ޑައިމަންޑް ޖުބިލީ މުބާާރާތުގެ ޓިކެޓް އަގުހެޔޮކޮށްފި

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ ގޮތުން ކުޅޭ ޑައިމަންޑް ޖޫބިލީ އިންޓަނޭޝަނަލް މުބާރާތުގެ މެޗުތަކުގެ ޓިކެޓްގެ އަގުހެޔޮކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ. 
ރާއްޖޭގައި މިހާރު ކުރިއަށްދާ މުބާރާތުގައި ހަތަރު ގައުމު ވާދަކުރީ މި މުބާރާތުގެ ފުރަތަމަ ދެ މެޗަށް ޓިކެޓް ވިއްކާފައިވަނީ، ސިޑިބަރިން 100 ރުފިޔާ އަށާއި ގޮނޑިބަރިން 200 ރުފިޔާ އަށެވެ. އެކަމަކު ފުރަތަމަ މެޗުތަކަށް ފަހު ޓިކެޓް ވަނީ އަގުހެޔޮކޮށްފަ އެވެ. އެ ގޮތުން، އެފްއޭއެމް އިން މިއަދު އިއުލާނުކުރި ޓިކެޓްގެ އަގުތަކަކީ، ސިޑިބަރިން 50 ރުފިޔާ އަށް އަދި ގޮނޑިބަރިން 100 ރުފިޔާ އަށެވެ. 
ހަތަރު ގައުމުގެ މެދުގައި ކުޅޭ ޑައިމަންޑް ޖުބިލީ މުބާރާތް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ރާއްޖެ ކުޅުނު މެޗުގައި އެރޭ އަފްގާނިސްތާނާ ބައްދަލުކޮށް 1-0 އިން ބަލިވިއިރު، އެ މެޗަށް ވަދެފައިވަނީ، 1028 ސަޕޯޓަރުންނެވެ. އަދި، އެ ދުވަހު، ހަވީރު ބަންގްލަދޭޝްގެ ޒުވާން ޓީމާއި ޕާކިސްތާން ބައްދަލުކުރި މެޗަށް ވަދެފައިވަނީ، 1200 ސަޕޯޓަރުންނެވެ. މިއީ، ނިސްބަތުން ބަލާއިރު، މިދިޔަ މާޗް މަހު ރާއްޖޭގައި ބޭއްވި ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ މެޗުތަކަށް ސަޕޯޓަރުން ވަން އަދަދަށް ވުރެން ދަށް އަދަދެކެވެ. 
އެ ގޮތުން، ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭން ސްރީ ލަންކާއާ ކުޅުނު މެޗަށް 1664 ސަޕޯޓަރުން ދަނޑަށް ވަނެވެ. އަދި، ބޫޓާނާ ކުޅުނު މެޗަށް 1470 ސަޕޯޓަރުން ވަންއިރު، ނޭޕާލާ ވާދަކުރި މެޗަށް 3863 ސަޕޯޓަރުން ވަނީ ވަދެފަ އެވެ. ބަންގްލަދޭޝް އާއި ޕާކިސްތާން ކުޅުނު މެޗަށް 2550 ސަޕޯޓަރުން ވަންއިރު، ބަންގްލަދޭޝް އާއި އިންޑިއާ ކުޅުނު މެޗަށް 3932 ސަޕޯޓަރުން ދަނޑަށް ވަނެވެ. އަދި، އެ މުބާރާތުގެ ފައިނަލް މެޗުގައި އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުުކުރި މެޗަށް 4100 ސަޕޯޓަރުން ދަނޑަށް ވަނެވެ. 
މާޗް 31، ވަނަ ދުވަހު، އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ވަނީ ގަލޮޅު ދަނޑުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު ބަލަން، ދަނޑަށް ވަދެފައިވަނީ، 500 ސަޕޯޓަރުންނެވެ. 
ޑައިމަންޑް ޖުބިލީ މުބާރާތުގެ މެޗުތައް ދެން އެންމެ އަވަހަށް އޮތީ މާދަމާ އެވެ. އެ ގޮތުން، މާދަމާ ހަވީރު ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް ކުޅޭއިރު، މާދަމާރޭ އަފްގާނިސްތާނުން ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ