ޗެއާޕާސަންގެ މަގާމުގައި ހުންނަ މީހަކު ރިޔާސީ ޕްރައިމަރީގައި ވާދަކުރުން ރަނގަޅެއް ނޫން: ނަޝީދު

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި، އެމްޑީޕީގެ ޗެއާޕާސަން، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވީ އެމްޑީޕީގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސަވާލަކަށް ޖަވާބުދެއްވަމުންނެވެ.
"އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޗެއާޕާސަނަށް ވާދަކުރެވޭނެތޯ ނުވަތަ ނޫންތޯ. ވާދަކުރުން އެއީ ރަނގަޅު ކަމެއް ނޫން ޗެއާޕާސަނަކަށް އިންނަ މީހަކު. އޭނާ ޗެއާޕާސަަންގައި އިނދެގެން ރިޔާސީ އިންތިހާބަކަށް ނުކުތުމަކީ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑެއް ނުދެކެން." ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު މި ދެންނެވީ ޗެއާޕާސަނަކަށް ހުންނަ ބޭފުޅަކު ރިޔާސީ ޓިކެޓުގައި ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން."
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ނަޝީދު ހުންނެވިއިރު، ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކުރައްވާފައިވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލްއާ ނަޝީދުއާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމަށް ބުނެ ފެތުރޭ އަޑުތައް ވެސް އެމަނިކުފާނު ދޮގުކުރެއްވި އެވެ.
އަޅުގަނޑާއި ފައްޔާޒާއި ގުޅުން ވަރަށް ރަނގަޅު. އަޅުގަނޑު ހަފްތާއެއް ވަންދެން ރަށުން ބޭރުގައި އުޅެފައި ވީމާއި ފައްޔާޒާއި ދިމާނުވެ ހަފްތާއެއް ދިޔަ. އިއްޔެ އަޅުގަނޑާ ދިމާވި ފައްޔާޒާ. އަޅުގަނޑަކަށް އަޅުގަނޑުމެންގެ ގުޅުން އެއްގޮތަކަށް ވެސް ގޯސް ކަމަކަށެއް ނުފެނޭ، ގޯސްވާންވީ ސަބަބެއް ވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހައިތަނަށް އިއުލާނުކޮށްފައި ވަނީ ފައްޔާޒް އެކަންޏެވެ. އޭނާއަށް ތާއިދުކުރައްވާ ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ