ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މެތަމްފެޓަމިން ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން އިއްޔެ ހާމަކުރި ގޮތުގައި އެ ތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ މެއި 24 ވަނަ ދުވަހުއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 941 ގްރާމް ހުއްޓެވެ.
އެ މަސްތުވާތަކެތި ތަހުލީލުކޮށް ބެލި އިރު އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން ނުވަތަ މެތު ކަން ވަނީ ކަށަވަރުކުރެވިފައެވެ. އެ ތަކެތީގެ މަގުމަތީ އަގަކީ 1.8 މިލިއަން ރުފިޔާކަން ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.
ކޯވިޑްގެ ދުވަސްވަރު ރާއްޖެއަށް އަލަށް އެތެރެކުރަން ފެށި ކަމަށް އެންޑީއޭއިން މީގެ ކުރިން ބުނެފައިވާ މެތަމްފެޓަމިންއަކީ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން ސްޓިމިއުލަންޓް ކެޓަގަރީއަށް ފެތޭ ބާރުގަދަ ނުރައްކާތެރި ބާވަތަކެވެ. އެ ބާވަތުގެ މަސްތުވާތަކެތި މިހާރު އާންމުވެފައިވާއިރު، އެއަށް ވަކި ފަރުވާގެ ޕްރޮގްރާމެއް ނެތުމުން މަސްތުވާތަކެތީގެ ފަރުވާގެ ދާއިރާގެ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިދިޔަ މަހުގެ 5 ވަނަ ދުވަހު ކަސްޓަމްސްއިން ވަނީ ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ހަތް ކިލޯގެ ކެނަބިސް ފަތް ވެސް އަތުލައިގެންފައެވެ. އެ ތަކެތީގެ މަގުމަތީ އަގު 7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޭރު ކަސްޓަމްސްއިން ބުނެފައިވެއެެވެ.
ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މެތަމްފެޓަމިން އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ