މުލިއާގޭގެ ބައެއް ސިއްރުތަކުގެ ވެރިޔާ އާއި ހަ ރައީސުންގެ ހިދުމަތްތެރިޔާ މި ދުނިޔެއާ ވަކިވެދިޔައީ އެވެ. ދައުލަތަށް 50 އަހަރަށްވުރެ ގިނަ ދުވަހު އިހުލާސްތެރިކަމާއެކު ހިދުމަތް ކުރެއްވި، މ. ފަތްކޯނި، އިބްރާހިމް ހަލީމް (ހަލީމްބެ / ދޮންނަ) އުމުރުން 76 އަހަރުގައި އިއްޔެ ނިޔާވުމާއެކު މުލިއާގޭގެ ބައެއް ހަނދާންތައް ކުރީގެ ރައީސުންނާއި ނައިބު ރައީސުން ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވެ އެވެ.
ހަލީމްއަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ހަ ރައީސުންގެ ސުފުރާމަތި ބެލެހެއްޓެވުމުގައި މުޅި އުމުރު ހޭދަކުރެއްވި އެންމެ އިތުބާރު ހުރި ލާމަސީލު ހިދުމަތްތެރިޔާ އެވެ.
ދިވެހި ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 5 ޖުލައި 1971 ގައެވެ. މި ތާރީހަށް ބަލާނަމަ ހިދުމަތް ފެއްޓެވީ އުމުރުން 20 އަހަރުގަ އެވެ.
އެންމެ ފުރަތަމަ އެޓާނީ ޖެނެރަލްގެ އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއިން ގައުމީ ހިދުމަތުގެ ދިގު ދަތުރު ފެއްޓެވި ނަމަވެސް، އޭގެ ފަހުން ބޮޑުވަޒީރުގެ އޮފީހާއި، ސަރުކާރު ހޮސްޕިޓަލްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފަ އެވެ.
ނަމަވެސް، ހަލީމްގެ ހަޔާތުގެ އެންމެ ފާހަގަކޮށްލެވޭ ކުލަގަދަ ސަފުހާއެއް ލިޔެވިގެންދިޔައީ، ފެބްރުއަރީ 12، 1977 ގައި ރިޔާސީ ގަނޑުވަރު މުލީއާގޭގެ ވަޒީފާއާ ގުޅިވަޑައިގަތް ހިސާބުންނެވެ.
މުލީއާގޭގައި ހޭދަކުރެއްވި 40 އަށްވުރެ ގިނަ އަހަރުގެ ތެރޭގައި ހަލީމް ވަނީ ރާއްޖޭގެ ވެރިކަން ކުރެއްވި ހަ ރައީސުންގެ އަރިހުގައި، ނުހަނު ކަމޭހިތުމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވާފަ އެވެ. އޭނާ ހިދުމަތް ކުރެއްވި ރައީސުންނަކީ؛
ރިޔާސީ ގަނޑުވަރުގެ ސުޕަވައިޒަރު ކަމާއި، ހެޑް ވީއައިޕީ ވެއިޓަރުކަމުގެ އިތުރުން ޗީފް ވީއައިޕީ ވެއިޓަރުކަން ކުރެއްވިއިރު، ރައީސުންގެ ސުފުރާމަތި ބެލެހެއްޓެވުމުގެ އެންމެ އިސް ޒިންމާ އުފުއްލެވީ ހަލީމް އެވެ.
ރަސްމީ ރިޔާސީ ގެކޮޅުގެ ބޭރުން ވެސް، ދައުލަތުގެ ބޮޑެތި ރަސްމީ ރިސެޕްޝަންތަކުންނާއި، ރޯދަމަސް އިހުޔާކުރުމުގެ ޖަލްސާތައް ފަދަ މުހިންމު އެތައް ތަނަކުން ވަރަށް ގިނަ ބަޔަކަށް ހަލީމްއާ ދިމާވެ، އޭނާގެ ފަރުވާތެރި ހިދުމަތް ފެނިފައިވެ އެވެ.
ހަލީމްގެ އެންމެ ހާއްސަ ސިފައަކީ އޭނާގެ ކިބައިގައި ހުރި އަމާނާތްތެރިކަމާއި، ސިއްރު ހިފެހެއްޓުމުގެ މަތިވެރި އަހުލާގެވެ.
ކުރީގެ ފަސްޓްލޭޑީ ފަޒުނާ ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި، ފަރިއްކުޅުވާ ގަޑިތަކުގައި އެކި އެކި މަޖާ ވާހަކަތައް ކިޔައިދެއްވާއިރު ވެސް، ހަލީމް ހިދުމަތް ކުރެއްވި އެހެން އެއްވެސް ރައީސެއްގެ ޒާތީ އެއްވެސް ވާހަކައެއް ދުވަހަކު ވެސް ނުދައްކަވަ އެވެ.
"ކާ ގަޑީގައި އެކި އެކި ވާހަކަ ކިޔައިދެއްވާއިރު ހަލީމް ހިދުމަތްކުރެއްވި އެހެން އެއްވެސް ރައީސެއްގެ ޒާތީ ވާހަކައެއް ނުދައްކަވާނެ. އަޅުގަނޑުމެންގެ ކުދިންނާ ދައްކަވާނީ އެތަނަށް އަންނަ މައިނާ އެއްގެ ވާހަކަ އެވެ. ފަތުރުވެރިކަން ފަށައިގަތް ދުވަސްވަރު ވާނީ ހަލީމްގެ ވެސް އެންމެ ޒުވާން ދުވަސްވަރަށް. ރިސޯޓެއްގައި ނެއްޓެވި ވާހަކައެއްވެސް ވަރަށް މަޖާކޮށް ކިޔައިދެއްވާނެ،" ފަޒުނާ ވިދާޅުވި އެވެ.
ހަލީމް އެންމެ ފަހުން ހިދުމަތް ކުރެއްވީ ކުރީގެ ރައީސް ސޯލިހު އަށެވެ.
"އަޅުގަނޑުމެނާއެކު ހަލީމް އަށް ހޭދަކުރެއްވުނީ މަދުދުވަސްކޮޅެއް. ކޯވިޑް 19 ގެ ލޮކްޑައުންނަށް ފަހު މަސައްކަތަށް ނުކުންނެވޭ ވަރެއްނުވި. ނަމަވެސް އެ މަދު މުއްދަތުގެ ތެރޭގައި ވެސް ވަރަށް ގާތްކޮށް އަޅުގަނޑުމެނާ ދޭތެރޭ ހިތްތެވި. އަޅުގަނޑުމެންގެ ކުދިންނާ މުހާތަބް ކުރައްވާނީ ކޮއްކޯއޭ ކިއުއްވާފަ،" ހަލީމްގެ ހަނދާންތައް ހިއްސާ ކުރައްވަމުން ފަޒްނާ ވިދާޅުވި އެވެ.
ދިވެހި ދައުލަތަށް 50 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި އިހުލާސްތެރި ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2021 ވަނަ އަހަރު ސަރުކާރުން ވަނީ ހަލީމްއަށް ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އަރުވާފަ އެވެ.
ހަލީމްގެ ވަކިވެދިއުމާއެކު ގައުމުގެ އިސްވެރިން ދަނީ އޭނާގެ ހަނދާންތައް އާކުރައްވަމުންނެވެ.
ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ އިހުލާސްތެރި ހިދުމަތް ހަލީމް ކުރައްވާފައިވާ ކަމަށެވެ.
"ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ އިހުލާސްތެރި ހިދުމަތުގެ ބޮޑު ބަޔެއް މަރްޙޫމް އިބްރާހީމް ހަލީމް ހޭދަކުރެއްވީ މުލީއާގޭގަައި. ކުރީގެހަ ރައީސުންގެ އަރިހުގައި، ކަމޭހިތުމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކޮށްދެއްވައިފައިވޭ،" މުއިއްޒު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ "ހަލީމްއަކީ ވަރަށް ތެދުވެރިކަމާ، އަމާނާތްތެރިކަމާއެކު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ސާފުތާހިރުކަމަށް ލޯބިކުރެއްވި ސަކަ މިޒާޖެއްގެ ބޭފުޅެއް" ކަމަށެވެ.
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ހަލީމްއަކީ ވަރަށް އޯގާތެރި، ހިތްހެޔޮ، ހުލްގު ހެޔޮ އަދި އެހާމަ އިހުލާސްތެރި ބޭފުޅެއް ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި ހިލާލީގޭގައި ޖަމީލް އާއި އެ އާއިލާ އަށް ހަލީމް ހިދުމަތް ކުރެއްވި އެވެ.
ހަލީމްގެ އިންޓަވިއުއިން ބައެއް ވާހަކަތައް
ހަލީމް ހިދުމަތް ފެއްޓެވީ ނާސިރުގެ ވެރިކަމުގަ އެވެ. ރައީސް އޮފީހުން ވެލާނާ/މުލިއަނާގެއަށް ވަޒީފާ ބަދަލު ކުރި ގޮތަށް ނާސިރުގެ ވެރިކަން ނިމެންދެން ކުރެއްވި ހިދުމަތުގެ ފުރިހަމަ ކަމުގެ ސަބަބުން، އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވިއިރު، އަރިހުގައި ވަޑައިގަތުމަށް ވެސް ހަލީމަށް ފުރުސަތު ދެއްވި އެވެ.
ހަލީމްގެ ބައްޕަ އެކަމަށް އުފަލުން އެއްބަސްވި ނަމަވެސް، އަނބިދަރިންނާ ވަކިން ރާއްޖެއިން ބޭރަށް ދާން ހަލީމް ހިތެއް ނުރުހުނެވެ.
"އަޅުގަނޑު އަނބިދަރީން ދެކެ ވަރަށް ލޯބިވޭ. އެހެންވެ އަޅުގަނޑު ރައީސް އަރިހުން އެދުނީ ސަރުކާރުގެ އާދައިގެ މުވައްޒަފެއްގެ ގޮތުގައި ރާއްޖޭގައި ބަހައްޓަވައި ދެއްވުމަށް،" ހަލީމް ހަވީރު ނޫހަށް، ޖޫން، 2014 ގައި ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ހަލީމްގެ ކިބައިގައި ހުރި ތެދުވެރިކަން ނާސިރަށް އެންމެ ބޮޑަށް ސާބިތުވެގެން ދިޔައީ ދިމާވި ހާއްސަ ހާދިސާއަކުންނެވެ. ހަލީމްގެ އާއިލާގެ މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް ނާސިރު އަމިއްލަފުޅަށް ޑޮލަރު ދެއްވި އެވެ. ބޭސްފަރުވާއަށްފަހު އެނބުރި އައިސް، ހަލީމް ވަނީ ބާކީވި ޑޮލަރުކޮޅު ނާސިރުއާ ހަވާލު ކުރައްވަން ވަޑައިގެންފަ އެވެ.
ނަމަވެސް، އެ ފައިސާ އަނބުރާ ހޯއްދެވުމުގެ ބަދަލުގައި، އެއީ ހަލީމްއަށް ދެއްވި ހަދިޔާއެއް ކަމަށް ނާސިރު ވިދާޅުވި ކަމަށް ހަލީމް ބުންޏެވެ.
ހަލީމް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ރާއްޖޭގެ ރައީސްކަން ވެސް އެންމެ ގިނަ ދުވަހު ކުރެއްވި މައުމޫނު އަށެވެ. އެ ދިގު ތާރީހުގެ ސޮފުހާތަކުގެ ތެރެއިން ނޮވެމްބަރު 3، 1988 ގައި ދިވެހި ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލާގެ ބިރުވެރި ވަގުތުގައި، ވެރިމީހާއަށް އޮތް ވަފާތެރިކަމާއި ލޯބި ހަލީމް ސާބިތުކޮށް ދިނެވެ.
މާލޭގެ މަގުތަކުގައި ވަޒަންތައް އުދުހެމުންދިޔަ ވަގުތު، އަމިއްލަ ފުރާނައަށް ނުބަލައި، އާއިލާއަށް ވެސް ސިއްރުން އޭނާ ދިޔައީ ރައީސްގެ ރަސްމީ ގެކޮޅު، ތީމުގެއަށް ކަމަށް ހަވީރު ނޫހަށް ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.
ރައީސް މައުމޫން ސަލާމަތްތެރިކަމާއެކު އެހެން ތަނަކަށް ވަޑައިގެންނެވިކަން ހަލީމް އަށް އެނގިވަޑައިގަތީ ތީމުގެއަށް ދިޔުމުންނެވެ. އެ ބިރުވެރި ދުވަހު ސިފައިންގެޔަށް މައުމޫން ވަޑައިގަތުމުން، ހަލީމް ވެސް ސިފައިންގޭގެ އެތެރޭގައި މައުމޫނުގެ ހިދުމަތުގައި ދެމިހުއްޓެވެ.
ހަލީމްއަކީ ވެސް ކުޅިވަރަށް ލޯބިކުރައްވާ މީހަކަށް ވުމާއެކު މައުމޫންއާ ވަރަށް ގާތްގުޅުމެއް އޮތީ އުފެދިފަ އެވެ. ސަބަބަކީ މައުމޫނަކީ ވެސް އިންތިހާއަށް ކުޅިވަރަށް ލޯބިކުރައްވާ ބޭފުޅަކަށް ވުމެވެ. އެ ދިގު ތާރީހުގައި މައުމޫނު ދެއްވި ބައެއް ނަސޭހަތް ހަލީމުގެ ހަނދާނުގައި ހުރިކަން ހަވީރު ނޫހަށް ދެއްވި އިންޓަވިއުގައި ބުނެފައިވެ އެވެ.
"އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރާށޭ. ނަމާދުކުރާށޭ، މައިންބަފައިންނަށް ކަމޭ ހިތާށޭ."
ނަޝީދުގެ ވެރިކަމުގައި ވެސް ހަލީމްއަށް އޮތީ ބޮޑު ގަދަރަކާއި އިތުބާރެކެވެ. ކުރީގެ ރައީސް މައުމޫނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް އެމަނިކުފާނު ކުރައްވާ އެކި ދަތުރުފުޅުތަކުގައި ހަލީމް ބައިވެރިކުރެއްވި އެވެ.
ހަލީމްގެ ހިދުމަތް ބަލައިގަނެ، އޭނާ ހެޑް ވެއިޓަރުގެ މަގާމަށް ބަދަލުކުރަން ނަޝީދު ބޭނުންފުޅުވި އެވެ. ހަލީމްބެ އެކަމަށް އުޒުރުވެރިވެ ދެކޮޅު ހެއްދެވި ނަމަވެސް، ހަލީމް އެ މަގާމަށް ބަދަލު ކުރި އެވެ.
ރާއްޖޭގެ ސިޔާސީ އޮއިވަރު ބަދަލުވެ، ނަޝީދުގެ ވެރިކަން ނިމުމަކަށް އައިސް، އެމަނިކުފާނު މުލީއާގެއިން ނުކުމެވަޑައިގެންނެވި އެންމެ ފަހު ވަގުތުކޮޅު، އެމަނިކުފާނުގެ އަތްޕުޅަށް އެންމެ ފަހުގެ ފަނިތަށިފޮދާއި ފެންތަށިފޮދު އެރުވި މީހަކީ ވެސް، ލޯތްބާއި ވަފާތެރިކަމާއެކު ރައީސްގެ ރަސްމީގޭގައި ސާބިތުވެހުރި ހަމައެކަނި ހިދުމަތްތެރިޔާ ހަލީމް އެވެ.
ހަލީމްއަކީ ވަޒީފާއަށް ވަފާތެރިވުމާއި، ސިއްރު ހިފެހެއްޓުމާއި، އަދި ގައުމީ ހިދުމަތުގެ ބަދަލެއް ނެތް ނަމޫނާއެކެވެ.
ހަ ރައީސުންގެ ހިދުމަތްތެރިޔާގެ ބައެއް ހަނދާންތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ