2030ގެ ނިޔަލަށް ޑިޖިޓަލް އިގްތިސާދުގެ ހިއްސާ ޖީޑީޕީގެ 15 އިންސައްތައަށް އިތުރުވާނެ: ސައީދު

2030 ވަނަ އަހަރުގެ ނިޔަލަށް ޑިޖިޓަލް އިގްތިސާދުގެ ހިއްސާ ޖީޑީޕީގެ 15 އިންސައްތަ އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ޕޭޕަލް ފަދަ މާލީ މުއާމަލާތްކުރާ ވަސީލަތްތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ތައާރަފްކުރުމުގެ މަގުސަދަކީ ޒުވާނުންނާއި އަދި އަންހެނުންނަށް ޑިޖިޓަލް ދާއިރާއިން ފުރިހަމަ މިނިވަންކަމެއް ހޯދައިދިނުން ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި ދިވެހީންނަށް ސީދާ ބައިވެރިވެވޭނެ މަގުފަހިކޮށްދީ ރާއްޖެގެ އަމިއްލަ އުފެއްދުންތެރިކަން މުޅި ދުނިޔެއަށް ފުޅާކޮށް ދިވެހި ރައްޔިތުންނަށް ހަގީގީ މާލީ މިނިވަންކަން ކަށަވަރުކޮށްދިނުން ކަމަށް ސައީދު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ސްމާޓް ޕަބްލިކް ހިދުމަތްތަކާއި، ޕޭޕަލް ފަދަ ޑިޖިޓަލް ޕޭމަންޓުތަކާއެކު ގްލޯބަލް މާކެޓުން ދިވެހީންނަށް ފުރުސަތުތައް ލިބި، 2030 ވަނަ އަހަރާ ހަމައަށް އަންނަ އިރު ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު، ޖީޑިޕީގެ 15 އިންސައްތަައަށް އަރާނެ ކަމަށެވެ.
ސައީދު ވިދާޅުވީ މިއީ ރައްޔިތުންނަށް އެންމެ ބޭނުންތެރި، އެންމެ މުހިންމު ހައްލުކަމުގައިވެސް ދިވެހީން އަބަދުވެސް ގަބޫލުކުރާކަމަށާއި ދުނިޔޭގެ ބާޒާރުގައި ޕޭޕަލްގެ ހިއްސާ ބޮޑުކަމުން އެހެން ހުރިހާ ވަސީލަތްތަކަކަށްވުރެ އެ ހިދުމަތުގެ ނުފޫޒާއި މުހިންމުކަން ބޮޑުކަމަށެވެ.
ސައީދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިލިއަނެއްގެ ދެބައިކުޅަ އެއްބައި އާ ގާތްކުރާ އަދަދަކަށް އެކްޓިވް އެކައުންޓް ގެންގުޅޭ ޕޭޕަލް ފަދަ ބޮޑު ނެޓްވޯކަކުން، ވަކި މާކެޓަކަށް ހިދުމަތް ދޭން ފަށަނީ އެއްވެސް ރޭވުމެއް ނެތި ނޫންކަަމަށެވެ.
އެގޮތުން މި މަސައްކަތަކީ ހަމައެކަނި ވަގުތީ ހައްލެއް ހޯދުމެއް ނުވަތަ ކުރު މުއްދަތަކަށް ބޭނުންކުރާނެ އަމިއްލަ ބަދަލުތަކެއް ހޯދުމެއް ނޫންކަމަށާއި އޭގެ ބަދަލުގައި ނިޒާމީ ގޮތެއްގައި މަސައްކަތް ކުރީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ބިނާކޮށް ކުރިމަތިވި ގާނޫނީ ގޮންޖެހުންތަކުން އަރައިގަނެ ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ގާއިމުކުރުމަށްކަމަށް ވިދާޅުވިއެވެ.
ޒަމާނީ އޮންލައިން ޕޭމެންޓް ސިސްޓަމްތައް ހިމެނޭހެން އީވޮލެޓް ތާރަފްކުރުމާއި މާލީ މުއާމަލާތުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ދޭންފެށީ ޕޭޕަލް އާއި އުރީދޫއާ ދެމެދު ގާއިމުކޮށްފައިވާ ”ސީމްލަސް އިންޓަގްރޭޝަން“ގެ ތެރެއިން އުރީދޫ އެމް ފައިސާ މެދުވެރިކޮށެވެ. ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުމާއެކު މިހާރު ރާއްޖެ ހިމެނިގެން ދަނީ މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިގްތިސާދުތަކުގެ ލިސްޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ