ދިރާގުގެ ލިމިޓެއް ނެތް ފައިބާ ޕްލޭނެއް ނެގުމުން، ހިލޭ ''ހޯމް ކޮންޓެންޓް ތަކާފުލް'' ޕްލޭނެއް
ދިރާގުގެ "ލިމިޓެއް ނެތް" ފައިބާ ބްރޯޑްބޭންޑް ޕްލޭނެއް އެކްޓިވޭޓްކޮށްލައިގެން "ހޯމް ކޮންޓެންޓްސް ތަކާފުލް" އިސްލާމިކް އިންޝުއަރެންސް ޕްލޭން ލިބޭ ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ. އެލައިޑް އިންޝުއަރެންސާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަން ދިރާގުން އިއުލާނުކުރީ، އެ ކުންފުނީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި، މި ޕްރޮމޯޝަން އިއުލާނުކުރުމުގެ އިތުރުން، ދިރާގުން ވަނީ އެލައިޑަށް ދިރާގުގެ "އެލީޓް ކްލަބް"ގެ ބައިވެރިއެއްގެ ގޮތުގައި މަރުހަބާ ކިޔައިފައެވެ. ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ ލިމިޓެއްނެތް ފައިބާގެ ކޮންމެ ޕެކޭޖެއް މިހާރު ވެސް ބޭނުންކުރާ ކަސްޓަމަރުންނަށާއި މުޅިން އަލަށް ޕެކޭޖުތައް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް، ދޮޅުލައްކަ ރުފިޔާއާ ހަމައަށް އެލައިޑްގެ "ހޯމް ކޮންޓެންޓްސް ތަކާފުލް" ޕްލޭނެއް އެއް އަހަރު ދުވަހަށް މުޅިން ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ދިރާގުގެ ލިމިޓެއްނެތް ފައިބާ 30އެމް، ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް އަލަށް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް ދިރާގުގެ ފަރާތުން "ސްމާޓްވިއު އިންޑޯ ކެމެރާ"އެއް މުޅިން ހިލޭ ލިބޭނެ ކަމަށާއި ލިމިޓެއް ނެތް ފައިބާ 50އެމް، ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް އެ ކެމެރާގެ އިތުރުން 12 މަސްދުވަހަށް ހިލޭ "ކްލައުޑް ސްޓޯރޭޖް" ސަބްސްކްރިޕްޝަން ވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް އަދި ސްޕޮންސަޝިޕްސްގެ އެސިސްޓަންޓް މެނޭޖަރު ނަޝާޔާ ނަޢީމް ވިދާޅުވީ، ދިރާގުން އަބަދު ވެސް މަސައްކަތްކުރާނީ ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދީ، ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކުރުމަށް ކަމަށެވެ. "މި ގޮތުން، އަޅުގަނޑުމެންގެ މަގުސަދަކީ މި ޕްރޮމޯޝަންގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުބާރު ހިފޭ ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމުގެ އިތުރުން ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެހީތެރިވެދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުން،" ނަޝާޔާ ވިދާޅުވިއެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުން ވާހަކަދައްކަވަމުން އެލައިޑް ތަކަފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވީ، ދިރާގުން މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ ފައިބާ ނިޒާމުގެ އެހީގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ އިތުރުން، ދިގު މުއްދަތަކަށް އެ ފަރާތްތަކުގެ ދިރިއުޅުން ވެސް އިތުރަށް ފުރިހަމަވުމަކީ އެލައިޑްގެ ބޮޑު އުންމީދެއް ކަމަށެވެ. އެލައިޑް އިންޝުއަރެންސްގެ "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭންގެ އެހީގައި، ގޭތެރޭގައި ހުންނަ ސާމާނާއި، ހަރުކޮށްފައި ހުންނަ ތަކެއްޗާއި، ފަރުނީޗަރު ފަދަ ތަކެއްޗަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ލިބޭނެއެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާތަކާއި، ވައްކަމާއި، އުދަ އެރުމާއި، ފެންބޮޑުވުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް ހިމެނެއެވެ. ހަމަ އެހެންމެ މި ޕްރޮމޯޝަންގެ ދަށުން، ދިރާގުން ފޯރުކޮށްދޭ 'ސްމާޓްވިއު' އިންޑޯ ކެމެރާއަކީ 1080ޕީ ފުލް އެޗްޑީ ކޮލިޓީގައި، ރޭގަނޑު ވެސް ސާފުކޮށް މަންޒަރު ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ކެމެރާއެކެވެ. އެ ކެމެރާ 360 ޑިގްރީއަށް އަނބުރާލެވޭއިރު، އޭއައި މެދުވެރިކޮށް ހަރަކާތްތައް ދެނެގަނެ ވަގުތުން އެލާޓް ފޮނުވައިދިނުމުގެ ގާބިލުކަން ލިބިގެންވެއެވެ. މީގެ އިތުރުން، ދެކޮޅަށް ވާހަކަދެއްކޭ އޯޑިއޯ ނިޒާމެއް ހިމެނޭތީ، ކޮންމެ ތަނެއްގައި ހުރެގެން ވެސް ގޭގައި ތިބޭ އާއިލާގެ މެންބަރުންނާ ނުވަތަ ޒިޔާރަތްކުރާ މީހުންނާ ވާހަކަދައްކައި، ކަންކަން ބަލައިލެވޭނެއެވެ. ދިރާގުން ބުނީ، ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި އަންނަ އޮގަސްޓް މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި، ދިރާގުގެ ލިމިޓެއްނެޓް ފައިބާ ޕްލޭންތައް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި، އަލަށް އެކްޓިވޭޓްކުރާ ކަސްޓަމަރުން "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭންގެ ވައުޗަރު ހޯދައި ބޭނުންކުރެވޭނެ ގޮތުގެ މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. މީގެ އިތުރުން، ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް އެލައިޑް ތަކަފުލްގެ ވަކި ޚާއްސަ ޕްލޭންތަކަކުން ދިހަ އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އޭގެ ތެރޭގައި މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން، ހޯމް ކޮންޓެންޓްސް ޕްލޭން، ހިޔާވަހި، އަދި ފެމިލީ ތަކަފުލް ޕްލޭން ހިމެނޭ ކަމަށާއި އެގޮތުން އެލައިޑްގެ ކަސްޓަމާ ކެއާ ނުވަތަ ސޭލްސް ޗެނަލްތަކުން ޚިދުމަތަށް އެދޭއިރު، ދިރާގު އެލީޓް ކްލަބްގެ ޑިޖިޓަލް ކާޑު ދެއްކުމުން އެ ޑިސްކައުންޓްތައް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ