ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ މި ފަހަރުގެ ސީޒަންގެ ކުޅުން ދ. ޒޯނުން ފެށިއިރު، މުބާރާތުގެ ފުރަތަމަ މޮޅު، ދި، އެސްޓީ، ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުން ހޯދައިފި އެވެ.
އެ ގޮތުން، ވޮއްމުލިން ވަނީ 2-1 އިން ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ބަލިކޮށްފަ އެވެ. އަދި، ދ. ޒޯނުގެ ފުރަތަމަ ދުވަހު ކުޅުނު އަނެއް މެޗުން، އަންގްސާނާ ވެލާވަރު އާއި ބަގްލިއޯނީ މޯލްޑިވްސް ވަނީ 1-1 އިން އެއްވަރުވެއްޖެ އެވެ.
ދ. ޒޯނުގެ މެޗުތައް ވެލާވަރުގައި ކުރިއަށްދާއިރު، ވޮއްމުލި އާއި ނިޔާމަ ކުޅުނު މެޗުގައި، ވޮއްމުލީގެ ލަނޑުތައް ޖެހީ، އިބްރާހިމް އާދަމް އާއި އާމިލް އަލީ އެވެ. އަދި، މެޗުގައި ނިޔާމަ އިން. ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައިވަނީ، އަލީ ފަހުމީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ، ވޮއްމުލި ޓީމުގެ އާމިލް އަށެވެ.
ވެލާވަރުން ފުރަތަމަ. މެޗުގައި ލީޑުނެގީ، މުހައްމަދު ޝާހު ޖެހި ގޯލުންނެވެ. އެކަމަކު، މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ބަގްލިއޯނީން ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ރައިސަން އެވެ.
މުބާރާތުގެ ލީގު ބުރުގެ ދެ ވަނަ މެޗުތައް މިއަދު ކުރިއަށްދާނެ އެވެ. އެ ގޮތުން، މިއަދު ކުޅޭ ފުރަތަމަ މެޗުގައި ވޮއްމުލިން ވާދަކުރާނީ ވެލާވަރުއާ އެވެ. އަދި، ދެ ވަނަ މެޗުގައި ނިޔާމަ އިން ނުކުންނާނީ ބަގްލިއޯނީއާ ދެކޮޅަށެވެ.
ދ. ޒޯންގެ މެޗުތައް ރޭވިފައިވާ ގޮތުން، ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އަދި، ދެ ވަނަ އާއި ތިން ވަނަ ހޯދާ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު، ފައިނަލުގެ ފަހު ޖާގަ ޔަގީންވެގެންދާނެ އެވެ. ސެމީ ފައިނަލް މެޗު މި މަހު ހަ ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ފައިނަލް މެޗު އޮތީ މި މަހު އަށް ވަނަ ދުވަހު އެެވެ.
ރިސޯޓްތަކުގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށް، ރިސޯޓް ލީގު ފެށިގެން ދިޔައީ، 2013 ވަނަ އަހަރު އެވެ. ފަނަރަ ވަރަކަށް އަހަރު ވަންދެން މި މުބާރާތް ކުރިއަށް ގޮސްފައިވާއިރު، މިއީ، ރިސޯޓްތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ އަދި އެންމެ އިތުބާރު ބޮޑު މުބާރާތެވެ. ރިސޯޓް ލީގަކީ މިހާރު ރިސޯޓްގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ މުބާރާތެކެވެ. އަދި، ހުރިހާ ރިސޯޓަކުން ވެސް ވަރަށް ދުރާލައި، މި މުބާރާތަށް ތައްޔާރުވާއިރު، ރިސޯޓްތަކުން ހަ މަސް ކުރިން މުބާރާތަށް ފޯކަސްކޮށްގެން ކަންކަން ރާވަން ފަށަ އެވެ.
ރިސޯޓް ލީގު: ވޮއްމުލިން ނިޔާމަ ބަލިކޮށް ވަރުގަދަ ފެށުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ