އދ ގެ އާންމު މަޖިލީހުގެ އިގްތިސޯދީ އަދި މާލީ ކޮމިޓީގެ ނައިބު މުގައްރިރަކަށް ދިވެހިރާއްޖެ
އދ ގެ އާންމު މަޖިލީހުގެ އިގްތިސޯދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ. އދ ގެ މައި މަރުކަޒުގައި މިއަދު ބޭއްވި އިންތިޚާބުގައި، މި މަގާމަށް ދިވެހިރާއްޖެ އިންތިޚާބު ވީ، އާންމު މަޖިލީހުގެ އިއްތިފާގުންނެވެ. ފޮރިން މިނިސްޓްރީން ބުނީ އާންމު މަޖިލީހުގެ އިގްތިސޯދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާނީ ދިވެހިރާއްޖެ އިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ، ޙުސައިން އަޛްހާން މުޙައްމަދު ޙުސައިން ކަމަށެވެ. އދ ގެ އާންމު މަޖިލީހުގެ 81 ސެޝަންގައި، ކޮމިޓީގެ މަސައްކަތްތައް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުގައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ދިވެހިރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެގޮތުން އދ ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ކުރިއަށްދާނީ މިއަހަރުގެ ސެޕްޓެމްބަރުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ހަމައެއާއެކު މި މަގާމަށް ރާއްޖެއިން އިންތިޚާބުވުމުން ހާމަވެގެން ދަނީ އދ ގައި ދިވެހިރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް ބައިނަލްއަގްވާމީ މުޖުތަމައިން ކުރާ އިތުބާރު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ދިވެހިރާއްޖެ މި މަގާމަށް އިންތިޚާބުވެފައި މިވަނީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ބައިނަލްއަގްވާމީ މައިދާނުގައި ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އިގްތިސޯދީ އަދި މާލީ ކޮމިޓީ ނުވަތަ "ސެކަންޑް ކޮމިޓީ" އަކީ އދ ގެ އާންމު މަޖިލީހުގައި ހިމެނޭ މައިގަނޑު ހަ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދެމެހެއްޓެނިވި ތަރައްގީއާއި، އިގްތިސޯދީ ކުރިއެރުމާ ގުޅުން ހުރި މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން އދ ގެ މަސައްކަތްތައް ބައްޓަންކުރުމެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ބިއުރޯއަށް ލިބިގެންވާއިރު، އާންމުގޮތެއްގައި ކޮމިޓީގެ އެންމެހައި ކަންކަން ކުރިއަށްދަނީ ބިއުރޯގެ އިރުޝާދާއި ލަފާގެ މަތިން ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ