެ.
ބަންގީގެ އަޑު ކަނޑާލުމަށް ޔަހޫދީންގެ ނުބައި ރޭވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ